ENGLISH
02 މޭ 2026
ދިހަ ރަށެއްގައި ނޭޗާ ޕާކު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
02 މޭ 2026
|
އައްޑޫ ސިޓީގެ ނޭޗާ ޕާކު
އެންމެ މަޤްބޫލު
ނޭޗާ ޕާކު ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ދިހަ ރަށެއްގައި ނޭޗާ ޕާކުތައް ތަަރައްގީކުރުމުގެ މަސައްކަތް ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރައިން ރަސްމީކޮށް ފަށައިފިއެވެ.
ކޮންމެ އަތޮޅެއްގައި މަދުވެގެން އެއްް ނޭޗާ ޕާކު ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތިމާވެށީގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނުއްވާފައިވާ މުހިއްމު ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެ ވުޒާރާއިން މަައުލޫމާތު ދިން ގޮތުގައި ނޭޗާ ޕާކު ގާއިމުކުރުމަށް ޝައުގުވެރިވާ ރަށްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު 2024 ވަނަ އަހަރު ހުޅުވައިލުމުން ވަރަަށް ގިނަ ރަށްރަށުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލިއެވެ.
އެކަމަށް ހުޅުވައިލުމުން ނޭޗާ ޕާކު ގާއިމުކުރުމަށް ބޭނުންވާ ރަށްތަކުން ކުރިމަތިލުމުން އެ ރަށްރަށުން ހުށަހެޅި ޕްރޮޕޯސަލްތައް މިނިސްޓްރީންވަނީ އިވެލުއޭޓުކޮށްފައެވެ. ޕްރޮޕޯސަލުތައް އިވެލުއޭޓުކުރުމަށްފަހު އެކަމަށްް އެންމެ އެކަށީގެންވާ ދިހަ ރަށް ކަނޑައަޅާފައިވެއެވެ.
އެގޮތުން ނޭޗާ ޕާކު އެޅުމަށް ވުޒާރާއިން އިހުތިޔާރުކުރި ދިހަ ރަށަކީ ހއ.މޮޅަދޫއާއި، ހދ.ކުމުންދޫއާއި، ނ.ލަންދޫއާއި ކ.ހުރާއާއި، އދ.އޮމަދޫއާއި، މ.ކޮޅުފުއްޓާއި، ތި.ކިނބިދޫއާއި ލ.ގަމާއި ގއ.ކޮނޑޭއާއި ގދ.ފިޔޯރީއެވެ.
މިހާތަނަށް ސަރުކާރުންވަނީ އެ ރަށްރަށުގެ ކައުންސިލުތަކާ މަޝްވަަރާކުރުމަށްފަހު އެތަންތަން ތަަރައްގީކުރާނެ ގޮތުގެ ކޮންސެޕްޓާއި، އެތަންތަނުގެ ސްކޯޕު މިހާރު ކަނޑައަޅައި ނިންމާފައިވެއެވެ. އަދި އެ މަސައްކަތްކުރުމަށް ކައުންސިލުތަކަށް ގްރާންޓު ދޫކުރުމަށް މަޝްވަރާކޮށް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުހަލާދަނީ ކުރިއަަށެވެ.
ނޭޗާ ޕާކުތަކަކީ ރަށްރަށުގެ ތަބީއީ ރީތިކަމާއި ވެށި ހިމާޔަތްކުރެވޭ ކަންކަމުގެ އިތުރަށް އެއީ އެ ރަށްރަށުގައި ގެސްޓުހައުސް ފަތުރުވެރިކަން ތަރައްގީކޮށް ކުރެއެރުވުމަށްްވެސް ބާރުއެޅިގެންދާ ކަމެކެވެ.