ENGLISH

29 އޭޕްރީލު 2026

Advertisement

2500 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ އަންނަ ހަފްތާގައި ގެނެވޭނެ: ވަޒީރު ސައީދު

29 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވަޒީރު ސައީދު ވާހަކަދައްކަވަނީ.

އަންނަ ހަފްތާގެ ތެރޭގައި 2500 އަށްވުރެ ގިނަ ކޮންޓެއިނަރުގެ ތަކެތި ރާއްޖެ ގެނެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ސައީދު ވިދާޅުވީ، ޝިޕިން ރޫޓުތަކަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް މުދާ ގެނައުމަށް ހުރި ދަތިތައް މަދުކުރުމަށް އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން މުދާ ގެނައުމުގައި ލޯޑު ކުޑަކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިތުރަށް ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސްރީލަންކާގައި މިވަގުތު ތާށިވެފައި ހުރި 2500 އަށްވުރެ ގިނަ ކޮންޓަނަރގެ ތަކެތި އަންނަ ހަފުތާގައި ރާއްޖެއަށް ގެންނާނެ ކަމަށެވެ.

"ހަނގުރާމައާއި ގުޅިގެން އައި ބަދަލުތަކާއެކު، ލަންކާގައި މިވަގުތު ލަސްވެފައިހުރި ކޮންޓައިނަރ، ކުރިއަށް އޮތް ހަފުތާގައި އަޅުގަނޑުމެންނަށް އެމްޕީއެލްއިން މަޢުލޫމާތު ދެއްވާ ގޮތުގައި 2500އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި 3 ވެސެލްއިން ދިވެހިރާއްޖެއަށް ގެންނާނެ" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވަނީ، އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރި އަދި ބޭރުކުރި މުދަލުގެ ތަފާސްހިސާބުތަކަށްވެސް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، އެހެން އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެތެރެކުރި މުދަލުގެ އަދަދު 19 އިންސައްތައާއި 20 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

މީގެއިތުރުން، މިދިޔަ މާރިޗު މަހު އަސާސީ ކާބޯތަކެތީގެ ޕްރައިސް އިންޑެކްސް މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވަނީ %1.95 ކަމަށް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން، އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ މޭވާއާއި ތަރުކާރީގެ އަގުތައް ކަމަށެވެ.

އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު ތަރުކާރީގެ އަގު %5 ދަށަށް ގޮސްފައިވާ ކަމަށާއި، ޖުމްލަކޮށް މޭވާގެ އަގު %15.56 އަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށްވސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު