ENGLISH

04 މޭ 2026

Advertisement

މާލޭގެ މަގުތަކުގައި ފެންބޮޑުވުން ހުއްޓޭނެ ގޮތަކަށް ނޫނީ ޗައިނާއިން މަގުނުހަދާނެ: ވަޒީރު މުއްޠަލިބް

04 މޭ 2026

|

އައިމިނަތު ޝަފާ

އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު

މާލޭގެ މަގުތަކުގައި ފެންބޮޑު ނުވާނެހެން ނޫންގޮތަކަށް މަގު ހަދަން ޗައިނާ ސަރުކާރުން އެއްބަސްނުވާކަމަށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ. 

ވަޒީރު ވިދާޅުވީ މާލޭގެ މަގުތަކަކީ ހަމަ ކަމެއް ކޮށްލުމުގެ ނިޔަތުގައި ކުރާ މިންވަރަށްވުރެ މާ ބޮޑު މަސައްކަތެއް ކަމަށެވެ. ޗައިނާ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުންވެސް މަސައްކަތްކުރަނީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށްކަން ހާމަކުރައްވައި ވަޒީރު ވިދާޅުވީ ޗައިނާގެ އުސޫލުތައް ކަނޑައެޅިފައިވާގޮތުން މަޝްރޫއުގެ ކޮންމެ ސްޓޭޖަކަށް ވަކިން ޓެންޑަރ ކުރެވި މީހުން ނެގިގެން ދާކަމަށެވެ. 

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ބަލަހައްޓައިގެން ތިބެނީކީ ނޫނޭ. މަޝްރޫއު ފެށިގެން ރަނގަޅަށް ޑިޒައިން ކުރެވިގެން ޓްރެފިކާއި، ފެންބޮޑުވުން ހައްލުކުރުމާއި މި ހުރިހާ ކަމަކާއެކު ރަނގަޅަށް ސާވޭކުރެވިގެން ޑިޒައިން ކުރެވިގެން މާލޭގައި ފެންބޮޑު ނުވާނެހެން މަގުހަދަން ނޫންގޮތަށް ޗައިނާގެ އެބޭފުޅުން ވެސް އެއްބަސްވެނުލައްވާ ކަމަށް ވިދާޅުވި. އެ އުސޫލުން ކުރިއަށްގެންދަންޏާ ވަގުތުވެސް ބޭނުންވާނެ،". ވަޒީރު ވިދާޅުވި އެވެ.  

ވީހާވެސް އަވަހަށް މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި މަޝްރޫއުގެ އެއްވެސް ހިސާބަކު މަސައްކަތް ހުއްޓިފައި ނެތްކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަ އެވެ.  

މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވާ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ނެވެ.

ޗައިނާ ސަރުކާރުން ދިން ހިލޭ އެހީގެ ބޮޑުބައެއް ހަރަދުކުރާނީ މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ކަމަށް ދެ ގައުމުގެ ސަރުކާރުން ވެސް ވަނީ ކުރިން ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު