ENGLISH

29 އޭޕްރީލު 2026

Advertisement

މަސްވެރިކަން ވަރަށް ރަނގަޅުވެއްޖެ، 13 ސަރަޙައްދަކުން ހެޔޮ އަގުގައި މަސްވެރީންނަށް ތެޔޮ ފޯރުކޮށްދެނީ

29 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ވަޒީރު ޝިޔާމް މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަނީ --

މަސްވެރިކަން ކުރާ ހުރިހާ ދޯނިތަކަށް ރާއްޖޭގެ 13 ސަރަހައްދަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާ ނަތީޖާއެއްގެ ގޮތުން މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް، ކެބިނެޓް ވަޒީރުން ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެެރީންގެ ބައްދަލްވުމުގަ އެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރީން މަހަށް ނުފުރާނަމަ އެކަމުގެ އަސަރު މުޅި ޤައުމަށް ކުރާނެ އެވެ. އެހެން ކަމުން މަސްވެރީންނަށް މަހަށް ފުރޭނެ ގޮތް ހަމަޖެއްސުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުން މިހާރު އޮތް ދަތި ވަގުތުވެސް ހެޔޮ އަގުގައި މަސްވެރީންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވުނު މަސައްކަތުން ކުރީން ހަތަރު ސަރަޙައްދަކުން ކުރީން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުން ދިޔަ ކަމަށެވެ. އަދި މިހާރު އިތުރު ނުވަ ސަރަޙައްދަކުން ހެޔޮ އަގުގައި ތެޔޮ ވިއްކަމުންދާ ކަމަށް ވިދާޅުވި އެވެ.

ނަތީޖާއެއްގެ ގޮތުން މަސްވެރި ގިނަ އުޅަނދުތައް މިހާރު މަހަށް ފުރާކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މި ދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 200 ޓަނަކަށް ވުރެ އިތުރަށް ކިރަމުންދާ ކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.

އަގު ހެޔޮ ރޭޓުގައި ތެޔޮ ދިނުމަށް، ހަމަޖެހިފައިވަނީ އަންނަނިވި މިންވަރަށެވެ.

ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް:

85, ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް 5000 ލީޓަރު ( މަހަކަށް 2 ދަތުރު)

50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް 3000 ލީޓަރު ( މަހަކަށް 3 ދަތުރު)

50. ފޫޓުން ދަށުގެ، އުޅަނދުފަހަރު" 1500 ލީޓަރު (މަހަކަށް 3 ދަތުރު)

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް:

85 ފޫޓުން" ފެށިގެން، ބޮޑެތި އުޅަނދުފަހަރަށް.1800 ލީޓަރު (މަހަކަށް 5 ދަތުރު)

50 ފޫޓާއި 85 ފޫޓާއި ދެމެދުގެ. އުޅަނދުފަހަރަށް. 1200 ލީޓަރު (މަހަކަށް 5 ދަތުރު)

50. ފޫޓުން ދަށުގެ އުޅަނދުފަހަރު 600 ލީޓަރު (މަހަކަށް 5 ދަތުރު)

ކިޔުންތެރިންގެ ހިޔާލު