ENGLISH
04 މޭ 2026
ބީއެމްއެލްގެ އެހީގައި އޭދަފުށިގައި ޒަމާނީ ވޮކޭޝަނަލް ލެބަކާއި ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމްކޮށްފި
04 މޭ 2026
|
އޭދަފުށީގައި ތަރައްޤީކުރެވުނު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރ -- ފޮޓޯ: ބީއެމްއެލް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑް" ކާމިޔާބުކޮށްގެން ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ ވޮކޭޝަނަލް ޓްރެއިނިންގ ލެބަކާއި ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފި އެވެ.
މި މަޝްރޫއަކީ 2025 ވަނަ އަހަރުގެ ބޭންކްގެ ފަންޑްގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ އަމާޒަކީ ދަރިވަރުންގެ އަމަލީ ހުނަރުތަކާއި އުފެއްދުންތެރިކަން އިތުރުކޮށް، މަސައްކަތްތެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުން ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ.
އޭދަފުށީގައި ތަރައްޤީކުރެވުނު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރ -- ފޮޓޯ: ބީއެމްއެލް
މި މަޝްރޫއުގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޕްރޮފެޝަނަލް ކެމެރާތަކާއި ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕަކާ އެކުގަ އެވެ. ބީއެމްއެލް އިން ބުނީ، މި ތަނުގައި ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ޒަމާނީ ދާއިރާތަކުން ތަމްރީނުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ މިއަދުގެ ވަޒީފާގެ ބާޒާރުގައި ބޮޑު ޑިމާންޑެއް އޮތް ދާއިރާތަކަކަށް ވާތީ، މީގެ ސަބަބުން ދަރިވަރުންގެ އުފެއްދުންތެރި ހިޔާލުތައް އަމަލީ ސިފައަކަށް ބަދަލުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ފޭލި ޖަމިއްޔާއިން ފާހަގަކުރެ އެވެ.
ސްޓޫޑިއޯގެ އިތުރުން، އެ ސްކޫލުގައި ކުރިން ހިންގަމުންދިޔަ ވޮކޭޝަނަލް ޓްރެއިނިންގ ލެބް ވެސް ވަނީ މި މަޝްރޫއުގެ ދަށުން އިތުރަށް ތަރައްގީކޮށްފަ އެވެ. އެގޮތުން ކާޕެންޓްރީ ނުވަތަ ވަޑާންކުރާ ބައެއް އަލަށް ހިމަނައި، ބޭނުންވާ ސާމާނާއި ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކުގެ އިތުރުން ސަލާމަތީ އިކުއިޕްމަންޓްތައް ވެސް ވަނީ ފޯރުކޮށްދީފަ އެވެ.
އޭދަފުށީގައި ތަރައްޤީކުރެވުނު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރ -- ފޮޓޯ: ބީއެމްއެލް
ފަހަން ދަސްކުރަން ބޭނުންވާ ކުދިންނަށް ފެހުމުގެ ބައި ވެސް ވަނީ އާ ފަހާފޮށިތަކާއި އެހެނިހެން ވަސީލަތްތަކާއެކު އަޕްގްރޭޑް ކޮށްފަ އެވެ. ފޭލި ޖައްމިއްޔާއިން ބުނީ، މި ހުރިހާ ވަސީލަތްތަކަކީ ވެސް ދަރިވަރުންނަށް ރައްކާތެރި މާހައުލެއްގައި އަމަލީ ތަޖުރިބާ ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަންތަނެވެ.
ބޭންކް ފަންޑަކީ ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކުން މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ. މި ފަންޑުގެ ދަށުން ކޮންމެ އަހަރަކު ފާހަގަކޮށްލެވޭ ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓަކަށް 200،000 ރުފިޔާގެ އެހީތެރިކަން ބޭންކުން ފޯރުކޮށްދެ އެވެ.
އޭދަފުށީގައި ގާއިމްކުރެވިގެންދިޔަ ވޮކޭޝަނަލް ސެންޓަރުގެ ސަބަބުން، އެރަށާއި އަދި އެރަށު ކައިރިރަށްރަށުން ތަމްރީނު ހޯދަން ބޭނުންވާ ކުދިންނަށް ލުއި ފަސޭހަވެގެންދާނެ އެވެ. އަދި ޒަމާނީ ވަސީލަތްތައް ގާއިމްކުރެވިފައިވާ ހުރުމުން އިތުރަށް ހުނަރުތައް ތަރައްޤީކުރުމަށް ފަސޭހަވެގެންދެ އެވެ.