ENGLISH
02 މޭ 2026
މައްކާގެ ހޫނުމިން 40 ޑިގްރީއަށް އެރުމުގެ ފުރުސަތު އޮތުމާއެކު ހައްޖު މޫސުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
02 މޭ 2026
|
2024 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް އަރަފާތު ބިމަށް ހައްޖާޖީން ޖަމާވި އިރު ހޫނު މަޑުކުރުމަށް ފެން ސްޕްރޭކުރަނީ
އެންމެ މަޤްބޫލު
މި މަހުގެ ތެރޭގައި މައްކާ ސަރަހައްދުގެ ހޫނުމިން 40 ޑިގްރީއަށް އެރުމުގެ ފުރުސަތު އޮތުމާއެކު ކުރިއަށް އޮތް ހައްޖު މޫސުމުގައި ހައްޖާޖީން ސަމާލުވުމަށް ސައުދީއަރަބިއްޔާގެ ޤައުމީ މީޓިއޮރޮލޮޖީ ސެންޓަރު (އެންސީއެމް)އިން އިލްތިމާސްކޮށްފި އެވެ.
ސައުދީއަރަބިއްޔާގެ ހުރިހާ ސަރަހައްދަކަށް އޭޕްރީލު މަހު ވިއްސާރަ ކޮށްފައިވާ އިރު މި މަހުގެ ތެރޭގައު ހޫނުމިން މައްޗަށްދާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެންސީއެމްއިން ވަނީ މި މަހުގެ ފަހުކޮޅު ޙައްޖު މޫސުން ފެށޭ އިރު، މައްކާ ސަރަހައްދުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އިން މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެފަ އެވެ. ވުމާއެކު ހައްޖާޖީން މިކަމަށް ހާއްސަ ސަމާލުކަމެއްދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހައްޖުވެރިން ހޫނުން ސަލާމަތްކުރުމަށް ސައުދީ ސަރުކާރުން މިހާރު ވެސް ވަނީ ހޫނު މަޑުކުރުމަށް ފެން ސްޕްރޭކުރާ ޒަމާނީ ނިޒާމުތަކެއް ހަރަމްފުޅުގެ ވަށައިގެން ހަރުކޮށްފަ އެވެ.
ގަދަ ހޫނުގެ ސަބަބުން 2024 ވަނަ އަހަރުގެ ޙައްޖު މޫސުމުގެ ތެރޭގައި 1,300 އަށް ވުރެ ގިނަ ޙައްޖުވެރީން ވަނީ މަރުވެފަ އެވެ. އަދި 2023 ވަނަ އަހަރު ހޫނު ގަދަވުމުގެ ސަބަބުން 240 ހައްޖުވެރިން ހައްޖުގެ އަަޅުކަމުގެ ތެރޭގައި މަރުވި އެވެ. ދެ ހާސް ތޭވީސް ވަނަ އަހަރު ގަދަ ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވި ހައްޖުވެރިންގެ އަދަދު 10،000 އަށް އަރާއިރު އޭގެ ތެރެއިން 10 އިންސައްތަ މީހުންނަކީ ހީޓް ސްޓްރޯކް ޖެހުނު މީހުން ނެވެ.
ކޮންމެ އަހަރެއްގެ ވެސް ހައްޖު މޫސުމާ ދިމާކޮށް މައްކާގެ ހޫނު މިން މައްޗައްދާތީ ހައްޖުވެރިންގެ ސަލަމާތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ނެވެ.