ENGLISH
02 މޭ 2026
މިނިވަންކަމުގެ ހައްދެއް ނެތްކަމަަށް ގަބޫލުކުރާ މީހުން ހިންގި ކަންކަމުގެ ނޭދެވޭ އަސަރުތައް ފެނޭ: ތަރުޖަމާނު
02 މޭ 2026
|
ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ގާނޫނީ ހައްގުތަކާއި މިނިވަންކަމުގެ ހައްދެއް ނޯންނާނެކަމަށް ދެކޭ ބަަޔަކު އެ އުސޫލުން ހިންގި ކަންކަމުގެ ނޭދެވޭ އަސަރުތައް ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސާފުކޮށް ފެންނަމުންދާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ މާލޭގައި އެއްވެއުޅުމުގެ މިނިވަންކަން އޮންނަނީ ގާނޫނެއްގައި ލެޔެވިފައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަނޑައެޅިފައި އޮތް ވަކި ތަންތަނުގައި އެއްވެވޭ ގޮތަށް ކަމަށެވެ. މުޒާހަަރާކުރަން ކަނޑައަޅާފައިވާ ސަރަހައްދުތައް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފަސްގުނަ އިތުރުކޮށްދެެއްވިކަަމަށްވެސް މުންދު ވިދާޅުވިއެވެ.
އެއްވެއުޅުމާއި މުޒާހަރާކުރުމުގެ ހައްގު ފުޅާކޮށްދީފައި އޮތް ނަމަވެސް އެ އުސޫލުތަކުގެ ބޭރުން މަގުތަކަށް އެއްވެ މުޒާހަރާކުރާއިރު އާއްމު އިޖުތިމާއީ މިންގަަނޑުތަކާ ހިލާފު އަމަލުތައް ހިންގަމުންދާކަން ފާހަަގަކުރައްވަމުން މުންދު ވިދާޅުވީ އެފަދަ އެއްވުންތަކުގައި ކުޑަކުދިންނަށް އިވުން އެކަށީގެންނުވާ އިބާރާތްތަކާއި ލަފުޒުތައްވެސް ބޭނުންކުރަމުންދާ ކަމަށެވެ.
ގާނޫނާ ހިލާފަށް މާލޭގެ މަގުތަކަށް އެއްވެ މުޒާހަރާކުރަން ފެށުމުން ގާނޫނާ ހިލާފުވެގެން އަދި އެކަމުގެ ސަބަބުން ދަތުރުފަތުރަށް ބުރޫއެރުމާއި ވިޔަފާރިތަކަށް ގެއްލުންވުމާއި، އެ އަޑުތަކުގެ ސަބަބުން ނަފުސާނީ ގޮތުން ކުޑަކުދިންނަށް ގެއްލުންވުން ފަދަ ކަންކަން ފާހަގަކޮށް އެ މުޒާހަރާތައް ހުއްޓުވައިފިނަމަ، ސަރުކާރުން ބިރުން އެއްވެއުޅުމުގެ އަސާސީ ހައްގު ނިގުޅައިގަނެފިކަމަށް ވާދަވެރިން ބުނާނެ ކަމަށް މުންދު ވިދާޅުވިއެވެ.
އިތުރަށް މުންދު ވިދާޅުވީ ފެށުނީއްސުރެ ވަކި ބަޔަކު ރާއްޖޭގައި ސިޔާސީ މަސައްކަތްތައް ކުރަމުން އަންނަނީ ޒާތީ ތައައްސުބާއި ނަފުރަތުގެ ތެރެއިންނެވެ. އެގޮތަށް ސިޔާސީ މަސައްކަތްކުރުމުގެ ސަބަބުން ހިތާމަވެރި ބިރުވެރި ކަންކަން ހިނގާފައިހުރިކަން އޭނާ ފާހަގަަކުރެއްވިއެވެ.
"ބައްލަވާ މިތަނުން ބަޔަކު މީހުން ހަނދާން ނެތުނަސް އަޅުގަނޑުގެ އަޚު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލިއޭ ބަޔަކު. ސިޔާސީ ބޭފުޅެކޭ އެއީ. އަޅުގަނޑު ހަނދާން އެބަހުއްޓޭ. ރައީސް ޔާމީނަށް ހަމަލާދިން ހަނދާން އެބަހުރި. ރައީސް ނަޝީދަށް ދިނީ ކިހާ ބިރުވެރި ހަމަލާއެއްތޯ؟ އެބޭފުޅާ ހަމަކިރިޔާ ސަލާމަތްވީ.،" ސިޔާސީ ގޮތުން ހިނގާފައި ހުރި ހިތާމަވެރި ބިރުވެރި ހާދިސާތަކަށް އިޝާރާތްކުރައްވައި މުންދު ވިދާޅުވިއެވެ.
މިފަދަަ ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ތަރުޖަމާނު ފާހަގަކުރެއްވީ މީސްމީހުންގެ ބޮލުގައި ބޮޑެތި ތުހުމަތުުތަކެއް އަޅުވައިގެން މީހުންނާމެދު ނަފުރަތު އުފައްދައި ރުޅިވެރިކަން އާއްމުކުރުން ކަމަށެވެ.