ENGLISH
02 މޭ 2026
ރައީސް ސަރުކާރަށް ގެންނަވަނީ ޝާމިލު ނިޒާމީ ބަދަލުތަކެއް: ތަރުޖަމާނު
02 މޭ 2026
|
ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ސަރުކާރަށް ގެންނަވާ ބަދަލުތަކީ ތިރިން މައްޗަށް ގެންނަވާ ޝާމިލު ނިޒާމީ ބަދަލުތަކެއް ކަމުގައި ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ އިންސައިޓް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ތަރުޖަމާނު ވިދާޅުވީ ސަރުކާރަށް މިވަގުތު ކުރިމަތިވެފައި ހުރި ގޮންޖެހުންތަކަކީ ރާއްޖެ ފަދަ އެހެނިހެން ކުދި ގައުމުތަކުންވެސް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކެއް ކަމަށެވެ. އޭގެ ތެރޭގައި ތެލުގެ އަގު ބޮޑުވުމާއި ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކާއި އިގުުތިސާދީ ލޮޅުންތައް ފާހަގަކުރެއްވިއެވެ.
އެ ގޮންޖެހުންތަކުން ރާއްޖެ ސަލާމަތްކުރެއްވުމަށް ރައީސް ޑރ.މުއިއްޒު އިހުތިޔާރުކުރެއްްވީ ނިޒާމީ ބަދަލުތަކެއް ގެންނެވުން ކަމަށް މުންދު ވިދާޅުވިއެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި ރައީސް ގެންނެވި ބަދަލުތަކުގެ ތެރޭގައި ވަޒީރުންގެ ތެރެއިން ދިހަ ބޭފުޅެއްގެ އަރިހުން އިސްތިއުފާދެއްވުމަށް އެދިވަޑައިގަތުމާއި، އެ ބޭފުޅުން އިސްތިއުފާދެއްވުމުން އަލުން ކެބިނެޓު އެކުލަަވައިލެއްވިއިރު ވުޒާރާތަކުގެ އަދަދު މަދުކުރެެއްވުން ހިމެނެއެވެ.
ވުޒާރާތައް މަދުކުރެއްވުމަށްފަހު އައު ލީޑަރުންތަކެއް އެމަނިކުފާނުގެ ސަރުކާރުގެ ތެރެއަށް ގެންނެވިކަމަށާއި، ރައީސް މަސައްކަތްކުރައްވަނީ ތިރިން މައްޗަށް މުޅި ނިޒާމު ބަދަލުކުރައްވައި އިސްލާހުކުރެއްވުމަށް ކަމުގައި މުންދު ވިދާޅުވިއެވެ.
"ހަގީގަތުގައި އެމަނިކުފާނު ގެންދަވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަަށް ބޮޑަށް މަދުކުރައްވަމުން. ގާތްގަނޑަކަށް މިހާރު ތިބި މުވައްޒަފުންގެ ތިންބައިކުޅަަ އެއްބައި މީހުން މިހާރު ހިނގަމުންދާ މުރާޖައާ ނިމުމުން ވަކިކުރެވިގެންދާނެ. އެއިރުން ސަރުކާރު ކުޑަވެ ނަތީޖާ ނެރެވޭ މިންވަރު އިތުރުވާނެ،" މުންދު ވިދާޅުވިއެވެ.
އިތުރަށް މުންދު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރެއްވުމަށްވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ނިންމެވުމަކީ ކުރިއަށް އޮތް ތަނުގައި ތައުލީމާއި ތަޖުރިބާއަށް ބައްލަވައިގެން މީހުން ވަޒީފާތަކަށް އައްޔަންކުރެއްވުންކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
މުންދު ވިދާޅުވީ ގާބިލުކަމަަށް ބައްލަވައިގެން މީހުން އައްޔަންކުރައްވަން ނިންމެވި ނިންމެވުމުގެ ދަށުން ސިޔާސީ ގޮތުން މަތީ ފަންތީގެ ބޭފުޅުންނަށްވެސް މަގާމު ދެއްވާނީ އެ ބޭފުޅެއްގެ ތައުލީމާއި ތަޖުރިބާގެ އިތުރަށް އެ ވަޒީފާއަކަށް އެ ބޭފުޅަކު އެކަށީގެންވާ މިންވަރަށް ބެއްލެވުމަށްފަހު ކަމަަށެވެ.