ENGLISH

05 މޭ 2026

Advertisement

މާފުށީގެ އިރުން ފަސް މޭލު ބޭރުގައި ވަދު ކަނދުފަތި އަޅައިފި

05 މޭ 2026

|

ސުވެއިދާ ހުސެއިން

ކ. މާފުށީގެ ބޭރުގައި އަޅާފައިވާ ވަދު ކަނދުފަތި: މި ކަނދުފަތީގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކ. މާފުށި ކައިރީގައި ވަދު ކަނދުފަތި އަޅައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ މި ކަނދުފަތި އަޅާފައިވަނީ މާފުށީގެ  އިރުން 5 މޭލު ބޭރުގައިކަމަށެވެ.

މި ވަދު ކަނދުފަތީގެ ނަންބަރަކީ I10V01 އެވެ. އަދި މި ވަދު ކަނދުފަތި އަޅާފައިވާ ސަރަހައްދަކީ 3°55.500’N އަދި 33.600 73°’E އެވެ.

އެވުޒާރާއިން ބުނިގޮތުގައި މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެއެވެ. އެގޮތުން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

މާފުއްޓަކީ ރާއްޖޭގައި ފަތުރުވެރިކަން ފުޅާދާއިރާ އެއްގައި ކުރާ ރަށެކެވެ. އެހެންކަމުން މި ކަނދުފަތީގެ ސަބަބުން އެސަރަހައްދުގެ ފަތުރުވެރިކަމަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. 

މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ކަނދުފަތި ވަނީ އަޅާފައެވެ. އެއީ 42 ދޮށީ ކަނދުފައްޗާއި، 48 ވަދު ކަނދުފައްޗެވެ. 

ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު