ENGLISH

05 މޭ 2026

Advertisement

ދިވެހި ރުފިޔާ ކާޑުތަކަށް ދޭ ޑޮލަރު؛ ބޭންކުން ދޭ އިނާޔަތެއް، ގެއްލުންނުވާނެހެން އިންތިޒާމުކުރުމުގެ ހައްގު އޮންނާނެ

05 މޭ 2026

|

ޝިފްޒާން އަޙްމަދު

ބޭންކް އޮފް މޯލްޑިވްސްގެ ކާޑެއް ބޭނުންކުރަނީ

އަޅުގަނޑުމެންގެ އަތުގައި އޮންނަ ދިވެހި ރުފިޔާ ޑެބިޓު ކާޑާއި ކްރެޑިޓު ކާޑު ބޭނުންކޮށްގެން ބޭރު ފައިސާގެ ގިނަ މުއާމަލާތްތަކެއް ހިންގަމެވެ. އީ-ކޮމާސް ވެބްސައިޓުތަކުން ވިޔަފާރިކޮށް، އެކި މަންސަތަކުގެ ސަބްސިކްރިޕްޝަންތަކަށް ފައިސާ ދައްކައި، ރާއްޖެއިން ބޭރުގައި އޭޓީއެމްތަކާއި ޕީއޯއެސްތަކުން މުއާމަލާތްކުރަމެވެ. އެކައުންޓުގައި ހުންނަނީ ދިވެހި ފައިސާއެވެ. އެކުރާ މުއާމަލާތަށް ހަރަދުވަނީ ޑޮލަރެވެ. އެ ޑޮލަރަކީ ބޭންކް އޮފް މޯލްޑިވްސްއިން އަޅުގަނޑުމެންނަށް ދޭ ޑޮލަރެވެ. ރަސްމީ ރޭޓުގައެވެ. 

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތްކުރުމަކީ ހައްގެއް ކަމަށެވެ. ނަމަވެސް އެއީ އަޅުގަނޑުމެންނަށް ބޭންކުން ފޯރުކޮށްދޭ އިނާޔަތެއް ނުވަތަ އިމްތިޔާޒެކެވެ. ދިވެހިންގެ ގައުމީ ބޭންކަށްވާތީ ދިވެހިންނަށް ހިދުމަތް ދިނުމަށް ބޭންކުން ކޮށްދޭ ކަމެކެވެ. 

ކާޑުތަކުގެ މުއާމަލާތް ހިނގަނީ ކިހިނެއް؟

އަޅުގަނޑުމެންގެ އަތުގައި އޮންނަ ޑެބިޓު އަދި ކްރެޑިޓް ކާޑަކީ ކާޑު ނެޓްވޯކަކުން ދޫކުރާ ކާޑެކެވެ. އެއީ މިސާލަކަށް ވިސާ ނުވަތަ މާސްޓަކާޑު ފަދަ ނެޓްވޯކުތަކެވެ. ބޭރުގެ ފަރާތަކާ ފައިސާގެ މުއާމަލާތެއް އެ ކާޑުންް ހެދުމުން އެ މާޗެންޓު އެ މުއާމަލާތުގެ ހިސާބު ފޮނުވާނީ ކާޑު ދޫކުރި ނެޓްވޯކަށެވެ. 

އެކައުންޓުގައި ޑޮލަރު ނޫން އެހެން ފައިސާއެއް ހުންނަނަމަ، އެ ނެޓްވޯކު ކާޑު ދޫކުރި ބޭންކު (ބީއެމްއެލް) މެދުވެރިކޮށް އެ މުއާމަލާތަށް އަރާ ފައިސާ ޑޮލަރަށް ބަދަލުކުރެއެވެ. މިގޮތަށް ބަދަލުކުރާއިރު އެ ނެޓްވޯކަކުން ބޭނުންކުރާނީ "އިންޓަ ބޭންކް އެކްސްޗޭންޖު ރޭޓް"އެއް ނުވަތަަ ދެ ބޭންކުގެ މެދުގައި ފައިސާ މާރުކުރުމުގައި ބޭނުންކުރާ ރޭޓެކެވެ. 

ފައިސާ ބަދަލުކުރުމުގައި ދެ ގޮތެއް އޮވެއެވެ. ފުރަތަމަ އަދި އެންމެ އާއްމު ގޮތަކީ ކާޑު ނެޓްވޯކުން އެ ނެޓްވޯކުގެ އަމިއްލަ އެކްސްޗޭންޖު ރޭޓާ އެއްގޮތަށް އެއް އިންސައްތަ ނުވަތަ ދެ އިންސައްތައިގެ ފައިދާއެއް ލުމަށްފަހު ހިސާބުކޮށް އެ މުއާމަލާތަށް އެރި ވަރު ހޯދުމަށް ބޭންކަށް ފޮނުވުމުން އެ އަދަދަށްވާ ފައިސާ ކާޑާ ގުޅިފައވާ އެކައުންޓުން އުނިކުރާނީ ބޭންކުންނެވެ. 

ނަމަވެސް ކާޑުގެ މުއާމަލާތަށް ހަރަދުވާ ބޭރު ފައިސާ ދައްކަންޖެހެނީ ބޭންކަށެވެ. އެހެންކަމުން ބޭންކުން އެ ފައިސާ ދައްކަނީ ބޭންކުގައި ހުރި ޑޮލަރާއި ބޭންކުގެ ވިޔަފާރިތަކުގެ ތެރެއިން ބޭންކަށް ލިބޭ ޑޮލަރު ބޭނުންކޮށްގެންނެވެ. އެ ޑޮލަރަކީ ކާޑުގެ ވެރި މީހާގެ ޑޮލަރެއް ނޫނެވެ. 

ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރުގެ ތަފާތު 

ރުފިޔާ ނެގުމަށްފަހު ބޭންކުން 2025 ވަނަ އަހަރު އެކި ބޭނުންތަކަށް 566 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އެއީ ޓީޓީ ހެދުމަށާއި ކާޑުތަކަށެވެ. އެއީ މުޅި އަހަރަށެވެ. ބޭންކުން ޑޮލަރު ލިމިޓުތަކަށް ދިން ލުޔާއެކު 2026 ވަނަ އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް 296 މިލިއަން ޑޮލަރު ބީއެމްއެލްއިން ކަސްޓަމަރުންނަށް ދޫކުރިއެވެ.

ވަކިވަކި ބޭނުންތަކަށް ބޭންކުން ޑޮލަރު ދޫކުރި މިންވަރަށް ބަލާއިރު ޓީޓީ ހެދުމަށް ބޭންކު ރޭޓުގައި ފާއިތުވި ހަތަރު މަހު އެވެރެޖުކޮށް މަހެއްގެ މައްޗަށް 34 މިލިއަން ޑޮލަރު ދޫކުރިއެވެ. 2025 ވަނަ އަހަރު މަހެއްގެ މައްޗަށް ދޫކޮށްފައިވަނީ އެވެރެޖުކޮށް 15 މިލިއަން ޑޮލަރެވެ. އެހެންކަމުން ޓީޓީ ހެދުމަށް ދޫކުރި ޑޮލަރުގެ އަދަދު ދެގުނަ އިތުރުވެފައިވެއެވެ. 

އޭގެ އިތުރަށް ޑެބިޓު ކާޑުތަކާއި ކްރެޑިޓު ކާޑުތަކުން ހިންގި ބޭރު ފައިސާގެ މުއާމަލާތްތަކަށް ބޭންކުން އެވެރެޖުކޮށް މަހެއްގެ މައްޗަށް 40 މިލިއަން ޑޮލަރު މި އަހަރުގެ ފުރަތަމަ ހަތަރު މަހު ދޫކޮށްފައިވާއިރު، 2025 ވަނަ އަހަރު މަހެއްގެ މައްޗަށް އެވެރެޖުކޮށް ކާޑުތަކުގެ މުއާމަލާތްތަކަށް ބީއެމްއެލްއިން ދޫކުރީ 33 މިލިއަން ޑޮލަރެވެ. 

މި ހުރިހާ މުއާމަލާތްތަކަށް ބޭންކުން ދޫކުރަނީ ބޭންކުގެ ޑޮލަރެވެ. އެއީ އެ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ އަމިއްލަ ޑޮލަރެއް ނޫނެވެ. އެހެންކަމުން އެއީ ބޭންކުން ދިވެހި ވިޔަފާރިތަކާއި ފަރުދުންނަށް ފޯރުކޮށްދޭ ހިދުމަތެއް އަދި ދެމުންދާ އިމްތިޔާޒެކެވެ. ބޭންކުގެ ހިސާބުތަކުން ފެންނަ ހަގީގަތަކީ ނިމުނު އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަތަރު މަހު ބޭންކުން ބޭރަށް ފޮނުވި ބޭރު ފައިސާގެ އަދަދު 100 މިލިއަނެއްހައި ޑޮލަރު އިތުރުވެފައިވެއެވެ. 

ބީއެމްއެލްއިން ދޭ ޔަގީންކަމަކީ އެ ބޭންކުން ބޭރު ފައިސާއިން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން ލާޒިމުކުރާ މިންވަރަށް ބޭންކުގެ ބޭރު ފައިސާ ލިކުއިޑިޓީ ނުވަތަ ބޭނުންކުރެވޭ ގޮތަށް ހުންނަ ބޭރު ފައިސާގެ އަދަދު ދަމަހައްޓަމުންދެއެވެ. އަދި ރެގިއުލޭޓަރީ މިންގަނޑުތަކުގެ ތެރެއިން ބޭރު ފައިސާ ފޯރުކޮށްދެވޭނެ އެންމެ ގިނަ އަދަދަކަށް ބޭންކުން ބޭރު ފައިސާ ދޫކުރަމުން ވިއްކަމުންދާކަން އެ ބޭންކުން ޔަގީންކޮށްދެއެވެ. 

ބޭންކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންގެ އަސާސީ ހައްގަށް އިސްކަންދިނުން 

ބޭންކަށް ގަންނަން ލިބޭ މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް ބީއެމްއެލްއިން ޑޮލަރު ދޫކުރެއެވެ. އެއީ ބޭންކުގެ މާލީ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމުގެ ވިސްނުމަކުން ބަލާއިރު ދެމެހެއްޓެނެވި ގޮތެއްގައި ބޭންކަށް ކުރެވޭނެ ކަމެއް ނޫނެވެ. ބޭންކުގެ މާލީ ދެމެހެއްޓެެނެވިކަން ގުޅިލާމެހެނީ ރާއްޖޭގެ އިގުތިސާދާއެވެ. ބޭންކަށް އަންނަ ކޮންމެ ލޮޅުމެއް ރާއްޖޭގެ މުޅި އިގުތިސާދަށް ފޭދި އޭގެ ނޭދެވޭ އަސަރު އިގުތިސާދީ ކުރިއެރުމަށް ކުރާނެއެވެ. 

ބޭންކަށް ލިބޭ ޑޮލަރު ބޭނުންކުރުމުގައި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ހަމަކަމަން ގާއިމުކުރުމަކީ ބޭންކުގެ އެންމެ އިސް ވާޖިބެވެ. ދުނިޔެ ހަނގުރާމައެއްގެ ވިލާގަނޑުގެ ދަށުގައި އޮތް މި ދުވަސްވަރު ބޭންކުގެ އެންމެ ބޮޑު ޒިންމާއަކަށްވާނީ ރާއްޖޭގެ އިންފުލޭޝަން މަތިވެ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުނުވާނެ ގޮތެއްގެ މަތިން ބޭރު ފައިސާ ފޯރުކޮށްދިނުމެވެ. އެކަމަށް އެންމެ މުހިއްމު އެއްކަމަކީ އަސާސީ ތަކެތި ރާއްޖެއަށް އެތެރެކުރާ ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޫކުރެވޭ ޑޮލަރުގެ އެހީތެރިކަން އިތުރުކުރުމެވެ. 

އާއްމު ފަރުދުންނަށް ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރި މުއާމަލާތްތައް ހިންގައި ބޭންކަށް އުދަގޫވާނެ ގޮތަށް ބޭރު ފައިސާ ބޭންކުން ބޭރުވާނެހެން މުއާމަލާތްތައް ހިންގާކަން ބޭންކަށް ކަށަވަރުވެއްޖެނަމަ، އެ ހާލަތުގައި ބޭންކުގެ މާލީ މަސްލަހަތު ބޭންކުން ރައްކާތެރިކުރަންޖެހެއެވެ. އެއީ ބޭންކުގެ ޑިޕޮސިޓަރުންްގެ ހައްގުތައް ރައްކާތެރިކުރުމަށް ބޭންކުން ކުރަންޖެހޭނެ ކަމެވެ. 

ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ މުއާމަލާތްތައް ކުރުމުގައި ބޭރުގައި ހުންނަ މީހަކަށް ނޫނީ އޭނާއަށް ދޫކޮށްފައި އޮންނަ ކާޑުން އޭޓީއެމް އަދި ޕީއޯއެސްތަކުގައި މުއާމަލާތްނުކުރެވޭ ގޮތަށް ހަމަޖެއްސުމުގެ ބޭނުމަކީ އެއީއެވެ. އަދި ދުވާލެއްގެ މައްޗަށް ބީއެމްއެލް ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން އީ-ކޮމާސް ވެބްސައިޓުތަކުން ކުރެވޭ މުއާމަލާތްތަކަށް ދުވާލެއްގެ މައްޗަށް ދޫކުރެވޭ ބޭރު ފައިސާގެ އަދަދު ވަކި މިންވަރެއްގައި ކަނޑައެޅުމާއި، މަހެއްގެ މައްޗަށް ކަސްޓަމަރަކަށް އީ-ކޮމާސް ވެބްސައިޓުތަކުގައި ކުރެވޭ މުއާމަލާތް 30 މުއާމަލާތުގައި ހިފަހެއްޓުމަކީވެސް ބޭންކުގެ މާލީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ. 

މިހުރިހާ ފިޔަވަޅެއް އެޅިއިރުވެސް ޑޮލަރު އެކައުންޓުތަކާ ގުޅުވާފައި ހުރި ކާޑުތަކުން މުއާމަލާތްކުރުމުގައި އެއިން އެއްވެސް ހިފަހެއްޓުމެއް ނޯންނާނެއެވެ. ސަބަބަކީ އެ ހާލަތުގައި ބޭނުންކުރާ ބޭރު ފައިސާއަކީ ކަސްޓަމަރުގެ އަމިއްލަ ފައިސާއަށްވާތިއެވެ. އެ ފައިސާ ބޭނުންކުރުމުގައި ކަސްޓަމަރަށް ފުރިހަމަ ހައްގު އޮންނާނެތީއެވެ. ނަމަވެސް ބޭންކުގެ ބޭރު ފައިސާއިން މުއާމަލާތްކުރާނެ މިންވަރާއި ކުރެވޭނެ ގޮތްތައް ކަނޑައަޅައި ބޭންކުގެ މާލީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ބޭންކުގެ ހައްގެއް އަދި ވާޖިބެކެވެ. 

ކާޑު އެހެން މީހުންނަށް ދީ، ޕިން ހިއްސާކުރުމަކީ ނުރައްކަލެއް

ޑެބިޓު ކާޑެއް ނުވަތަ ކްރެޑިޓު ކާޑެއް މީހަކަށް ދޫކުރާއިރު އޭނާއާ ބޭންކާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެއެވެ. އެ އއްބަސްވުމުގެ ދަށުން ތިބާގެ ކާޑު އަދި ޕިން ކޯޑު އާއިލާ މީހަކާވެސް ހިއްސާކުރުމަކީ މަނާކަމެއް ކަމަށް އެއްބަސްވެއެވެ. 

މި އެއްބަސްވުމާ ހިލާފުވެ ކާޑު އެހެން މީހަކަށް ދިނުމާއި ޕިން ހިއްސާކުރުމުގެ ނަތީޖާއަކަށްވާނީ ފްރޯޑުން އަދި ހުއްދަ ނުދޭ މުއާމަލާތްތަކުން ހިމާޔަތްވުމުގެ ހައްގު ގެއްލުމާއި، ބޭންކަށް އެކައުންޓު ފުރީޒުކުރުމުުގެ ހައްގު ލިބުމާއި ލިބޭ ގެއްލުމެއްގެ ފުރިހަމަ ޒިންމާ ކާޑު އެހެން މީހަކަށް ދިން މީހާ އުފުލަންޖެހުމެވެ. 

ކިޔުންތެރިންގެ ހިޔާލު