ENGLISH
05 މޭ 2026
ބޭހުގެ މައްސަލައިގައި މަޝްވަރާކުރަން ކުންފުނިތައް މިއަދު އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަނީ
05 މޭ 2026
|
އެސްއޯއީ ކޮމީޓީގެ ބައްދަލުވުމުގެ ތެރެއިން.
އެންމެ މަޤްބޫލު
ރާއްޖޭގެ ބާޒާރުން ބޭސް ލިބުމުގައި ހުރި ދަތިތަކާއި ބޭހުގެ އަގު ބޮޑުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، މިކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު 11:00 އަށެވެ.
މިކަމާ ގުޅިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެސްޓީއޯއާއި ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) ގެ އިސް ވެރިން ކޮމިޓީއަަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
ނާޒިމު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި އެކަމަށް އަވަސް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.
މި މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި، މެންބަރު ނާޒިމް ވަނީ އެސްޓީއޯ އާއި އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފަ އެވެ. ކޮމެޓީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަސާސީ ބޭސްތައް ލިބުމުގައި ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. އަދި ބޭސް ސިޓީއަށް ބޭސް ހޯދުމަށް ފަސް ހަ ފާމަސީއަށް ދާންޖެހުމާއި، ބައެއް ބޭސްތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ މައްސަލަ މެންބަރުން ވަނީ ފާހަގަކުރައްވާފަ އެވެ. މިކަމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކްލީފުތަކަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް މެންބަރުން ވިދާޅުވި އެވެ.
މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ހާޒިރުކުރާ މުއައްސަސާތައް:
- އެސްޓީއޯ
- ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
- އެންސްޕާ
- އާސަންދަ ކުންފުނި
ރައްޔިތުންނާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި މުއައްސަސާތަކުން ޖަވާބުދާރީވާގޮތް ރައްޔިތުންނަށް ހާމަކުރުމުގެ މަގުސަދުގައި މި ކޮމިޓީ ބައްދަލުވުން ކުރިއަށްގެންދާނީ ލައިވްކޮށެވެ.