ENGLISH

30 މޭ 2026

Advertisement

ލީޗާ ރޮންޒޫލީ: މައިވަންތަ ޒިންމާތަކާއި މަޖިލީހުގެ ޒިންމާތައް އެކުއެކީގައި ކުރެވޭނެކަން މުޅި ދުނިޔެއަށް ދައްކައިދިން މެމްބަރު

02 މޭ 2026

|

އައިޝަތު ޝާލީން

އިޓަލީގެ މަޖިލިސް މެމްބަރު ލީޗާ ރޮންޒޫލީ އޭނާގެ ދަރިފުޅާއެކު ޔޫރަޕިއަން ޕާލިމެންޓުގައި --

ދެހާސް ދިހަ ވަނަ އަހަރު ޔޫރަޕިއަން ޕާލިމެންޓުގައި އިޓަލީ ތަމްސީލުކުރި މަޖިލިސް މެމްބަރެއް ކަމަށްވާ ލީޗާ ރޮންޒޫލީ ހެޑްލައިންތައް ފުރާލީ އާންމުކޮށް ނުފެންނަފަދަ ޚާއްސަ މަންޒަރަކާ އެކުގައެވެ. އެއީ އޭނާގެ އެންމެ 44 ދުވަސް ފުރިފައިވާ ދަރިފުޅު ގޮވައިގެން ފްރާންސްގެ ސްޓްރަސްބާގުގައި ހުންނަ ޔޫރަޕިއަން ޕާލިމަންޓުގައި އޮތް ސެޝަންއަކަށް ހާޒިރުވި މަންޒަރުންނެވެ. 

މިއީ، ޚާއްސަ ފޮޓޯއެއް ނަގާލައި ހެޑްލައިންތައް ހަދާލުމަށް އޭނާ ކުރި ކަމެއް ނޫނެވެ. އެހެން ނަމަވެސް މުޅި ދުނިޔެއަށް ވަރުގަދަ މެސެޖެއް ފޮނުވާލުމުގެ ނިޔަތުގައި ނެގި ފިޔަވަޅެކެވެ. އޭނާގެ މެސެޖު ވަރަށް ސާފެވެ. އަންހެނުންނަށް ވަޒީފާއާއި މައެއްގެ ދައުރު އަދާކުރުމުގައި ކޮންމެވެސް އެއް ކަމެއް ނެގުމުގެ ބަދަލުގައި ދެކަންތައް އެއްކޮށްވެސް ކުރެވޭނެކަން އޭނާ މުޅި ދުނިޔެއަށް ބުނެދިނެވެ. 

ވޯކް-ލައިފް ބެލެންސްއާއި ވިހެއުމަށްފަހު މަސައްކަތުގެ މާހައުލުން އަންހެނުންނަށް ލިބެންޖެހޭ ހައްގުތަކާއި، ޗައިލްޑްކެއާ އަދި ހަމަހަމަކަމުގެ ވާހަކަތައް ވަރަށް ބާރަށް ދެކެވެމުންދިޔަ ޒަމާނެއްގައި ރޮންޒޫލީގެ މި އަމަލުން ޕްރޮފެޝަނަލިޒަމްގެ ސަގާފީ އެތައް ކަމަކަށް ގޮންޖެހުން އަމާޒުވިއެވެ. ޔޫރަޕުގެ ސިޔާސީ މަޝްވަރާތައް ކުރެވޭ އެންމެ މުހިންމު އެއް ތަނުގައިހުރެ މިފަދަ ފިޔަވަޅެއް އެޅުމުން ގިނަ ބައެއްގެ ހިތްވަރާއި ތައުރީފު އޭނާއަށް ލިބިގެންދިޔައިރު އަނެއް ބަޔަކު ދިޔައީ އެކި ގޮތްގޮތުން ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. 

އެހެންނަމަވެސް ރޮންޒޫލީއަށް އޭނާއަށް ބުނެދެވޭ މެސެޖު ވަރަށް ކުޑަވެފައި ފޮނިވެސް މެއެވެ. އެއީ މައިވަންތަކަމަކީ އެއްވެސް ކަމަކަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމެވެ. 

އޭނާއަށް ގިނަ ބައެއްގެ ސަމާލުކަން އަމާޒުވީ މިއީ އެއް ފަހަރު ކުރި ކަމެއްގެ ބަދަލުގައި އެތައް ފަހަރަކު އޭނާގެ ދަރިފުޅު ގޮވައިގެން މަޖިލީހަށް ހާޒިރުވުމުންނެވެ. އޭނާ ވަނީ އެތައް އަހަރެއް ވަންދެން ދަރިފުޅު ގޮވައިގެން މަޖިލީހަށް ހާޒިރުވެފައެވެ. އޭނާގެ ދަރިފުޅު އެންމެ ކުޑައިރުން ފެށިގެން ތިން އަހަރު ފުރުމާ ހަމައަށް މަޖިލީހުގެ ޖަލްސާތަކުން ފެނިފައިވާއިރު، މަޖިލީހުގައި ކަންކަމަށް ވޯޓަށް އަހާއިރު ރޮންޒޫލީއާއި އެކު އޭނާގެ ދަރިފުޅުވެސް ވޯޓަށް އަތް ހިއްލާލާ މަންޒަރު ވެސް ގިނަ ބައެއްގެ ލޮލުގައި ވަނީ އަޅައިގަނެފައެވެ. 

މިއާއެކު ޒަމާންތަކެއް ވަންދެން ނުދައްކާ ދޫކޮށްލާ ވާހަކައެއް ކަމަށްވާ އާއިލީ އަދި ވަޒީފާގެ ޒިންމާތައް އަދާކުރުމުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުގެ ވާހަކަތައް ވަރަށް ބާރަށް ދެކެވެން ފެށުނެވެ. ވަކިން ޚާއްސަކޮށް ސިޔާސީ އަދި ޒިންމާދާރު ވަޒީފާތަކުގައި އުޅޭ އަންހެނުންނަށް ދިމާވާ ގޮންޖެހުތަކުގެ އަޑުތައް އިތުރަށް ގަދަވިއެވެ. 

މައެއްގެ ޒިންމާ އަދާކުރަމުން ވަޒީފާގެ ޒިންމާތައް ވެސް އަދާކުރެވޭނެކަން ޔަގީންކޮށްދިނުމަކީ އަންހެނުންނަށް ވަޒީފާގެ މާހައުމުގައި ކޮންމެ ދުވަހަކުން ދިމާވާ ގޮންޖެހުމަކަށް ވާއިރު، ރޮންޒޫލީގެ މި ވާހަކައިން އެތައް މަޔަކު ކޮންމެ ދުވަހަކުހެން ތަހައްމަލުކުރަމުންދާ ތަކުލީފުތައް ބުނެދެއެވެ.

މި ހާދިސާއަށް މިހާރު 15 އަހަރު ފާއިތުވެފައިވާއިރު، މިއަދުވެސް ލީޗާ ރޮންޒޫލީ އޭނާގެ ދަރިފުޅު އުރައިގެން މަޖިލީހުގައި އިންނަތަން ފެންނަ ފޮޓޯއަކީ ވަރަށް ވަރުގަދަ އަދި އެހާމެ މުހިންމު މެސެޖެއް ދުނިޔެއަށް ފޮނުވާލާ ފޮޓޯއެކެވެ. މި ފޮޓޯއިން ވަޒީފާގެ ޒިންމާއާއި މައިވަންތަ ޒިންމާތަކަކީ އެކު އެކީގައި އަދާކުރެވޭނެ ދެ ކަންތައްކަން ހަނދާންކޮށްދެއެވެ. 

ކިޔުންތެރިންގެ ހިޔާލު