ENGLISH
05 މޭ 2026
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސްރީލަންކާގެ ގުޑް މާކެޓަށް ޒިޔާރަތްކުރައްވައިފި
04 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސްރީލަންކާގެ ގުޑް މާކެޓަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ސްރީލަންކާގެ ގުޑް މާކެޓްގެ އޮފީހަށް ޒިޔާރަތްކުރައްވައިފި އެވެ.
މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ކުރެއްވި ޒިޔާރަތެކެވެ.
ގުޑް މާކެޓްގެ ފަރާތުން އިންތިޒާމުކުރި މި ޒިޔާރަތުގައި، އެކަމަނާ ވަނީ ކޮލަންބޯގެ ޒަމާންވީ "ދި 80 ކްލަބު އޮފް ކޮލަންބޯ" ގައި ކުރިއަށްދިޔަ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ދައްކާލާ މައުރަޒެއް ބައްލަވާލައްވާފަ އެވެ. އެގޮތުން މި މައުރަޒުގައި ދައްކާލާފައިވާ އުފެއްދުންތަކުގެ ތެރޭގައި، ދެމެހެއްޓެނިވި ގޮތުގައި ތައްޔާރުކުރާ ކާބޯތަކެއްޗާއި ދުޅަހެޔޮކަމާ ގުޅޭ އުފެއްދުންތަކާއި، ޒިންމާދާރުގޮތުގައި ތައްޔާރުކުރެވޭ އަންނައުނާއި ދިރިއުޅުމުގެ ވައްޓަފާޅީގެ އެކިއެކި ބްރޭންޑްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން މުޖުތަމަޢުގެ ލާބައަށް ހިންގާ ވިޔަފާރިތަކުގެ އުފެއްދުންތައް ހިމެނެ އެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިޔަފާރިވެރިންނާ ސީދާ ބައްދަލުކުރައްވައި، އައު ވިޔަފާރިތައް ތަރައްޤީކޮށް ފުޅާކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި އިޖުތިމާޢީ މަންފާއަށް ވިސްނުމާއި ގުޅޭގޮތުންނާއި މިފަދަ އެކިއެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތައް ހޯދުމާބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. މީގެ އިތުރުން، އަންހެނުން އިސްވެ ހިންގާ ވިޔަފާރިތައް ބާރުވެރިކުރުވުމާއި، ޝާމިލު އިޤުތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ފަދަ ގުޅުންތައް ޤައުމުތަކުގެ މެދުގައި އާލާކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
އެކަމަނާގެ މި ޒިޔާރަތުގެ ސަބަބުން، ދިވެހިރާއްޖެއާއި ސްރީލަންކާގެ ރައްޔިތުންގެ ދެމެދުގައި އޮތް ޒަމާންވީ ދޭދޭ ގުޅުމާއި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ހާމަވެގެންދިޔަ އެވެ.
ސްރީލަންކާގެ ގުޑް މާކެޓަކީ، ޒިންމާދާރުކަމާއެކު ތަކެތި އުފައްދައި ބޭނުންކުރުމަށް ބާރުއަޅައިގެން ހިންގާ ޝާމިލު އަދި ދެމެހެއްޓެނިވި ވިޔަފާރިތަކަށް އެއްބާރުލުންދީ އެފަރާތްތަކުގެ އުފެއްދުންތައް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް އަމާޒުކޮށް ހިންގާ މާކެޓެކެވެ.