ENGLISH
04 މޭ 2026
އެފްޑީސީ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން ގާނޫނީ ހުރަހެއް ނެތް: ވަޒީރު މުއްޠަލިބް
04 މޭ 2026
|
އެފްޑީސީ ފްލެޓްތައް. ފޮޓޯ؛ ދިޔަރެސް
އެންމެ މަޤްބޫލު
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަކީ ކުލީގެ އެއްބަސްވުމެއްގެ ދަށުން ދޫކުރާ ތަންތަން ކަމަށް ބުނެ، އެ ތަންތަނަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނާ ބުނުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ރައްދު ދެއްވައިފި އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.
ވަޒީރު ވިދާޅުވީ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި، ސިޓީ ކައުންސިލުގެ އެ ނިންމުމަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށެވެ. އެފްޑީސީގެ ފްލެޓްތަކުގެ އެއްބަސްވުމުގައި އޮތް ހަމައެކަނި ތަފާތަކީ "ސޭލް އެންޑް ޕާޗޭޒް" އެގްރިމެންޓުގެ ބަދަލުގައި "ރެންޓް ޓު އޯން" މޮޑެލް ބޭނުންކުރުންކަމަށް ވިދާޅުވި އެވެ.
"ގާނޫނީ އެއްވެސް ހުއްޖަތެއް އޮތް ކަމެއް ނޫނޭ. ސިޓީ ކައުންސިލުން ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި، ސަރުކާރާއި ރައްޔިތުން ޖެއްސުމަށް ކޮށްގެން އުޅޭކަމެއް އެއީ. އަޅުގަނޑުމެން އެފްޑީސީއަށް ވެސް ސިޓީ ކައުންސިލަށް ވެސް ލިޔުމުން އަންގާފައިވާނީ އެކަން ކޮށްދޭން. އެއީކީ ގާނޫނީ ހުއްޖަތެއް އޮތް ކަމެއް ނޫން. ކައުންސިލުން ކޮށްދިނީމަ ކުރެވޭނެ،". ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މިކަން ނުކޮށްދީ ސަރުކާރު ބޮލުގައި އެޅުވުމުގެ އެއްވެސް ހައްގެއް ސިޓީ ކައުންސިލަށް ނޯންނާނެ ކަމަށެވެ.