ENGLISH
01 މޭ 2026
މަސައްކަތްތެރިންނަށް ރައީސްގެ ދެކަނބަލުންގެ ތަހުނިޔާ؛ ދެއްވީ އަގުވަޒަންކުރާނެ ކަމުގެ ޔަގީންކަން
01 މޭ 2026
|
ރައީސްގެ ދެކަނބަލުން
އެންމެ މަޤްބޫލު
މޭ މަހުގެ އެއްވަނަ ދުވަހުގައި ފާހަހަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރައްވައިފިއެވެ.
ރައީސްް މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، އަމިއްލަ ނަފުސާއި އާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޖުމްލަކޮށް މުޅި މުޖުތަމައާއި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ބުރައުފުލާ ކޮންމެ މަސައްކަތްތެރިއަކީ ޝަރަފުވެރިއެއް ކަމަށެވެ.
އެމަނިކުފާނުވަނީ ދިވެހި ޤައުމުން މަސައްކަތްތެރިންގެ އަގުވަޒަަންކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސް ވިދާޅުވީ ކޮންމެ މަސައްކަތްތެރިއަކީ މި ގައުމުން އަގުވަޒަންކުރާނެ ހިދުމަތްތެރިއެއް ކަމަަށެވެ.
އަދި ރާއްޖެ މިއަދު މިދެކޭ ތަރައްގީއާއި ކުރިއެރުން ހާސިލުކޮށްދިނީ ހީވާގި މަސައްކަތްތެރިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މުސްތަގުބަލަށްޓަކައި ދިވެހި އެދޭ ކުރިއެރުމާއި ތަރައްގީވެސް ހާސިލުކޮށްދީ ހަގީގަތަކަށް ހަދައިދޭނީ މަސައްކަތްތެރިން ކަމަށެވެ. އެކަން ގަބޫލުކުރައްވާ ހާލުގައި ހުރިހާ މަސައްކަތްތެރިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ގައުމު ބިނާކުރުމުގައި މަސައްކަތްތެރިން އަދާކުރާ ދައުރު ފާހަގަކުރައްވަމުން ހުރިހާ މަސައްކަތްތެރިންނަށް ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު މީސްމީޑިޔާގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރާއްޖޭގެ ހުރިހާ ސިނާއަތްތަކެއްގައި މަސައްކަތްކުރަމުންދާ މަސައްކަތްތެރިންނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައި، އެކަމަނާގެ އެންމެ މަތީ އިހުތިރާމު އޮތްކަމަށް ވިދާޅުވިއެވެ.
އަދި މަަސައްކަަތްތެރިންގެ ގުރުބާނީތަކާއި އެމީހުންގެ ނުގުޑާފަދަ އަޒުމާއި ރޫހު މިއަދު އަދި އެހެން ދުވަސްދުވަހުވެސް ފެނިވަޑައިގެން އެކަންކަން އިހުތިފާލުކުރައްވާ ކަމަށް ވދާޅުވެ، އުފާވެރި މަސައްކަތްތެރިންްގެ ދުވަހަކަށް އެދިވަޑައިގެންފައިވެއެވެ.