ENGLISH

01 މޭ 2026

Advertisement

ރައްޔިތުންނާއި ގާތުން ވެރިކަންކުރެއްވުމުގައި ރައީސް މުޢިއްޒު މުޅީން ތަފާތު، އަމަލާއި ބަހުން ސާބިތުކޮށްދެއްވި

01 މޭ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޑައިގަތުން --

ސިޔާސީ ލީޑަރުން އެންމެ ހަރުއަޑުން ވިދާޅުވާ އެއް ވާހަކަފުޅަކީ ވެރިކަން ލިބިވަޑައިގެންފިނަމަ ވެރިކަން ކުރައްވާނީ ރައްޔިތުން އެދޭގޮތަށް ކަމެވެ. ރައްޔިތުންނާއި ގާތަށް ވަޑައިގަންނަވާނެ ކަމެވެ. ރަށްރަށަށް ޒިޔާރަތް ކުރައްވާނެ ކަމެވެ. ކައުންސިލްތަކާއި ބައްދަލުކުރައްވާ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާނެ ކަމެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމާއެކު އެ ވާހަކަފުޅުތަކުގެ މަތީން މުޅީން ކަހަލަ ގޮތަކަށް ހަނދުމަފުޅު ނެތެއެވެ. ނޫނީ ގަސްތުގައި އެކަމަށް އިޙްމާލުވެ ހަނދުމަފުޅު ނައްތައިލަ އެވެ. ހުރިހާ ވެރީންގެ ފަރާތުން ކަހަލަ ގޮތަކަށް ރައްޔިތުންނަށް ކުރެވޭ އެއް ތަޖުރިބާ އެކެވެ. ނަމަވެސް މި ފަހަރު އެކަން ބަދަލުވެއްޖެ އެވެ. ކުރީގެ ވެރީން ތަކުރާރު ކުރައްވަމުން އައި އެ ސިލްސިލާ މާޒީ ވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމާ އެކު އެވެ.

ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޑައިގަންނަވަނީ -- 

ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވީ ރައްޔިތުންގެ ރައީސަކަށެވެ. ރައްޔަތުންގެ ގާތަށް ދިއުމުގެ ޝައުޤުވެރިކަން އޮތް އެ އިޚްލާސްތެރިކަން ހުރި ވެރިއަކަށެވެ. ރައްޔިތުންގެ ޝަކުވާތަކާއި ކެކުޅުން އަދި ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ ޤާބިލްކަން އަދި ޝައުޤުވެރިކަން ވެސް ހުރި ރައީސަކަށެވެ. އެކަން އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ދެބައިވުމުގެ މާކުރީން ސާބިތުކޮށް ދެއްވައިފި އެވެ.

ތޭވީސްމަސް ދުވަހުން ހުރިހާ ރަށަކަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެންމެ 23 މަސް ދުވަހުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާފަ އެވެ. މި ޒިޔާރަތުގައި ހުރިހާ ރަށެއްގައި ރައްޔިތުންގެ ބައްދަލްވުންތައް ބޭއްވެވި އެވެ.

އެ ބައްދަލްވުންތަކުގައި ރަށްރަށާއިމެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރެއްްވި އެވެ. އެ ބައްދަލްވުމަށް ވަޑައިގަންނަވަނީ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބައްދަލު ކުރެއްވުމަށް ފަހު އެވެ. އެ ބައްދަލްވުމުގައި ރައްޔިތުންް އެންމެ ބޮޑަށް އެދޭ ކަންކަން އޮޅުންފިލުއްވަ އެވެ. ރަށުގެ އާންމު ޙާލަތާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ސާފުކުރައްވަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޑައިގަތުން --

ބައްދަލްވުންތަކަށް ފަހު ރަައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގައި ވަގުތު ހޭދަކުރައްވަ އެވެ. ވަކިވަކީން ރައްޔިތުންނާ ބައްދަލުކުރައްވާ އެ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސަށް ހުށައެޅުމަށް ފުރުސަތު ދެއްވި އެވެ.

ދަތުރުފުޅުތަކުގެ ތެރެއިން ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، ރަށު ކައުންސިލް އިމާރާތްތަކާއި، ސްކޫލު މަދަރުސާތަކާއި، މިސްކިތްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި، އިންޖީނުގެ ފަދަ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވާ ތަންތަން ހުރި ހާލަތު ބައްލަވައިލެއްވުމަށް، ޚުދު އެމަނިކުފާނު އެތަންތަނަށް ޒިޔާރަތްކުރެއްވިއެވެ. އެތަންތަނުގެ މުވައްޒަފުންނާއި، ޚިދުމަތް ހޯއްދަވާ ރައްޔިތުންނާވެސް ބައްދަލުކުރައްވާ، ޚިޔާލު ބަދަލުކުރައްވައި ހެއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޑައިގަތުން --

ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ވަޑައިގެންފައިވާއިރު ދެވަނަ ފަހަރަށް ވަޑައިގެންނެވުނު ރަށްތަކުގެ އަދަދު ވެސް ވަނީ 70 އިން މަތީގަ އެވެ. ބައެއް ރަށްރަށަށް ތިން ފަހަރު ނުވަތަ ހަތަރުވަނަ ފަހަރަށްވެސް ވަޑައިގެންފައިވެ އެވެ.

ދިވެހި ރިޔާސީ ތާރީޚުގައި، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންނެވެ. 

ހުރިހާ ކައުންސިލްތަކާއި ބައްދަލުކުރެއްވުން, މާލެ ގެންނެވުން ހުއްޓަވާލެއްވުން

ކައުންސިލްތަކަށް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް ކުރީން އޮންނަނީ ވަރަށް ހަނި ފުރުސަތެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީން ދަންނަވާ ދާއިރާގެ މަޖިލީސް މެންބަރާއި ޕާޓީގެ އިސް ބޭފުޅުން މެދުވެރިކޮށް ނޫނީ އެފަދަ ފުރުސަތެއް ލިބެނީ ނާދިރު ފަހަރެއްގަ އެވެ.

އެގޮތަށް ބަދަލުކުރެވޭނީވެސް ކައުންސިލަރުން ދަތުރު ހަދައިގެން މާލެ އަައިސްގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގަޑިއަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގޮސްގެނެވެ.

ރައީސް ނައިފަރު ކައުންސިލާއި ބައްދަލު ކުރެއްވުން --

ނަަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ސިޔާސަތުވެސް ބަދަލު ކުރައްވާފަ އެވެ. ކައުންސިލްތަކާއި ބައްދަލްކުރެއްވުމަށް ރަށްރަށަށް ވަޑައިގަންނަވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ. އެމަނިކުފާނު ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލްވުންތަކުގައި ކައުންސިލަރުން ބޭނުން ކޮންމެ ވާހަކައަކަށް ފުރުސަތު ދެއްވަ އެވެ. ސިޔާސީ ގޮތުން އެ ކައުންސިލަރުން ނިސްބަތްވާ ޕާޓީއަކަށް ބެލުމެއް ނެތި ފުރުސަތު ދެއްވަ އެވެ. ކައުންސިލަރުން ފާހަގަ ކުރާ ކަންކަން ނޯޓް ކުރައްވާ އެކަންކަން ކުރެވޭނެ މަގު ފަހިކޮށްދެއްވަ އެވެ. ވަކި ރަށަކަށް ތަފާތު ކުރުމެއް ނެތި އެވެ.

މާލޭގެ ހުރިހާ އަވަށްތަކަށް ޚާއްސަ ބައްދަލްވުންތަކެއް, ބޭނުން ޝުޢޫރަކަށް ފުރުސަތު

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު، މިއިން ޒަމާނަކު މާލޭގެެ ހުރިހާ އަވަށްތަކަށް ޚާއްސަ ބައްދަލްވުންތަކެއް ބާއްވަވާފައެއް ނުވެ އެވެ. އަމުދުން އެފަދަ ބައްދަލްވުންތައް އާންމުންކޮށް ހުޅުވައިލައްވާ ބޭނުން ރައްޔިތަކަށް ޚިޔާލާއި ޝުޢޫރު ފާޅުކުރެވޭނެ ގޮތެއް ފަހިކޮށްދެއްވާފައެއް ނުވެ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭގެ ހުރިހާ އަވަށްތަކަށް ޚާއްސަ ބައްދަލްވުންތަކެއް ބާއްވަވާފަ އެވެ. އެ ބައްދަލްވުންތަކުގައި ރައްޔިތުންގެ ޝުޢޫރުތަކަށް ފުރުސަތު ދެއްވަ އެވެ. ބައެއް ބައްދަލްވުންތަކުގައި ތިން ހަތަރު ގަޑިއިރު ހޭދަކުރައްވަނީ ސީދާ ރައްޔިތުންގެ ޝުޢޫރުތައް އަޑުއެއްސެވުމުގަ އެވެ.

ބޭނުން ކޮންމެ ވާހަކައަކަށް، ކޮންމެ ޝުޢޫރަކަށް، ކޮންމެ ޝަކުވާއަކަށް، ކޮންމެ ކަންބޮޑުވުމެއް ހިއްސާކުރުމަށް ފުރުސަތު ދެއްވަ އެެވެ. ސަރުކާރާއި ދެކޮޅަށް ވެސް ވާހަކަ ދައްކަންވީ އެވެ. ސިޔާސަތުތަކާއި އިދިކީލި ޝުޢޫރުވެސް ފާޅުކުރަންވީ އެވެ. އެކަމުގައި އެއްވެސް ހިފެހެއްޓުމެއް ގެންގުޅުއްވަން އެމަނިކުފާނު ބޭނުންފުޅެއް ނުވި އެވެ. ބޭނުންފުޅުވީ ރައްޔިތުންގެ ޙަޤީޤީ ކަންބޮޑުވުންތައް އަޑުއައްސަވާށެވެ.

ރައީސް ދޮށީ އުމުރުގެ ރައްޔިތަކާއި ސަލާމް ކުރައްވާ ކަންބޮޑުވުން އަޑުއައްސަވަނީ 

އަދި އެ ޝުޢޫރުތަކާއި ޚިޔާލުތަކާއި ކަންްބޮޑުވުންތަކަށް އެ ބައްދަލްވުމުގައި ސީދާ ރައީސް ޖަވާބު ދެއްވި އެވެ. އޭގެ ފަހުން ނިންމަވައެއް ނުލައްވަ އެވެ. އާންމު ބައްދަލްވުމެެއްގައި ރައްޔިތުންނަށް ދައްކަން ނުކުރިވާ އެހެން ވާހަކަތަކަށް ވެސް ފުރުސަތު ދެއްވަ އެވެ. ކޮންމެ ރައްޔިތަކާއި ވަކިވަކީން ބައްދަލުކުރައްވަ އެވެ. އެގޮތުގައި ވެސް ތިން ހަތަރު ގަޑިއިރު ހޭދަކުރައްވާފައިވެ އެވެ.

ބައެއް އަވަށު ބައްދަލްވުންތައް މި ދެބައި ހިމަނައިގެން ހަތް ގަޑިއިރަށް ދިގު ދެމިގެންގޮސްފައިވެ އެވެ. ރޭގަނޑު ނުވައެއް ޖަހާއިރު ފަށާ ބައްދަލްވުން މުޅީން ނިންމާލެވެނީ މެންދަމު ތިނެއް ޖަހާ ބޮޑުވާ ފަހުންނެވެ. 

ރައީސް މާލޭގައި ދޮރުން ދޮރަށް ހިންގެވުން 

އޭގެ ފަހުން ވެސް ބައެއް ކެމްޕެއިން ހަރަކާތްތަކާއި ގުޅިގެން މާލޭގެ އެކި އަވަށް އަވަށުގެ ގިނަ ގެތަކަށް ސީދާ ރައީސް ޒިޔާރަތް ކުރައްވާ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވެ އެވެ. އަދި މަގުމަތީން ބައްދަލުވާ ވަރަށް ގިނަ ރައްޔިތުންނާއި ސަލާމް ކުރައްވާ ކަންބޮޑުވުންތައް އަޑުއައްސަވާފައިވެ އެވެ.

މި ހުރިހާ ސަބަބުތަކާއެކު ރައްޔިތުންނާއި ގާތުން ވެރިކަންކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ މުޅީން ތަފާތު ލީޑަރެއް ކަމުގައި ސާބިތު ކޮށްދެއްވާފަ އެވެ. އެކަން ސާބިތުކޮށް ދެއްވީ އަމަަލާއި ބަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު