ENGLISH
02 މޭ 2026
ކިނބިދޫއާއި ވޭމަންޑޫ ގުޅައިލުމާ ދެކޮޅަށް ނަޝީދު ވާހަކަދެއްކެވުމުން ދެ ރަށުގެ ރައްޔިތުންގެ ނުރުހުން
02 މޭ 2026
|
ރައީސް ނަޝީދު ތ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން، ފޮޓޯ: މީސްމީޑިޔާ
އެންމެ މަޤްބޫލު
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނުގައި ތ.ކިނބިދޫއަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ އެކްޓިވިސްޓުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކިނބިދޫއާއި ވޭމަންޑޫ ގުޅައިލުމާ ދެކޮޅަށް ކުރީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާހަަކަދެއްކެވުމާ ގުޅިގެން އެ ދެ ރަށުގެ ރައްޔިތުން ނުރުހިއްޖެއެވެ.
ވޭމަންޑޫއާއި ކިނބިދޫގެ މެދުގައި ކޯޒްވޭއެއް އަޅަައި ދެ ރަށް ގުޅައިލުމަކީ އެމްޑީޕީގެ ފާއިތުވި ސަރުކާރުންވެސް ވެފައި އޮތް ވައުދެކެވެ. ދައުރު ނިމުނުއިރު އެ މަސައްކަަތް އޮތީ ނުފެށިއެވެ. އެ މަޝްރޫއު ހިންގުމަށް އެކަށީގެންވާ ބާރުމިނުގައި އެމްޑީޕީގެ ވެރިކަމުގައި މަސައްކަތްކުރެވިފައިނުވާކަމަށް ދެ ރަށުގެ ރައްޔިތުންވެސް ބުނެއެއެވެ.
މިއަދު ރައީސް ނަޝީދު ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ފާއިތުވި ލޯކަލް ކައުންސިލު އިންތިހާބުގައި ކިނބިދޫ ކައުންސިލުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު ޝާފިއު އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގަައި ނަޝީދު ދެއްކެވި ވާހަކަފުޅު ސިފަކުރެއްވީ ރައްޔިތުންގެ އުންމީދުތަކާ ދެކޮޅަށް ދެއްކެވި ވާހަކަފުޅެއްގެ ގޮތުގައވެެ.
ޝާފިއު ފާހަގަކުރެއްވި ގޮތުގައި ދެ ރަށް ގުޅަައިލުމުގެ އުންމީދަކީ އިއްޔެއަކު މިއަދަކު ރައްޔިތުން ދެކެމުން އައި ހުވަފެނެއް ނޫނެވެ. އެއީ އެކި ސަރުކާރުތަކުގައި ރައްޔިތުން އެކަމަށް ތަކުރާރުކޮށް އެދެމުން އައި ކަމެއްކަން ފާހަގަކުރައްވައި ޝާފިއު ވިދާޅުވީ އެކަމާ ދެކޮޅަށް ނަޝީދު ދެއްކެވި ވާހަކަފުޅަކީ ރައްޔިތުން ބޭނުންވާ ގޮތާ ދެކޮޅަށް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.
"އަޅުގަނޑު ހިތާމަކުރަން ރައީސް ނަޝީދު އެފަދަ ވާހަކަފުޅެއް ދެއްކެވީތީ. އެއީ ސީދާ ރައްޔިތުންގެ އުންމީދުތަކާ ދެކޮޅަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއް. ކޯޒްވޭއަކީ ކިނބިދޫއާއި ވޭމަންޑޫ ރައްޔިތުން އަބަދުވެސް އެދިއެދި ތިބޭ ކަމެއް.،" އޭނާ ވިދާޅުވިއެވެ.
ޝާފިއުގެ އިތުރަށް ވޭމަންޑޫން އެމްއެމްޓީވީއަށް މައުލޫމާތު ދެއްވި އެ ރަށުގެ ރައްޔިތުންވެސް ފާހަގަކުރެއްވީ ދެ ރަށް ގުޅުވައިލުމަކީ އެ ރަށުގެ ރައްޔިތުންވެސް ދެކެމުންދާ ގިނަ ދުވަސްވީ ހުވަފެނެއް ކަމެވެ. އަދި ރަށްރަށުގެ ތަރައްގީގެ ކަންކަން ހިންގުމުގައި ރަށްރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް އިސްކަންދެއްވުމަކީ ސިޔާސީ ލީޑަރުން ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި އެ ބޭފުޅުން ސިފަކުރެއްވިއެވެ.
ވޭމަންޑޫ ކައުންސިލުގެ ރައީސް ރަޝްވާން އާދަމް ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކާ ދެކޮޅަށް ރައީސް ނަޝީދު ވާހަކަދެއްކެވީތީ ހިތާމަކުރައްވާ ކަމަށެވެ. އޭނާވެސް ފާހަގަކުރެއްވީ މި މަޝްރޫއަކީ ދެ ރަށުގެ ކައުންސިލުންވެސް ނިމެމުންދާ ދައުރުގެ ތެރޭގައި އެކަމަށް އިސްކަންދީގެން ހާސިލުކުރުމަށް މަސައްކަތްކުރި ދެ ރަށުގެ ރައްޔިތުން ނުހަނު ބޭނުންވާ ކަމެއް ކަމެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ ދެ ރަށް ގުޅުވައިލުމަށް ބިން ހިއްކުމުގެ ބަދަލުގައި ރައްޔިތުންގެ އަތަަށް އެ ފައިސާ ދީގެން ރަށްރަށުގެ އިގުތިސާދީ ކުރިއެރުން ކަަށަވަރުކޮށް އާބާދީ މަދުނުވާނެ ގޮތަށް ސިޔާސަތު ހިންގުން މާ ރަނގަޅުވާނެ ކަމުގައި ވިދާޅުވެފައެވެ.
މިފަދައިން އެމަނިކުފާނު ވާހަކަދެއްކެވިއިރު މި ސަރުކާރުންވަނީ ތ.ކިނބިދޫގެ ބިން ހިއްކައި ނިންމާފައެވެ. ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއު ފެށިގެންދިޔައީ 2024 ވަނަ އަހަރުގެ އޭޕްރީލު މަަހުގައެވެ. މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބެވެ. އޭޕްރީލް 15، 2024 ވަނަ ދުވަހު ފެށި މަސައްކަތް މާޗު 24، 2025 ވަނަަ ދުވަހަށް އެމްޓީސީސީން ނިންމައިލިއެވެ. އެއާއެކު ކިނބިދޫގެ ބިމަށް އިތުރު 25 ހެކްޓަރު އިތުރުވީއެވެ.
ކޯޒްވޭގެ މަސައްކަތަށް ބަލާއިރު މިހާރު އެ ކޯޒްވޭ ޑިޒައިންކޮށް އެ މަސައްކަަތްކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ޒިޔާރަތުގައި ކިނބިދޫއާއި ވޭމަންޑޫއަށް ވަޑައގެން ރައީސްވަނީ ވައުދުވެވަޑައިގެންނެވި ގޮތަށް ކޯޒްވޭގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އެ ދެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.