ENGLISH

04 މޭ 2026

Advertisement

ރާއްޖެއާއި ލަންކާއާ ދެމެދު މުހިންމު 7 އެއްބަސްވުމެެއްގައި ސޮއިކޮށްފި

04 މޭ 2026

|

އައިމިނަތު ޝަފާ

ރާއްޖެއާއި ލަންކާއާ ދެމެދު މުހިންމު 7 އެއްބަސްވުމެެއްގައި ސޮއިކުރުން --

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވަމުން އަންނަ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު މުހިންމު ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

ސްރީލަންކާގެ ރައީސްގެ އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާތައް ބަދަލުކޮށްފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސްގެ ކުރިފުޅުމަތީގަ އެވެ.

ލަންކާއާއި ރާއްޖެއިން އެކުލަވާލި އެއްބަސްވުންތަކުގެ ތަފްސީލުތައް: 

1 ފަތުރުވެރިކަމުގެ ސިނާއަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެވޭ އެއްބަސްވުން. 

2 އަރްޝީފްކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން.  

3 ޓީޗަރުންނާއި ސުކޫލުތަކުގެ ލީޑަރުން ތަމްރީނުކުރުމާއި ފަންނީ ކުރިއެރުވުމުގެ އެއްްބަސްވުން. 

މި އެއްބަސްވުންތަކުގައި ދިވެހި ރާއްޖެ ތަމްސީލުކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެެވެ. ލަންކާ ތަމްސީލުކުރެއްވީ ލަންކާގެ ހާރިޖީ ވަޒީރު ވިޖިތް ހެރަތު އެވެ. 

4 ކުޅިވަރާއި ޒުވާނުން ތަރައްގީކުރުމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެކުލަވާލެވުނު އެއްބަސްވުން.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރު ތަމްސީލުކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެެވެ. ލަންކާ ސަރުކާރުތަމްސީލުކުރެއްވީ ލަންކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޔޫތް އެފެއާޒް ސުނިލް ކުމާރަ ގަމަގޭ އެވެ. 

5 ދިފާއީ ދާއިރާއިން ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުން.

މި އެއްބަސްވުމުގައި ރާއްޖެ ތަމްސީލުކުރެއްވީ ލަންކާއަށް ރާއްޖެއިިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. އަދި ލަންކާ ތަމްސީލުކުރެއްވީ ސެކްރެޓަރީ ޓު ދަ މިނިސްޓްރީ އޮފް ޑިފެންސް އިން ސްރީލަންކާ ސަމްޕަތު ތުޔަކޮންތާ އެވެ.  

6 ދިފާއި ދާއިރާއިން ތައުލީމާއި ތަމްރީނާއި މި ދާއިރާއިން ދިރާސާތައް ކުރުމުގެ އެއްބަސްވުން.  

މި އެއްބަސްވުމުގައި ރާއްޖެ ތަމްސީލުކުރެއްވީ ލަންކާއަށް ރާއްޖެއިިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ.  އަދި ލަންކާ ސަރުކާރު ތަމްސީލުކުރެއްވީ ވީ ޖެނެރަލް ސަރ ޖޯން ކޮތަލަވެލަ ޑިފެންސް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ދައްމިކަ ކުމާރަ އެވެ. 

7 އިލްމީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން.

މި އެއްބަސްވުމުގައި ރާއްޖެ ތަމްސީލުކުރެއްވީ ލަންކާއަށް ރާއްޖެއިިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. އަދި ލަންކާ ސަރުކާރު ތަމްސީލުކުރެއްވީ ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ވައިސް ޗާންސަލަރ ޕްރޮފެސަރ އިންޑިކާ އެމް. ކަރުނާތިލަކަ އެވެ. 

ސްރީލަންކާއަކީ ދިވެހިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމަކަށްވީއިރު މި ފަހުމުނާމާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

މީގެ އިތުރަށް ރައީސްގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރެވޭނެ އެވެ. މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 1965 ޖުލައި 26 ގައެވެ.

ކިޔުންތެރިންގެ ހިޔާލު