ENGLISH
02 މޭ 2026
ހަތިޔާރު ހުރި މިންވަރު ދަށްވެ އެމެރިކާއިން ޔޫރަޕަށް ހަތިޔާރު ފޯރުކޮށްދިނުން ލަސްވެދާނެ
02 މޭ 2026
|
އެމެރިކާއިން ޔޫރަޕަށް މުހިއްމު މިސައިލު ނިޒާމުތައް ފޯރުކޮށްދިނުން ވަރަށް ބޮޑަށް ލަސްވެދާނެކަމަށް މާހިރުންނާ ހަވާލާދީ އެފްޓީން ރިޕޯޓުކޮށްފައިވޭ
އެންމެ މަޤްބޫލު
އިނގިރޭސިވިލާތާއި، ޕޮލޭންޑާއި، ލިތުއޭނިއާއާއި އެސްޓޯނިއާ ފަދަ ޔޫރަޕުގެ ގައުމުތަކަށް ހަތިޔާރު ފޯރުކޮށްދެވުން ލަސްވެދާނެ ކަމުގައި އެމެރިކާއިން ބުނެފިއެވެ. ހަތިޔާރު ފޯރުކޮށްދިނުން ލަސްވުމުގެ މައިގަނޑު ސަބަބަކީ އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ހަތިޔާރު ރައްކާކުރެވިފައި ހުރި މިންވަރު މަދުވުމެވެ.
ފައިނޭންޝަލް ޓައިމްސް ނޫހުން މިކަމުގެ މައުލޫމާތު ލިބިފައިވާ ނުވަ މީހަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ޕެންޓަގަނުންވަނީ އެ ގައުމުތަކުން ކުރިން އޯޑަރު ދީފައި ހުރި މިސައިލު ނިޒާމުތައް ފޯރުކޮށްދިނުން ވަރަށް ބޮޑަށް ލަަސްވާނެކަން އެ ގައުމުތަކަށް އަންގާފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އޭޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުން ފަސްކުރުމާމެދު ޕެންޓަގަނުގެ ތެރޭގައި މަޝްވަރާކުރެވެމުންދާކަމަށް ދެ މީހަކު އެ ނޫހަށް މައުލޫމާތު ދީފައިވެއެވެ.
ހަތިޔާރު ފޯރުކޮށްދިނުން ފަސްކުރުމުގެ އެއް ސަބަބަކީ ފާއިތުވި ދެ މަސްދުވަހު އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންއައި ހަނގުރާމައިގެ ސަބަބުން އެ ގައުމުގައި ހަތިޔާރު ހުރި މިންވަރު މަދުވުމެވެ. ހަތިޔާރު މަދުވުމުގެ ސަބަބުން އިންޑޯ ޕެސިފިކް ފަދަ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި އެމެރިކާގެ ހަތިޔާރުތައް އީރާނު ހަނގުރާމައިގަ ބޭނުންކުރުމަށް މަޖުބޫރުވެފައިވެއެވެ.
އަދި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގައި ހަތިޔާރު ރައްކާކޮށްފައި ހުރި މިންވަރު މަދުވުމުގެ ސަބަބުން ޓައިވާނާ ގުޅިގެން ޗައިނާއާއި އެމެރިކާގެ މެދުގައި ހަނގުރާމައެއް އުފެދިއްޖެނަމަ ހަނގުރާމަކުރުމުގެ ގާބިލުކަން އެގައުމުގައި ހުންނާނެތޯ ސުވާލު އުފެދިފައިވެއެވެ.
ރަޝިޔާއިން ޔޫކުރެއިނަށް އަރައިގަތުމާ ގުޅިގެން ހިނގަމުންދާ ހަނގުރާމައިގެ އެ ގައުމަަށް އެމެރިކާއިން ދެމުންދާ ހަތިޔާރުގެ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ލިބޭނެކަމާމެދު ޝައްކުތައް އުފެދިފައިވާއިރު، އެމެރިކާއިން ހަތިޔާރު ލިބުން ލަސްވުމުން ޔޫރަޕުގެ އެހެން ގައުމުތަކުން އެކަށީގެންވާ ގޮތެއްގަައި ޔޫކުރެއިނަށް އެހީތެރިކަން ނުލިބުމުގެ ފުރުސަތު ބޮޑުކަމަަށް މާހިރުން ވިދާޅުވެެއެވެ.
ހިމާސް އަދި ނަސަމްސް މިސައިލް ސިސްޓަމު ހިމެނޭހެން އިތުރު މިސައިލު ނިޒާމުތައް ފޯރުކޮށްދިނުން ލަސްވާނެ ކަމުގައި ބުނެފައިވެއެވެ. މި ނިޒާމުތަކަކީ ޔޫކުރެއިނުން ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ނިޒާމުތަކެކެވެ. ހިމާސް ސިސްޓަމަކީ ވަރަށް ފަސޭހައިން އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ލޮކްހީޑް މާޓިންއިން އުފައްދާ މިސައިލު ނިޒާމެކެވެ. އަދި ނަސަމް ސިސްޓަމަކީ ރޭތިއޯންއާއި ނޯވޭގެ ކޮންގްސްބާގް ގުޅިގެން އުފައްދާ މިސައިލު ސިސްޓަމެކެވެ.
ޕެންޓަގަނުން ބުނެފައިވަނީ އެކުވެރި ގައުމުތަކުން އިކުއިޕްމެންޓު ހޯދުމަށް އެދޭ އެދުންތައް ދިރާސާކުރަމުންދާ ކަމަށެވެ. އެކަމުގައި އިސްކަންދެނީ ޕެންޓަގަނުގެ އޮޕަރޭޝަނަލް ބޭނުންތަކާ އެއްކީލަވާ ގޮތަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ކަންކަން ހިންގޭނެ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
ހަތިޔާރު ފޯރުކޮށްދިނުން ލަސްވާނެކަން މީޑިޔާއަށް ތިލަވިއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ގެންދަވަނީ އެ ގައުމުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގަ އެކަށީގެންވާ ގޮތަކަށް ޔޫރަޕުގެ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްނުދޭކަމަށް ވިދާޅުވެ އެ ގައުމުތަކަަށް ފާޑުވިދާޅުވަމުންނެވެ.