ENGLISH
01 މޭ 2026
ސިއްހީ ހިދުމަތްތެރިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދޭނަން: ސީއީއޯ އަބްދުއްރައްޒާގް
01 މޭ 2026
|
ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް - ފޮޓޯ: އެންސްޕާ
އެންމެ މަޤްބޫލު
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ދެއްވައިފި އެވެ.
ސީއީއޯ މިފަދައިން ޔަގީންކަން ދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، މޯލްޑިވްސް ބްލަޑް ސާވިސަސް އާ ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރު ގެ މުވައްޒަފުންނަށް ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހު ތަހުނިޔާ ވިދާޅުވެ ކުރެއްވި "އެކްސް" ޕޯސްޓެއްގަ އެވެ.
ސީއީއޯ ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެންމެހައި ޚިދުމަތްތަކުގެ މައިބަދައަކީ މުވައްޒަފުނަށްވީ ހިނދު، އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.
ސީއީއޯ ވިދާޅުވީ މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ނަފްސާނީ ގޮތުން ދުޅަހެޔޮ މަސައްކަތުގެ މާޙައުލެއް ކަށަވަރުކުރުން" މިއީ، ޚާއްޞަކޮށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށް މުހިންމު ޝިއާރެއް ކަމަށެވެ.
"ކޮންމެ ދުވަހަކު ތިޔަ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ހަމައެކަނި ފަރުވާ ދިނުމާއި އިދާރީ ހިންގުމެއް ނޫން. އެއީ ބަލިމީހުންނާއި އާއިލާތަކުގެ އުއްމީދުތަކާ ގުޅިފައިވާ، އަދި އިންސާނިއްޔަތަށްޓަކައި ތިޔަ ބޭފުޅުން އުފުއްލަވާ ނަފްސާނީ ބުރައެއްވެސް މެ. ވަރުގަދަ މުއައްސަސާއެއް ބިނާވަނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުގެ މައްޗަކަށް ނޫން. އެއީ މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ކަރާމާތްތެރިކަމާއި، ރައްކާތެރިކަމުގެ މައްޗަށް،". ސީއީއޯ ވިދާޅުވި އެވެ.
މުވައްޒަފުންގެ މުޢާމަލާތްތަކާއި އަދި އެކަކު އަނެކަކާ ދޭތެރޭ ބަހައްޓާ ގާތްކަމުން ފަންނީ އަދަބުވެރިކަން ފެންނަންވާނެކަމަށާއި މިއީ ކްލިނިކަލް އަދި ނޮން-ކްލިނިކަލް ހުރިހާ ޓީމުތަކެއްގެ މައްޗަށްވެސް އޮތް ޒިންމާއެއްކަމަށް ސީއީއޯ ވިދާޅުވި އެވެ.
ދޭ ޚިދުމަތްތަކެކޭ އެއްވަރަށް މުވައްޒަފުންގެ ދުޅަހެޔޮކަންވެސް މުހިންމުކަމަށާއި މަސައްކަތުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ވަރުބަލިކަމާއި ފިއްތުންތައް ބަލައިގަތުމަކީ ބަލިކަށިކަމެއް ނޫންކަމަށް ސީއީއޯ ވިދާޅުވި އެވެ. އެއީ ވަރުގަދަ، އޯގާތެރި މުއައްސަސާއެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވެސް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގަ އެވެ.