ENGLISH

01 މޭ 2026

Advertisement

ރާއްޖެ ހިމެނޭހެން 10 ގައުމަކުން ޞުމޫދް ފްލޮޓިއްލާއަށް ހުރަސްއެޅުން ކުށްވެރިކޮށްފި

01 މޭ 2026

|

އައިމިނަތު ޝަފާ

ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް

ޣައްޒާގެ ޙިޞާރު ފޫއަޅުވައިލައި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރުކުރި އުޅަނދުތަކަށް ޔަހޫދީ ސިފައިން ހުރަސްއެޅި މައްސަލަ ރާއްޖެ ހިމެނޭހެން 10 ގައުމަކުން ކުށްވެރިކޮށްފި އެވެ. 

ޔަހުދީންގެ މި އަމަލު ކުށްވެރިކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ، ބްރެޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، މެލޭޝިއާ، ބަންގްލަދޭޝް، ކޮލަމްބިއާ، ދެކުނު އެފްރިކާ، ތުރުކީ އަދި ލީބިޔާ އެވެ.

މި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި، "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް އިސްރާއީލުން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ވެއެވެ. 

ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައި އެހީ ހިފައިގެން ދިޔަ އުޅަނދުފަހަރަށް އިސްރާއީލުން ހަމަލާދީ، އިންސާނީ އެހީގެ މަސައްކަތްތެރިން ޣައިރުޤާނޫނީ ގޮތުން ހައްޔަރުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ބޮޑު ޖަރީމާއެއްކަމަށް ގުޅިފައިވާ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. 

އަދި ޞުމޫދް ފްލޮޓިއްލާގައި ދަތުރުކުރި މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެ މީހުން ވަގުތުން މިނިވަންކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކުރުމަށާއި، އަދި މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުން އަދާކުރަންޖެހޭ އަޚްލާޤީ އަދި ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލަފަ އެވެ.

އެޕްރީލު 12 ވަނަ ދުވަހު ސްޕެއިންގެ ބަރްސެލޯނާ ބަނދަރުން ފުރި މި އުޅަނދުތައް ހިފަހައްޓާފައިވަނީ ޣައްޒާއާ އެތައް ސަތޭކަ މޭލެއް ދުރުން ގްރީސްގެ އައްސޭރިފަށުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުން ނެވެ.

ގްލޯބަލް ޞުމޫދް ފްލޮޓިއްލާ ޖަމުޢިއްޔާއިން ބުނީ މިއީ ފާޅުކަން ބޮޑު "ކަނޑުފޭރުމުގެ" ކުށެއް ކަމަށެވެ. 

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް އެ ޖަމުޢިއްޔާއިން ކުރި ދަތުރު ޔަހޫދީ ސިފައިން ހުއްޓުވައި، އުޅަނދުތަކުގައި ދަތުރުކުރި 450 އަށްވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު