ENGLISH
02 މޭ 2026
ތިލަފުށީގައި މަލްޓި އޮޕަރޭޓެޑް ޓާމިނަލެއް އަޅަނީ
02 މޭ 2026
|
މާލޭ ވިޔަފާރި ބަނދަރު. ފޮޓޯ؛ ދިޔަރެސް
އެންމެ މަޤްބޫލު
ދެ ހާސް ހަތާވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ތިލަފުށީގައި މަލްޓި އޮޕަރޭޓެޑް ޓާމިނަލެއް އެޅުމުގެ ވިސްނުން އެބަހުރިކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް(އެމްޕީއެލް) އިން ބުނެފި އެވެ.
މިކަން ހާމަކުރައްވައި އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޓްރޭޑް ޑެސްކް" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގެ މޭނޭޖަރ ބިޒްނެސް ޑިވެލޮޕްމަންޓް އައިމަން އަލީ ވިދާޅުވީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ތައްޔާރީތައް ވަމުންދާއިރު ފިޔަވަހިތަކަކަށް ބަހާލައިގެން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މާސްޓަރޕްލޭނެއް އެމްޕީއެލްގެ އެބައޮތް ކަމަށެވެ.
"އެގޮތުން ޕޯޓަށް ބޭނުންވާ ކޮންޓެއިނަރ ޓާމިނަލަކާއި ޑޮމެސްޓިކް ޓާމިނަލަކާއި ޖެނެރަލް ކާގޯ ބަރުކޮށް ބާލާ ޓާމިނަލަކާއި މި ހިދުމަތްތައް ގާއިމުވެފައި ހުންނާނެ،". އައިމަން ވިދާޅުވި އެވެ.
ނޯތު ހާބަރާއި ޓީޖެޓީ އިން ފޯރުކޮށްދޭ ހިދުމަތްތައް މިހާރު ދެމުން އަންނަނީ ފަސް ހެކްޓަރުގެ ސަރަހައްދެއްގައި ކަމަށާއި ނަމަވެސް ހިދުމަތް ދިނުމަށް ތިލަފުށިން ލިބިގެންދަނީ 20 ހެކްޓަރުގެ ސަރަހައްދެއްކަން ފާހަގަކުރައްވައި މި ބަދަލުގެ ސަބަބުން އަހަރަކު 20 ފޫޓުގެ ތިން ލައްކަ ކޮންޓެއިނަރަށް ހިދުމަތްދެވިގެންދާނެކަން އައިމަން ފާހަގަކުރެއްވި އެވެ.
"މިއީ މިވަގުތު ހުރި ދަތިތަކަށް ކުރިއަށް އޮތް އަހަރުތަކަކަށް އަޅުގަނޑުމެން ދުރާލާ ޕްލޭންކޮށްގެން ކޮންމެވެސް ވަރެއްގެ ރިލީފްއެއް ދިނުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް. އަޅުގަނޑުމެން އެބަ ޕްލޭންކުރަން އެއަށްވުރެ ބޮޑު ޕޯޓަކަށް. ބޮޑު ޓާމިނަލަކާ އެކީގައި ޒަމާނީ ފެންވަރުގެ މަލްޓި އޮޕަރޭޓެޑް ޓާމިނަލެއް ވެސް ތިލަފުށީގައި ގާއިމުކުރަން،". އައިމަން ވިދާޅުވި އެވެ.
ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ 90 އިންސައްތަ މުދަލަކީ ކަނޑުމަގުން އެތެރެކުރެވޭ މުދަލަށްވީއިރު ވިޔަފާރި ބަނދަރުގެ ޖާގަ ތަނަވަސްވުމަކީ އިގްތިސާދީ ދުވެލި ހަލުއިވެގެންދާނެކަމެއް ކަމަށް އައިމަން ވިދާޅުވި އެވެ.
މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މިއހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ނެވެ.
"މި ބަދަލާއިއެކު ބަނދަރުގެ ޚިދުމަތްތައް ފެށުމާއިއެކު މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯތު 48 ގަޑިއިރުން ހުސްކުރެވި ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެ. މި ހުރިހައި ބަދަލުތަކާއިއެކު މުދަލުގެ އަގު ކުޑަކުރެވި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ. އަދި މިހާރު މާލޭގައި ގުދަންކުރެވޭ މުދާ ތިލަފުށީގައި ގުދަން ކުރުމުގެ ފުރުސަތު ފަހިވެ މާލޭގެ މާރުކޭޓް ސަރަހައްދުގައި މިހާރު ކުރަމުންދާ ހޯލްސޭލް ވިޔަފާރި އެކީގައިހެން ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއިއެކު މުދާ އުފުލާ ބޯޓުތަކަށް ފަސޭހަކަމާއިއެކު ބަނދަރުކުރެވި މުދާ އަރުވާ ބޭލުމަށް ބަނދަރުގައި މަޑުކުރަންޖެހޭ ދުވަސްތައް މަދުވެ ރަށްރަށައް މުދާ ގެންދިއުން އަވަސްވެގެންދާނެކަމަށެވެ.