ENGLISH

05 މޭ 2026

Advertisement

ހައްޖަށް މީހުން ގެންދަނީ ކޯޕަރޭޝަނުގެ ކިއު ތަރުތީބުން، އިސްކަންދެނީ އަލަށް ހައްޖުވާ މީހުންނަށް

05 މޭ 2026

|

ޝިފްޒާން އަޙްމަދު

ހައްޖުގެ އަޅުކަމުގައި ދިވެހި ހައްޖުވެރިން

މި އަހަރު ހައްޖަަށް މީހުން ގެންދަނީ ހައްޖު ކޯޕަރޭޝަނުގެ ކިއުގައި ތިބި މީހުންގެ ތެރެއިން ކޯޓާގެ އަދަދަށްވާ މީހުންކަމަށާއި، ފުރުސަތު ދިނުމުގައި އިސްކަންދެނީ އަލަށް ހައްޖުވާ މީހުންނަށް ކަމަށް ހައްޖު ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޝައިޚް އަލީ ޝަރީފު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޝައިޚް އަލީ ޝަރީފު ވިދާޅުވީ ހައްޖަށް ގެންދާ މީހުންް އިހުތިޔާރުކުރަނީ ހައްޖު ކޯޕަރޭޝަނުގެ ކިއުއިން ކަމަށެވެ. ކިއުގެ ތަރުތީބުން ކޯޓާއަށްވާ އަދަދަށް މީހުންނަށް ފުރުސަތު ދޭއިރު ކިއުއިން ބޭރުން ހައްޖަށް ގެންދަނީ އެހީތެރިންނާއި އިދާރީ ކަންކަމުގައި ހަރަކާތްތެރިވާ މީހުން އެކަނި ކަމަށްވެސް ޑީއެމްޑީ ވިދާޅުވިއެވެ. 

"ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމެއްް އަލަށް ޙައްޖަަށް ދާ މީހުންނަަށް އިސްކަންދިނުން. އަލަށް ޙައްޖަށް ދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދިނުން. އެގޮތުގެ މަތިން އެކިއުގެ ތަރުތީބު މިނެގެނީ،" ޝަރީފު ވިދާޅުވިއެވެ. 

ޝަރީފު ވިދާޅުވީ ކިއުގެ އެއްވެސް ކަމެއް އޮޅުވައިލުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. ސަބަބެއްކަމަށް ޝަރީފު ވިދާޅުވީ ކޯޕަރޭޝަނުގެ ކިއުއަކީ އިންތިޒާމީ ގޮތެއްގައި ބަރާބަރަށް ކޮންމެ އަހަރަކު އޮޑިޓުކުރެވޭ ކިއުއެއްކަމަށާއި، ކިއުގެ ތެރެއިން ހައްޖަށް ދާނެ މީހުން ނެގެނީ އޮޓޮމެޓިކުން ކަމަށެވެ. 

"މިކިއުގެ ނިޒާމަކީ ވަރަށް ހަރުދަނާ ގޮތަކަށް ހެދިފައިވާ ނިޒާމެއް. މިކިއުގެ އެއްވެސް މީހަކަށް މިއަކާ ނުކުޅެވޭނެ. އޮޑިޓުކުރެވެމުންދާ ކިއުއެއް މިއީ. މީހުން ނެގުމާއި ނުދެވިގެންދާ މީހާ އަނބުރާ ކިއުއަށް ދިއުމާ މިހުރިހާ އެއްޗެއްވެސް މިދަނީ އޮޓޮމެޓިކުން،" ޝަރީފު ވިދާޅުވިއެވެ. 

އުމުރުން ދުވަސްވީ މީހުންނަށާއި އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދޭއިރު އެއިން ކޮންމެ ބަޔަކަށްވެސް ކޯޓާއިން ވަކި އިންސައްތައެއް ކަނޑައަޅާފައިވާކަމަށްވެސް ޑީއެމްޑީ ވިދާޅުވިއެވެ. 

އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އުމުރުން 75 އަހަރުން މަތީ މީހުންނަށް އެހީތެރިޔަކު ގެންދިއުމުގެ ފުރުސަތު ކޯޕަރޭޝަނުން ދެއެވެ. އެގޮތުން އެމީހެއްގެ އާއިލާ މީހަކު އޭނާއާއެކު ގޮވައިގެން ދިއުމުގެ ފުރުސަތު އޮންނާނެއެވެ. އޭގެ އިތުރަށް ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށްވެސް އެ ފުރުސަތު ދެއެވެ. 75 އަހަރުން މަތީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންގެ އެހީތެރިންނަށްވެސް ފުރުސަތު ދެނީ ކޯޓާއިންނެވެ. 

ކިއުގެ ތަރުތީބުން ހައްޖަށް ދާން އިންވިޓޭޝަން ފޮނުވުމުން މި އަހަރުވެސް 200 އެއްހައި މީހުން މި އަހަރު ހައްޖަށް ދެވެން ނެތްކަން އަންގާފައިވާކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ އެކަމުގެ ސަބަބުން ހައްޖަށް ގެންދިއުމަށް ތައްޔާރުވުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު