ENGLISH
30 އޭޕްރީލު 2026
އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެލާނާ އެއާޕޯޓުން 2.35 މިލިއަން ފަސިންޖަރުން ޚިދުމަތް ހޯދި
30 އޭޕްރީލު 2026
|
ވެލާނާ އެއާޕޯޓުގައި ފަތުރުވެރިންތަކެއް ހަރަކާތްތެރިވަނީ. ފުރަތަމަ ކުއާޓަރުގައި ޚިދުމަތް ހޯދި ފަސިންޖަރުންގެ އަދަދު ހަތަރު އިންސައްތަ ވަނީ އިތުރުވެފަ. ފޮޓޯ: ވެލާނާ އެއާޕޯޓް
އެންމެ މަޤްބޫލު
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޚިދުމަތް ހޯދި މީހުންގެ އަދަދު 2.35 މިލިއަނަށް އަރާފައިވާކަން ވެލާނާ އެއާޕޯޓުގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ވެލާނާ އެއާޕޯޓުން އިއްޔެ ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޚިދުމަތް ހޯދި މީހުންގެ ތަފާސްހިސާބުތައް އާއްމުކޮށްފައެވެ.
ފުރަތަމަ ކުއާޓަރުގައި 2.35 މިލިއަން ޚިދުމަތް ހޯދުމަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތަރު އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ބައިނަލްއަގްވާމީ ދަތުރުތަކުގައި 1.53 މިލިއަން ފަސިންޖަރުން ވަނީ ޚިދުމަތް ހޯދައިފައެވެ. ސީޕްލޭންގެ ޚިދުމަތް 498،411 ފަސިންޖަރުން ހޯދިއިރު ޑޮމެސްޓިކް ދަތުރުތަކުގެ ޚިދުމަތް 317،286 ފަސިންޖަރުން ހޯދި އެވެ.
ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން ޚިދުމަތް ހޯދީ ޖަނަވަރީ 11 ވަނަ ދުވަހު އެވެ. އެދުވަހު ވަނީ 28،360 މީހުން އެއާޕޯޓުން ޚިދުމަތް ހޯދައިފައެވެ. ސީޕްލޭންގައި އެންމެ ގިނަ ފަތުރުވެރިން ޚިދުމަތް ހޯދީ ފެބްރުވަރީ 15 ވަނަ ދުވަހު އެވެ. އެދުވަހު ސީޕްލޭންގައި ވަނީ 9،351 ފަސިންޖަރުން ވަނީ ޚިދުމަތް ހޯދައިފައެވެ.
އިތުރު ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި ވަނީ އެއާޓްރެފިކް މޫވްމަންޓް ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ފަސް އިންސައްތަ އިތުރުވެފައެވެ. އެއީ ޖުމްލަ 72،128 މޫވްމަންޓެވެ. މީގެތެރޭގައި އެންމެ ގިނައީ ސީޕްލޭންގެ ހަރަކާތްތަކެވެ. އެއީ 54،494 މޫވްމަންޓެވެ.
ވެލާނާ އެއާޕޯޓުން ފަސިންޖަރުން ޚިދުމަތް ހޯދާ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމެވެ. އާ ޓާމިނަލް ބޭނުންކުރަން ފެށުމާއެކު ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް މިހާރު ވަނީ ޑޮމެސްޓިކް ދަތުރުތަކަށް ޚާއްޞަކޮށްފައެވެ.