ENGLISH
01 މޭ 2026
ސޯލިހް ސަރުކާރުގައި ބާރު އޮތީ އަދާލަތާއި ޖޭޕީއަށް, އެމްޑީޕީއަށް އިސްކަމެއް ނުދިން: މާރިޔާ
01 މޭ 2026
|
އަލީ ޒާހިރު (ކ) ނަޙްލާ (މ) އިމްރާން (ވ)
އެންމެ މަޤްބޫލު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބާރު އޮތީ އަދާލަތު ޕާޓީއާ ޖުމްހޫރީ ޕާޓީއަށް ކަމަށާ އެ ސަރުކާރުގައި އެމްޑީޕީއަށް އިސްކަމެއް ނުދިން ކަމަށް ރައީސް ސޯލިހްގެ ސަރުކާރުގެ ފަސް އަހަރު ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަވަަމުންނެވެ. މާރިޔާ ހުންނެވީ ރައީސް ނަޝީދާއެކު އެވެ. ރައީސް ސޯލިހްގެ ތާއީދު އޮތީ ނާޝީދުގެ ވާދަވެރި ކެންޑިޑޭޓް މީކާއީލް އަހްމަދު ނަސީމަށެވެ.
އެމްޑީޕީގެ ބާރުވެރިކަން ހޯދަން ނަޝީދާއި ސޯލިހްގެ ފެކްޝަނުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް އެކި ތުހުމަތުތައްކޮށް ފާާޑުކިޔަމުންނެވެ.
މާރިޔާ ދީދީ ވިދާޅުވީ އެމްޑީޕީ ސަރުކާރެއް އަންނަނީ އެ ޕާޓީގެ މެންބަރުން ކުރާ ބުރަ މަސައްކަތުން ކަމަށެވެ. ނަމަވެސް ސަރުކާރު އުފެދުމުން ބާރު އޮންނަނީ އެހެން ބައެއްގެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ސޯލިހްގެ ސަރުކާރުގައި ބާރު އޮތީ ޖުމްހޫރީ ޕާޓީއާ އަދާލަތުގެ ވެރީންނަށް ކަމަށް ވިދާޅުވި އެވެ.
އެއް ކަމަކަށް ފާހަގަ ކުރެއްވީ ރައީސް ސޯލިހްގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކަށް ހުންނެވި އަލީ ޒާހިރުގެ ބާރު ސަރުކާރުގައި ގަދަވުމެވެ. އޭނާ އަކީ އޭރު އަދާލަތުގެ ނާއިބު ރައީސެވެ.
"އެމްޑީޕީގެ ސަރުކާރެއް އައިމާ މި ފެންނަނީ އަދާލަތު ބޭފުޅެއްގެ ހުއްދަ އޮވެގެން ނޫނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ވެސް ނުކޮށްލެވޭ،" އަލީ ޒާހިރުގެ ބާރު އެ ސަރުކާރުގައި އޮތްވަރު ފާހަގަ ކުރައްވާ މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ސޯލިހްގެ ވެރިކަމުގެ ފަސް އަހަރުގައި ޓްރާސްޕޯޓް މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ބެހެއްޓެވީތީ އެކަމަށްވެސް ފާޑު ވިދާޅުވި އެވެ. ސޯލިހްގެ އެމްޑީޕީ ސަރުކާރުގައި އެހެން ޕާޓީތަކުގެ ބާރު ގަދަވުމަކީ އެމްޑީޕީގެ މެންބަރުން ވަރަށް ހިތްހަމަނުޖެހުނު ކަމެއް ކަމަށާ ނަހުލާއަށް މިނިސްޓަރުކަން ދިނީ ޤާސިމްގެ އަނބިކަނބަލަކަށް ވާތީ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ދެން ފާޑުވިދާޅުވީ ސޯލިހް ކެބިނެޓު އެކުލަވާލެއްވި ގޮތަށެވެ.
"އެއް ބޭފުޅެއްގެ އަނބިކަނބަލުންނަށް މިނިސްޓަރުކަން ދެއްވިއިރު ހަމައެކަނި ކޮލިފިކޭޝަން އަކީ ބޮޑު ވިޔަފާރިވެރިއެއްގެ އަތްނބަކަށް ވީކަން،" ނަހްލާއަށް މިނިސްޓަރުކަން ދެއްވި ސަބަބާއި ގުޅޭގޮތުން މާރިޔާ ވިދާޅުވި އެވެ.
މާރިޔާ މިހެން ވިދާޅުވި ނަމަވެސް ސޯލިހްގެ ސަރުކާރުގައި ގިނަ މަޤާމުތައް އޮތީ އެމްޑީޕީއަށެވެ. ވަރަށް މަދު މުހިންމު ސްލޮޓްތަކެއް އެހެން ޕާޓީތަކަށް ދިން ނަމަވެސް ބާރުގަދަ މުހިންްމު މަޤާމުތައް އޮތީ އެމްޑީޕީއަށެވެ. ބައެއް ޕާޓީތަކުގެ ވަޒީރުން ވަކިވެސް ކުރެއްވި އެވެ.