ENGLISH
04 މޭ 2026
އައިއޯޓީސީގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފަށައިފި
04 މޭ 2026
|
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ ބައްދަލުވުމުގެ ތެރެއިން.
އެންމެ މަޤްބޫލު
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ މި އަހަރުގެ އަހަރީ ބައްދަލުވުން މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން މި މަހުގެ 15 އަށް ބާސެލޯ ނަސަންދުރައިގައި ކުރިއަށްދާ އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ސިލްސިލާ މަޝްވަރާތައް ފަށަފައިވަނީ ކޮމްޕްލަޔަންސް ކޮމިޓީގެ ބައްދަލުވުމުންނެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދާއި އެނޫންވެސް ސަރަހައްދުތަކުގެ މެންބަރު ގައުމުތަކާއި، އޮބްޒާވަރުން އަދި ކަމާގުޅުންހުރި އެކި ފަރާތްތައް ބައިވެރިވާ ފަންނީ އަދި ކޮމިޝަން ފެންވަރުގެ މަޝްވަރާތަކުގެ ފެށުމެވެ.
ކޮމްޕްލަޔަންސް ކޮމިޓީއަކީ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ހިމާޔަތްކުރުމާއި މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމުގައްޔާއި، މުރާޖައާކުރުމުގައާއި، ބަލަހައްޓައި ބެލެހެއްޓުމުގެ މޮނިޓަރިން ކޮންޓްރޯލް އަދި ސަވައިލަންސް ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، މި ސަރަހައްދުގެ ކަނޑުމަހުގެ މަސްވެރިކަމުގައި ދެފުށް ފެންނަ، ޒިންމާދާރު އުސޫލުތަކެއް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކޮމިޓީއެކެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެ އެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ ބައްދަލުވުމުގެ ތެރެއިން.
ވުޒާރާއިން ބުނީ މިފަދަ މުހިންމު ފުރުސަތެއް ރާއްޖެއަށް ލިބިގެން މި ދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އައި.އޯޓީ.ސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމު ކަމުންކަމަށާއި އަދި މި ބައްދަލުވުން ބޭއްވުމަށް ހުރިހާ ޚަރަދެއްވެސް ސަރުކާރުންކުރާކަމީ މިކަމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއްކަމަށް ވުޒާރާއިން ބުނެ އެވެ. ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މި ސަރުކާރުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އައި.އޯ.ޓީ.ސީގެ މައި ބައްދަލުވުމުގެ އިތުރުން، އައި.އޯ.ޓީ.ސީގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ދިވެހިރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އެ ބައްދަލުވުންތަކުގެ ތެރޭގައި:
· އައި.އޯ.ޓީ.ސީގެ ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން
· އައި.އޯ.ޓީ.ސީގެ އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުން
· އައި.އޯ.ޓީ.ސީގެ މެނޭޖްމަންޓް ޕްރޮސީޖަރސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުން
މިއީ އައި.އޯ.ޓީ.ސީ ގެ ކޮމިޝަން ބައްދަލުވުމެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާ އެވެ.
އައި.އޯ.ޓީ.ސީއިން ނިންމާ ނިންމުންތަކުގެ ތެރޭގައި މި ސަރަހައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމުގެ ފިޔަވަޅުތަކާއި، މަސްބޭނޭނެ މިންގަނޑުތައް ކަނޑައެޅުމާއި، އިލްމީ ދިރާސާތައް ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. މި ނިންމުންތަކުގެ ސަބަބުން، ކަނޑުމަހުގެ ބާވަތްތަކުގެ އާބާދީ ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް މަސްވެރިކަމުގެ ސިނާޢަތުގެ މަންފާ އިތުރުކުރުމުގެ މަގުފަހިވެގެންދެއެވެ.