ENGLISH
29 އޭޕްރީލު 2026
ސިޔާސީ ހަމަޖެހުން ޤާއިމުކޮށްދެއްވާ ރައީސް މުޢިއްޒު ތަފާތު ދެއްކެވީ ހުރިހާ ޙައްޤުތަކެއް ކަށަވަރުކޮށްދެއްވައިގެން
29 އޭޕްރީލު 2026
|
ކޮންގްރެސް ޕާޓީން މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ --
އެންމެ މަޤްބޫލު
ސިޔާސީ މައިދާނުން ފެންނަން އޮތް އެންމެ ބޮޑު ޙަޤީޤަތަކީ ކިރިޔާވެސް ބާރެއް ލިބޭއިރަށް ވާދަވެރީންނަށް އަނިޔާވެރިވާ ކަމެވެ. އެކަން ނިމިދިޔަ ކޮންމެ ވެރިކަމަށް ވެސް ބަލާލި ނަމަވެސް ސާފުކޮށް އޮތީ ފެންނާށެވެ. ވެރިކަމަށް ވަޑައިގެން ކޮންމެ ބޭފުޅަކުވެސް އެންމެ ފުރަތަމަ އަވަސްވެގަންނަނީ ވާދަވެރީން، ސިޔާސީ މައިދާނުން އެކަހެރިކުރެވޭނެ ގޮތެއް ހޯދުމަށެވެ. ތަފާތު ތުހުމަތުތައް އުފައްދަ އެވެ. ދަޢުވާކޮށް ހިފާ ހައްޔަރުކުރެ އެވެ. ޖަލުގައި ބަންދު ކުރެ އެވެ.
މިއީ އެންމެ ފަހުގެ ދެ ވެރިކަމުގައި ވެސް ފެނުނު މަންޒަރެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެކަން ބަދަލުކުރައްވާ ސިޔާސީ ހަމަޖެހުން ޤާއިމު ކުރައްވާނެ ކަމުގެ ވަޢުދުފުޅާ އެކު އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެ ވައުދުފުޅު ތަކުރާރުކުރެއްވި އެވެ. އިންތިޚާބުވެވަޑައިގަތުމުން ވެސް އެ ވަޢުދުފުޅު ތަކުރާރުކުރެއްވި އެވެ. އަދި ވެރިކަމުގެ ހުވާ ކުރައްވައި ޤައުމާއި މުޚާތަބު ކުރެއްވި ފުރަތަމަ ފަހަރުވެސް އެ ޔަޤީންކަން ދެއްވި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތަށް ތިން އަހަރު ފުރޭންދާއިރު ފެންނަން އޮތީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގައި އޮތް އިޚްލާސްތެރިކަމެވެ. އެއްވެސް ސިޔާސީ ލީޑަރަކު ޖަލުގައި ނެތެވެ. އެއްވުމަކުން ނުވަތަ މުޒާހަރާއަކުން ހައްޔަރުކުރި ސިޔާސީ ވެރިއެއް ނެތެވެ. ސިޔާސީ ގޮތުން ދަޢުވާ އުފުލައި އެކަހެރި ކޮށްފައިވާ ބޭފުޅަކު ނެތެވެ. ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވުން އެކީއެކަށް ނިމުންގެންވައިފި އެވެ. އިންޓެލިޖެންސް ރިޕޯޓްތައް ތައްޔާރުކޮށް ސިޔާސީ ވެރީންނާއި ވާދަވެރީން އެކަހެރިކުރުމުގެ ސަޤާފަތް މުޅީން ބަދަލު ކުރައްވައިފި އެވެ.
އެއާއެކު ރާއްޖޭގައި ވަނީ ސިޔާސީ ހަމަޖެހުން ޤާއިމު ކުރައްވާފަ އެވެ. އެ ހަމަޖެހުން ޤާއިމުކުރެއްވީ ހުރިހާ ޙައްޤުތަކެއް ކަށަވަރު ކޮށްދެއްވަމުންނެވެ. ޚުދުމުހުތާރު ސިފަތަކަށް ޖާގަ ދިނުމެއް ނެތި އެވެ. މިއަދުވެސް ބަލާބަލާށެވެ. ހުރިހާ ޕާޓީތަކުން ވެސް އެ ދަނީ އެއްވެސް ހުރަހެއް ނެތި ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. މިއީ މިދިޔަ އަހަރުތަކުގައި ރާއްޖޭން ފެނުނު މަންޒަރުތަކެއް ނޫނެވެ.
މިއަދުވެސް އިދިކޮޅު ޕާޓީތަކުން ކޮންމެ ރެއަކުހެން މުޒާހަރާ ކުރެ އެވެ. އިޙްތިޖާޖުތައް ބާއްވަމުންނެވެ. އެކަމަށް ފުރުސަތު ފަހިކޮށް ދެއްވުމަށް ސަރުކާރުން އިސްވެ މުޒާހަރާއާ އިޙްތިޖާޖުތައް ކުރެވޭނެ ތަންތަން ވެސް އިތުރުދިނެވެ. އެ ނޫން ތަންތަނުގައިވެސް މުޒާހަރާތަކާއި އިޙްތިޖާޖުތައް އެ ދަނީ ބާއްވަމުންނެވެ. މިނިވަން ކަމާއެކު އެވެ.
މީގެ ކުރީ ދެ ވެރިކަމަށް ބެލިނަމަވެސް މިއީ ސިޔާސީ ޕާޓީތަކަށް ލިބުނު ފުރުސަތެއް ނޫނެވެ. މުޒާހަރާއެއް ބާއްވައިފިނަމަ އަނިޔާވެރިކަމާއެކު އެ މުޒާހަރާއެއް ރޫޅާލަ އެވެ. އެތައް ބަޔަކު ހައްޔަރު ކުރެ އެވެ. އަނިޔާވެރި އެތައް އަމަލުތަކެއް ހިންގަ އެވެ. ސިޔާސީ ލީޑަރުން ހައްޔަރުކޮށް ޖަލުގައި ބަންދުކުރެ އެވެ.
އެކަމަކު އެކަން މިއަދު މާޒީ ވެއްޖެ އެވެ. އެކަން ވާދަވެރީން ވެސް ޤަބޫލުކުރެ އެވެ. އެހެން ނޫންނަމަ މިނިވަންކަމާއެކު ކޮންމެ ރެއަކު ނިކުމެ މުޒާހަރާ ކުރުމުގެ ފުރުސަތު ނުލިބުނީހެވެ. އެބައިމީހުން އެދަނީ މާލޭގެ އެންމެ ކާރޫބާރު ބޮޑު މަގުތަކުގައި ވެސް އެއްވެ އިޙްތިޖާޖު ކުރަމުންނެވެ.
އިޙްތިޖާޖުތަކުން ފެންނަ ޙަޤީޤީ މަންޒަރަކީ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމެވެ. އެކަމަށް ފުރުސަތު ދެއްވާ މިންވަރެވެ. އެހެން ކަމުން އެ ޙަޤީޤަތް އޮޅުވާލަން އިޙްތިޖާޖުތަކާއި މުޒާހަރާތަކުގެ ފޯކަސް މިއަދު ދަނީ ބަދަލު ކުރަމުންނެވެ. ހުތުރު ބަސްމަގު ބޭނުން ކުރުމާއި ދޮގާއި ނަފްތަރު އުފެދޭ ވާހަކަތައް ފެތުރުން އެފަދަ އެއްވުންތަކުގައި ވަނީ އާންމު ކަމަކަށް ހަދާފަ އެވެ. އާއިލާތައް އެކުގައި ތިބެ ބަލާލަން ނުުކުރޭފަދަ ހުތުރު ހަރަކާތަކަށް އިދިކޮޅުގެ އެއްވުންތައް ބަދަލުވެއްޖެ އެވެ.
ރައީސްގެ އިލްތިމާސަކީ އެފަދަ ކަންކަން ނުކުރެެއްވުމެވެ. މުޖްތަމަޢުގެ އަޚްލާޤީ ފެންވަރު އެ ދަރަޖައަށް ވައްޓަލައި ނުލެއްވުމެވެ.
ސިޔާސީ މަސްރަޙް ދިރާސާކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ވާދަވެރީންގެ އިޙްތިޖާޖުތައް އެފަދަ ދަށު ދަރަޖައަށް ގެންދިޔައީ ގޮތް ހުސްވެގެންނެވެ. އެ މީހުން އުންމީދު ކޮށްގެން ތިބީ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމަށް ރައީސް މުޢިއްޒު ފުުރުސަތު ނުދެއްވާނެ ކަމަށެވެ. ފުލުހުން ފޮނުވައިގެން އެކަންކަމަށް ހުރަސްއަޅާ މީހުން ހައްޔަރުކޮށް ޖަލަށްލުމުގެ ސިލްސިލާ އެހެން ރައީސުންނެކޭ އެއްގޮތަށް ރައީސް މުޢިއްޒުވެސް ފައްޓަވާނެ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ މަތީގަ އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ހަމަޖެހުން ވެސް ޤާއިމު ކުރައްވައިފި އެވެ. އެކަންކުރެއްވީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކާއި އެއްވުންތަކަށް ފުރިހަމައަށް ފުރުސަތު ވެސް ދެމުންނެވެ. ޙައްޤުތައް ކަށަވަރު ކޮށްދެއްވައިގެންނެވެ. ޑިމޮކްރެސީގެ އަސާސްތައް ދަމަހައްޓަވާ ޗެމްޕިއަންކޮށް ދެއްވައިގެންނެވެ. އެއްވެސް ސިޔާސީ ލީޑަރަކު ހައްޔަރުކޮށް ސިޔާސީ ދަޢުވާތައް އުފުލުމެއް ނެތި އެވެ. ރައީސް މުޢިއްޒު މިވަނީ ދިވެހި ސިޔާސީ ތާރީޚު މުޅީން ބަދަލުކޮށްލައްވާފަ އެވެ.