ENGLISH
02 މޭ 2026
ދޮގު ތުހުމަތު އަޅުވަންޏާ މަސްދަރު ހާމަކުރަންޖެހޭނެ: ޝިޔާމް
02 މޭ 2026
|
ޖަލްސާއެއްގައި ޝިޔާމް ވާހަކަ ދައްކަވަނީ. ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
މީހުންގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވާނަމަ ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރު ހާމަކުރަންޖެހޭނެކަމަށާއި އެފަދައިން މަސްދަރު ހާމަކުރުމަކީ ޒަމާނީ ނޫސްވެރިކަމުގެ މުހިންމު އަސާސެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
"އަދަދު"ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ޤަޛުފުގެ ދޮގު ތުހުމަތު އަޅުވައި ހެއްކެއްނެތި ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާފާއިވާ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގައިގެން ފުލުހުން ތަހުގީގުކުރަމުންދާއިރު މި މައްސަލައިގައި ތުހުމަތުވާ މީހުން ފުލުހުންގެ އިދާރާއަށް ވަނީ ހާޒިރުކޮށްފަ އެވެ.
ތަހުގީގަށް އެއްބާރުލުން ނުދީ މައްސަލަ ރައްދުވާ މީހުން ހަނު ހުރި އިރު އެކަމުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އެމީހުންނަށް އަމާޒުވަމުން ނެވެ. އަދި އެމީހުން ވަނީ އެމީހުންނަށް ކުރާ ތުހުމަތުތަކުގެ މަސްދަރު ހާމަކުރުމަށް ދެކޮޅުހަދާފަ އެވެ.
ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ބ.ކެންދޫގެ ކައުންސިލާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް ކާމިޔާބުވުން ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މީހުންގެ ބޮލުގައި ދޮގުތުހުމަތު އަޅުވައިގެން ކުރާ ނޫސްވެރިކަން މިއަދު ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ.
ވަކި މީޑިއާއެއް ނުވަތަ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އުޅެގެން ސަރުކާރުން ކަންބޮޑުވެގެން ނޫޅޭ ކަމަށާއި ކަންބޮޑުވަނީ ހަގީގަތް އެނގި ތިބެ ހަގީގަތް ވަންހަނާކޮށް އޮޅުވާލާތީކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ ހަގީގަތް ވަންހަނާ ކުރާނަމަ ނުވަތަ ދޮގު ފަތުރާނަމަ މަސްދަރު ހާމަކުރަން ޖެހޭނެކަމަށެވެ.
"ބޮޑެތި ތުހުމަތުތައް މީހުންގެ ބޮލުގައި އަޅުވާނަމަ މަސްދަރު ހާމަކުރުމަކީ ޒަމާނީ ނޫސްވެރިކަމުގެ މުހިންމު އަސާސެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ މައުލޫމާތު ވަރަށް ފަސޭހައިން ފެތުރޭ ގައުމެއް. ސްމާޓް ފޯނުގެ އެހީގައި މައުލޫމާތު ވަރަށް ފަސޭހައިން އެބަ ފެތުރޭ. މިފަދަ ޒަމާނެއްގައި ޒިންމާއަކަށް ވާންވާނީ ފަތުރާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްކަން ކަށަވަރުކުރުން،". ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމްވަނީ މިކަން މިނޫން ގޮތަކަށް ދާނަމަ މުޖުތަމައު ފަސާދަވެގެންދާނެކަން ފާހަގަކުރައްވައި މިނިވަން ނޫސްވެރިކަމެއް ކުރުމަށް ނޫސްވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ.
ޝިޔާމު ވިދާޅުވީ ފާއިތުވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާ ޖެހެންދެން އިދިކޮޅު އެމްޑީޕީ ނެތް ކަމަށެވެ. އަދި އެ ޕާޓީގެ ދައުރު އަދާކުރަމުންއައީ އަދަދު ނޫހުންކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ އެ ނޫހުގެ ވެރިންވެސް ފަހުރުވެރިކަމާއެކު އެކަން ގަބޫލުކުރައްވައި ވާހަކަދައްކަވަމުންދާ ކަމަށެވެ. އަދި ހަގީގަތުގައި މިއަދު "އަދަދު" ނޫހުން ކުރަމުން ގެންދަނީ ސިޔާސީ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ނަމަ މިހާރުން މިހާރަށް މަސްދަރު ހާމަކުރަންޖެހޭކަމަށް ވިދާޅުވެ "އަދަދު" ނޫހުގެ މަސްއޫލުވެރިންނަށް ޝިޔާމް ގޮވާލެއްވީ ހަނު ނުތިއްބަވައި މަސްދަރު ހާމަކުރުމަށެވެ.