ENGLISH
29 އޭޕްރީލު 2026
ރާއްޖެ ޖޫނިއާ ޓީޓީ މުބާރާތް: ޙަލަފް އާއި އަލްސާ އަށް ބޮޑު ކާމިޔާބީއެއް
29 އޭޕްރީލު 2026
|
މުބާރާތުގެ ފިރިހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުން ގިނަ ކާމިޔާބީތަކެއް ހާސިލްކުރި ޚަލަފް ރާފިޢު ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ރާއްޖެ ޖޫނިއާ ޓީޓީ މުބާރާތް
އެންމެ މަޤްބޫލު
ރާއްޖެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓްތަކުން މުޙައްމަދު ޙަލަފް ރާފިޢުއާއި އައިޝަތު އަލްސާ ނާފިޒް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފިއެވެ.
މި މަހުގެ 14 އިން 28 ގެ ނިޔަލަށް މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ މުބާރާތުގައި މުޅިއެކު 17 ސްކޫލަކުން ދަރިވަރުން ބައިވެރިވެފައިވެއެވެ.
ރާއްޖޭގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ މި ދެ ކުޅުންތެރިންގެ ތެރެއިން، ޙަލަފް ވަނީ މުބާރާތުގެ 15 އާއި 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައެވެ.
އެގޮތުން، 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ޚަލަފް އާއި އައްޔޫބް އިޒްކާންގެ ޕެއާ އެވެ. މުބާރާތުގެ 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިވެންޓްގައި ޙަލަފް އާއި އުމެއިރު މުޙައްމަދު މުޢިއްޒުގެ ޕެއާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
މުބާރާތުގައި އަލްސާ ނާފިޒް ކުޅެނީ. --ފޮޓޯ: ރާއްޖެ ޖޫނިއާ ޓީޓީ މުބާރާތް
އަލްސާ ވަނީ 15 އާއި 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދާފައެވެ. 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އަލްސާ އާއި އާއިޝަތު މަލަކް ތަސީންގެ ޕެއާ ހޯދިއިރު، އަލްސާ އާއި އާމިނާ އާޔަތު އާދަމްގެ ޕެއާ ވަނީ 17 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މި މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ސާރާ މޫސާ ޖަމީލް ހޯދިއިރު، އެ އުމުރުފުރައިގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ އަހްޔަލް އަލީ ނަޒީރެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މިޝްކާ މުޙައްމަދު އިބްރާހިމް އެވެ. 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުޙައްމަދު އާލް އިމްރާން އެވެ. 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން މާން އިސްމާޢީލް މުޚުތަބާ އާއި އާލް އިމްރާންގެ ޕެއާ ހޯދިއިރު، މި އުމުރުފުރައިގެ އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ މަލާކް ބިން މުއިޒު އާއި މިންހާ މަހްޖޫބް ޝުޖާއުގެ ޕެއާ އެވެ.