ENGLISH
14 މޭ 2026
ކިންގް އޮފް ޕޮޕް، މައިކަލް ޖެކްސަންގެ މީރާސް ދައްކުވައިދޭން ނިކުތީ ޖާފަރ ޖެކްސަން!
30 އޭޕްރީލު 2026
|
މައިކަލް ޖެކްސަން (ކ) އަދި ޖާފަރ ޖެކްސަން (ވ) --
އެންމެ މަޤްބޫލު
މައިކަލް ޖެކްސަން މި ނަމަކީ މިއުޒިކަށް ލޯބިކުރާ މީހުންނަށް އައު ނަމެއް ނޫނެވެ. ތާރީޚުގެ ތެރެއިން މި އިންޑަސްޓްރީގެ އެންމެ ނުފޫޒުގަދަ މީހުންނަށް ބަލައިލާއިރު ލިސްޓުގެ އެންމެ ކުރީގައި އޭނާގެ ނަން ހިމެނޭނެއެވެ. "ކިންގް އޮފް ޕޮޕް" ގެ ނަމުން މަޝްހޫރުވެފައިވާ އޭނާގެ އަޑާއި ޕާފޯމަންސް އަދި ގިނަ ބައެއްގެ ފަރާތުން ލިބުނު ލޯތްބާއި ތަރުހީބު އެތައް ޖީލުތަކަކަށް ވަނީ ދެމިގެން ގޮސްފައެވެ.
އޭނާ ނިޔާވިތާ އެތައް އަހަރެއް ފަހުން އަނެއްކާވެސް މައިކަލް ޖެކްސަންގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ. އެއީ އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ "މައިކަލް" ފިލްމު ރިލީޒްކުރުމާ ހިސާބުންނެވެ. މި ފިލްމުން މައިކަލް ޖެކްސަންގެ މީރާސް ވަރަށް ފުރިހަމައަށް ދައްކައިދޭއިރު މި ފިލްމު ޚާއްޞަވާ އެންމެ ބޮޑު އެއް ސަބަބަކީ މި ފިލްމުގައި މައިކަލްގެ ރޯލު އަދާކުރަނީ އޭނާގެ ބޮޑުބޭބެ ދަރި ޖާފަރ ޖެކްސަން ކަމަށްވާތީއެވެ.
އެންޓޮއިން ފުކުއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ "ޖެކްސަން ފައިވް" ބޭންޑުން ފެށިގެން މުނިފޫހިފިލުވުމުގެ ދާއިރާއިން ދުނިޔޭގެ އެންމެ ބޮޑު ތަރިންގެ ތެރޭ ހިމެނުމަށް މައިކަލް ކުރި ދަތުރު ދައްކުވައިދޭ ފިލްމެކެވެ. ޖެކްސަން އާއިލާގެ މެމްބަރެއްގެ ގޮތުގައި ޖާފަރ ބޮޑުވީ ބޮޑުބޭބެ މައިކަލްގެ މިއުޒިކާއި ވާހަކަތަކުގެ ތެރޭގައި ކަމަށްވާތީ، މިއީ އޭނާއަށް ނުހަނު ޚާއްސަ ރޯލެކެވެ. މިއާއެކު އެހެން އެކްޓަރުންނާ ޚިލާފަށް ޖާފަރަށް މި ރޯލު އަދާކުރުމަކީ ނުހަނު ފަސޭހަކަމަކަށްވިއެވެ. އަދި މި ގާތްގުޅުމުގެ ސަބަބުން މި ފިލްމުން ވަރަށް ފުރިހަމައަށް މައިކަލްގެ ހަޔާތުގެ ވާހަކަ ދައްކުވައިދޭނެކަމުގެ ޔަޤީންކަން ބެލުންތެރިންނަށް ލިބިގެންދާނެއެވެ.
ފިލްމުގެ ޓްރެއިލާ ދައްކާލި ހިސާބުންވެސް ބެލުންތެރިންނާއި ފޭނުން ދިޔައީ ޖާފަރގެ އެކްޓިންގ އާއި ސިފަވެސް މައިކަލް އާ ވައްތަރުކަން ފާހަގަކުރަމުންނެވެ. އެ ހަރަކާތްތަކާއި، މޫނުމަތީގެ ކުލަވަރުތަކާއި، އޭނާގެ ސިގްނޭޗަރ ސްޓޭޖް މޫވްމެންޓްތަކަށް ގިނަ ބެލުންތެރިންގެ ތައުރީފު ލިބިގެންދިޔައެވެ.
އެހެންނަމަވެސް މިއީ ހަމައެކަނި މައިކަލްގެ ޕާފޯމަންސާއި އޭނާގެ މޫވްމެންޓްތައް ދައްކާލުމަށް ތައްޔާރުކުރި ފިލްމެއް ނޫނެވެ. މި ފިލްމަކީ މައިކަލް ޖެކްސަންގެ މީރާސް އަދި ހަނދާންތައްވެސް ރައްކާކޮށްދޭނެ ފިލްމެކެވެ. އޭނާގެ ހަޔާތުގެ ކާމިޔާބީތަކާއި، މުޅި ދުނިޔެއިން އޭނާއަށް ދިން ލޯތްބާއި، އަދި ހަމައެއާއެކު އޭނާއަށް އަމާޒުވި ފާޑުކިޔުންތައްވެސް މި ފިލްމުގެ ޒަރީޔާއިން ދައްކުވައިދޭއިރު، މި ފިލްމުން އޭނާގެ ހަޔާތުގެ ހުރިހާ ބާބެއް ރައްކާތެރިކޮށްދެއެވެ.
މިއީ ޖާފަރުގެ އެކްޓިން ކެރިއަރުގެ ފެށުމެވެ. އޭނާގެ ފެށުމަކީ އޭނާގެ ބޮޑުބޭބޭގެ ހަނދާންތައް ރައްކާތެރިކޮށްދީ ދުނިޔެއިން އޭނާގެ ހަނދާންތައް ފޮހެވިގެން ނުދާނެކަން ޔަޤީންކުރުން ކަމަށްވާއިރު ޖާފަރަށް މިއީ ނުހަނު ޚާއްސަ ރޯލެކެވެ.
މި ފިލްމުން މައިކަލް ޖެކްސަންގެ ހަޔާތުގެ ގިނަ ވާހަކަތަކެއް ކިޔައިދޭއިރު، މި ފިލްމުން ހަޤީޤީ ލެޖެންޑުންގެ ވާހަކަތަކަކީ އެމީހުން ދުނިޔެއާ ވަކިވެދިޔަޔަސް މީހުންގެ ހަނދާނުންނާއި ފަތްފުށްތަކުން ފޮހެވިގެންދާނެ ވާހަކަތަކެއް ނޫން ކަންވެސް ބުނެދެއެވެ. އަދި އެ ވާހަކަތައް އަބަދުވެސް މީހުންގެ ހަނދާނާއި ތާރީޚުގައި ދެމި އޮންނާނެކަން ޔަޤީންކޮށްދެއެވެ.