ENGLISH

02 މޭ 2026

Advertisement

މުންދު ވިދާޅުވެދެއްވީ އެމްޑީޕީން ދަރަނި ނަގާފައި ހުރި ގޮތާއި، އެ ދަރަނި އަދާކުރަން ކުރެވުނު އިސްތިރާޖީ މަސައްކަތް

02 މޭ 2026

|

ޝިފްޒާން އަޙްމަދު

ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ދަރަނި ނަގާފައި ހުރީ ޣައިރު ޒިންމާދާރުކޮށް އެ ދަރަނި އަދާކުރަން ދަތިވާނެހެންކަން ފާހަގަކުރައްވައި، ދަރަނި އަދާކުރުމަށް ބޭނުންވާ ޖާގަތައް އުފެއްދުމަށް މި ސަރުކާރުން އިސްތިރާޖީ ގޮތެއްގައި ކުރި މަސައްކަތްތަކުގެ ތަފުސީލު ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެދެއްވައިފިއެވެ. 

ސްރީލަންކާގެ "އިންސައިޓް ނިއުސް"އަށް ދެއްވި ބަސްދީގަތުމެއްގައި ތަރުޖަމާނު ވިދާޅުވީ މި ސަަރުކާރަށް ވާރުތަވި އިގުތިސާދީ ހާލަތަށް ބަލާއިރު ބޭރުގެ ދަރަނި އޮތީ ވަރަށް މަތިވެފައި ކަމަށެވެ. އަދި ފާއިތުވި ދެ އަހަރު މާލީ އިދާރާތަކުން ސަރުކާރަށް ލިބެމުންދިޔަ އިރުޝާދަކީ ލަންކާގެ ތަޖުރިބާއަށް ބަލައި ކޮށްގެންނުވާނެ ގިނަ ކަންތައްތަކެއްގެ އިރުޝާދު ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ދަރަނި ނެގިއިރު ނަގާފައި ހުންނާނީ ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ދިން އިރުޝާދުތަކަށް ރިއާޔަތްކޮށްގެން އެ އިދާރާތަކުން ފާހަގަކުރި ކަންކަމަށް ބަލައިގެންނެވެ. 

އިތުރަށް މުންދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ބޮޑު ބައެއް ނެގީ ވެރިކަން ނިމުމާ ގާތްްވެފައިވަނިކޮށް ކަމަށެވެ. އަދި އެކަމުން އެނގެެނީ އެ ދަރަންޏަކީ އެމްޑީޕީން ބުނަމުންދާ ގޮތަށް ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ނެގި ދަރަނި ނޫންކަން ފާހަގަކުރެއްވިއެވެ. އަދި އިންތިހާބާ ކައިރިކޮށް ދަރަނި ނެގުމުން އެއީ ސިޔާސީ  ވިސްނުމުގައި ނެގި ދަރަނިކަން އެނގޭކަމަށްވެސް ވިދާޅުވިއެވެ. 

އިތުރަށް މުންދު ފާހަގަކުރެއްވީ ދަރަނި ނެގުމުގައި އެމްޑީޕީގެ ސަރުކާރުން އަމަލުކުރި ޣައިރު ޒިންމާދާރު ގޮތެވެ. އެގޮތުން އެއް އަހަރެއްގައި ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހޭ ގޮތަށް ދަރަނި ނަގާފައި ހުރުމުން އެ ދަރަނި "ކޮމްޕައުންޑްވެ" ދަރަނި އަދާކުރުމުގެ ބުރަ ބޮޑުވިކަން ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންނަށް އެނގުނީ އެ ބޭފުޅުން ދަރަނި ނަގާފައި ހުރީ ދަރަނި އަދާކުރުމަށް ލިބޭ ވަގުތުތައް ފުށުއަރާ ގޮތަށްކަން. ޗައިނާއާއި އިންޑިޔާ އަދި އެހެން ގައުމުތަކުން ދަރަނި ނަގާފައި ހުރީ. އަޅުގަނޑުމެންނަށް ދަރަނި އަދާކުރުމުގެ ޓައިމްލައިނަށް ބަލައިލުމުން އެނގުނީ އެއް މަހެއްގައި ޗައިނާއާއި އިންޑިޔާއާއި ޔޫއޭއީން ނަގާފައި ހުރި ދަރަނި އަދާކުރަން އޮތްކަން،" މުންދު ވިދާޅުވިއެވެ. 

އިތުރަށް މުންދު ފާހަގަކުރެއްވީ ޓޫރިޒަމާއި އެއާޕޯޓުން ލިބޭ އާމްދަނީ ވަކި މިންވަރެއް ރައްކާކޮށްފަައި ހުރި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ބޭރު ފައިސާ މާރުކޮށްފަައި އޮތުމަކީވެސް ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ. 

ނަމަވެސް އިންޑިޔާއާއި ޗައިނާއާއި ޔޫއޭއީ ފަދަ ގައުމުތަކާ ވާހަކަދައްކައިގެން ދަރަނި އަދާކުރުމަށް ޖާގަ ތަނަވަސްކުރެވުނު ކަމަށެވެ. ކުރިން އޮތް ގޮތުން މި އޭޕްރީލު މަހުގައި 1.1 ބިލިއަން ޑޮލަރު ދައްކަންޖެހޭ ގޮތަށް އޮތް ނަމަވެސް ގައުމުތަކާ މަޝްވަރާކޮށްގެން އެއިން ބޮޑު މިންވަރެއް ފަސްކުރެވިފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. 

މުންދު އިތުރަށް ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކޮންމެ ދުވަހަކުވެސް ދަރަނި އަދާކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން ތަރައްގީގެ މަސައްކަތްކުރާނެ ޖާގަ ފަހިކުރެވި، ދައުލަތުގެ ރަސްމީ ރިޒާވް ތިޔާގިކުރެވޭނެ ގޮތްތައް ހޯދި، ރާއްޖެ ބަނގުރޫޓުވާނެ ނުވަތަ ދަރަނި އަދާނުކުރެވޭނެ ހާލަތެއް ކުރިމަތިނުވާނެކަން ކަށަވަރުވެފައިވާ ކަމަށެވެ. 

އިތުރު ދަރަންޏެއް ނުނަގައި ސުކޫކުގެ 500 މިލިއަން ޑޮލަރު އަދާކުރުމާއެކު، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕު އަދާކޮށް އިންޑިޔާ ރުޕީސް ކަރަންސީ ސުވޮޕަށް މަގުފަހިކުރެވިފައިވާކަން ފާހަގަަކުރައްވަމުން މުންދު ވިދާޅުވީ މިއީ ދިވެހި ސަރުކާރުން ހާސިލުކުރި ވަރަށް ބޮޑު ކާމިޔާބު ކަމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު