ENGLISH

20 އޭޕްރީލު 2025

Advertisement

ސުނާމީއަށް ވިހި އަހަރު ފުރެންދާއިރު، އަހަރެންގެ ޑައިރީން ސުނާމީގެ ހަނދާންތައް

18 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

މިއީ ކ. މާފުއްޓެވެ. މުޅި ރަށަށް އޮތީ ހަމަހިމޭންކަން އޭގެ އިންތިހާއަށް ފެތުރިފައެވެ. ފެންނަމުން ދިޔައީ ހިތަށްވެސް ގެނެވިފައިނުވާ ފަދަ ހިތްދަތި، ބަލަންވެސް އުނދަގޫ މަންޒަރުތަކެކެވެ. ރަށުތެރޭން ބައްދަލުވި ބައެއް މީހުން އެ މީހުންގެ ވާހަކަތައް ކިޔައިދެމުން ދިޔައީ ގިސްލާ ރޮމުންނެވެ. އަހަރެންނަށް ފެނުނީ ގޮސްހުސްވެ، މާޔޫސްވެ، ހާލުގައި ޖެހިފައިވާ ރައްޔިތެކެވެ. ރުއްގަސް މުލުން ލުހި، ގެދޮރު ބިމާހަމަވެ، އެކި ހިސާބުތަކުން ބިންގަނޑު ކަނޑައިގެން ގޮސް، ދިރުމެއް ނެތް ރަށެކެވެ. ފަނާކުރުވަނިވި ބިރުވެރި ފިލްމެއްގެ މަންޒަރެއް ފަދައެވެ.

އެއީ މީގެ 19 އަހަރު ކުރިއެވެ. ތާރީޚަކީ 26 ޑިސެމްބަރު 2004އެވެ. އިންޑޮނޭޝިއާގެ އައްސޭރި ފަށުގެ ބިމު އަޑިން އުފެދުނު ވަރުގަދަ ހެލުމެއްގައި އުފައްދާލި އިންޑިއާ ކަނޑުގެ ތާރީޚީ ސުނާމީ ކާދިސާގައި ރާއްޖޭގެ ރަށަކަށް ލިބުނު ގެއްލުމުގެ ވާހަކައެވެ. މިއީ އެންމެ ރަށެއްގެ ކުޑަ މިންވަރެކެވެ. މި ލިސްޓަށް ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ރަށްތައް ލެވެން އެބަހުއްޓެވެ. މިއަށްވުރެ މާބޮޑެތި ގެއްލުންތައް ލިބުނު އަތޮޅުތަކާއި ރަށްތައްވެސް އެބަހުއްޓެވެ. މުޅި ރަށް އަލުން އާރާސްތުކުރަން ޖެހުނު ރަށްތައްވެސް މި ލިސްޓުގެ އެންމެ ކުރީގައި ހިމަނާލެވޭނެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 200 ރަށުގެ ތެރެއިން 39 ރަށެއް މި ކާރިސާގައި މުޅިންހެން ހަލާކުވެގެން ދިޔައެވެ. އެއީ ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައެވެ.

ޑިސެމްބަރު 25 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ސުމަތުރާ ޖަޒީރާގެ ކަނޑު އަޑިއަށް އައި ގަދަފަދަ ކުއްލި ހެލުމުގައި ތިލަކޮށްލި ބާރުގަދަ ސުނާމީގެ ވަރުގަދަ ބާނިތައް އައިސް، ރާއްޖޭގެ ރަށްތަކަށް ވާސިލުވީ ޑިސެމްބަރު 26 ވަނަ ދުވަހުގެ ހެނދުނު ނުވަގަޑި ބައި އެހާކަށްހާއިރުއެވެ.

މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި ފަޅުތެރެއާއި ފަރުމައްޗާއެކު ހަމަ ކުއްލި ގޮތަކަށް ދިޔަވަރު ހިކިގެންދިޔައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، ލޮލުކޮޅުން ފެންނަން ހުރި ރަށްރަށުގެ މަލަމަތި ގެއްލޭވަރަށް ދިޔަވަރު އުފުލި، ސާލެއްހެން ފަތުރާލި ބާރުގަދަ ބާނިތަކުން ދިވެހިންގެ ޖަޒީރާ ދިރިއުޅުން އޮޔާ ގެންދިޔައެވެ. ރާއްޖޭގެ އިގްތިސާދު އެ ދެ ސިނާއަތަކަށް ބިނާވެފައިވާ ޓޫރިޒަމާއި މަސްވެރިކަން ކަނޑުވެ، އިންތިހާބޮޑު ގެއްލުން ވެގެން ދިޔައެވެ.

ސުނާމީގައި ހަލާކުވެފައިވާ ގެއެއް

މުޅި ދުނިޔެއިން ގާތްގަނޑަކަށް 230،000 މީހުން މަރުވެ ދިޔަ މި ހާދިސާގައި ރާއްޖެއިން ޖުމްލަ 82 މީހުން މަރުވެ ސާޅީސް މީހުންނަށް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. މި ކާރިސާގައި ރާއްޖެއަށް ލިބުނު ގެއްލުން 470 މިލިއަން ޑޮލަރަށްވުރެ މައްޗަށް ދިޔައެވެ.

ޔޫއެންޑީޕީން 2004ގެ ސުނާމީ ކާރިސާއާ ގުޅޭ އެކި ރިޕޯޓްތަކުގައި ރާއްޖެއަށް ލިބުނު ގެއްލުން ސިފަކޮށްފައިވަނީ "އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންގެ ދިރިއުޅުން ކަނޑުވި" ހާދިސާއެއްގެ ގޮތުގައެވެ. ޔޫއެސް އެއިޑްގެ އިސް މަންދޫބަކު ވިދާޅުވެފައިވާ ގޮތުގައި ސުނާމީ ކާރިސާ ދިރާސާކުރާއިރު، ރާއްޖޭގެ ބައެއް ރަށްތައް ފެންމަތީގައި އެހުރީ "ގުދުރަތީ އަޖައިބަކުން"ނެވެ.

އެމެރިކާއިން ޖަޕާނުގެ ހިރޮޝިމާއަށް އެޅި އެޓޮމިކް ބޮމުގެ 23000 ބޮމުގެ ބާރުމިނުގައި ރާޅުބާނިތައް އުފައްދާލި އިންޑިޔާކަނޑުގެ ސުނާމީ ކާރިސާގައި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގެދޮރު ގެއްލި މުޅި ދިރިއުޅުން އޮޔާ ގެންދިއުމުން ހާލުގައި ޖެހުނު ރަށްރަށުގެ ރައްޔިތުން ވަގުތީ ހިޔާތަކާއި ޓެންޓްތަކާއި ފަޅު އޮޑި ފަހަރުގައި ދިރިއުޅުން ވޭތުކުރި ދުވަސްތަކާއި ގޮތްތައް ހިތަށް ގެނައުމުން، މިހާރުވެސް ފެންކަޅިވެއެވެ.

ބޯނެ ފެނެއް، ކާނެ އެއްޗެއް އުނު އަންނައުނެއް ނެތެވެ. އެއްފަހަރާ ގިނަ ރަށްތަކަކަށް މި ލިބުނު ކުއްލި ގެއްލުންތައް ފޫބެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރަށް އެންމެ ބޮޑު ދަތިކަމަކަށްވީ މުވާސަލާތީ ޚިދުމަތް މެދުކެނޑިގެން ގޮސްފައިވުމުން، އެންމެ އަވަހަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭންވީ ކޮން އަތޮޅެއްގެ ކޮން ރަށެއްގެ ކޮން ބަޔަކަށްކަން ސާފުކުރުމުގައި ވަގުތު ދިގުލައި ދިއުމެވެ. އަދި މިފަދަ ބޮޑު ކާރިސާއަކަށް އޭރު ތައްޔާރުވެފައި ނެތުމުން، ކަންކަން އަލުންބަލުން ތަރުތީބުކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އަސާސީ އެހީތެރިކަން ފޯރުކޮށްދޭން ފެށުނީ 24 ގަޑިއިރެއްހާ ފަހުންނެވެ. މި ކާރިސާއަށް  20 އަހަރު ފުރެންދާއިރު ދިވެހިން އޭރު އެއުޅުނު ދަތި ހާލުގެ ހަނދާންތައް ފަނޑުވެ ނުދެއެވެ.

ދުނިޔޭގެ ތާރީޚު ފޮތުގައި ކަޅުއަކުރުން ފަވާލެވުނު ނުރައްކާތެރި ސުނާމީ ކާރިސާ ރިޕޯޓުކުރުމުގައި އަހަރެންނާއެކު އޭރު ހަރަކާތްތެރިވި މިހާރު ނޫހުގެ އެޑިޓަރު އަހުމަދު ހަމްދޫނާ ސުވާލުކުރުމުން އޭނާގެ ވާހަކަތައް ހުރީ މިހެނެވެ؛ 

"ނޫސްވެރިކަމުގެ ހަޔާތުގައި އިމޯޝަނަލްވި، ހިތުގައި ޖެހި، ރޮވުނު ހާދިސާއަކީ ސުނާމީގައި ހަލާކުވި ތަންތަނާއި ހާލުގައި ޖެހިފައިވާ މީހުންގެ ދިރިއުޅުން ހަމަ ލޮލަށް ފެނުން. ފެނުނު މަންޒަރުތަކާއި އިވުނު ވާހަކަތަކުގެ ތެރެއިން ރިޕޯޓްކުރާނީ ކޯއްޗެއް ކިހިނެއްކަން ނޭނގޭ މިންވަރަށް މީހާ ޖަޒުބާތުގައި ޖެއްސި ހާދިސާއެއް އެއީ. ރަސްމީ މަސައްކަތް ދޫކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުން ނޫން އިތުރު އެއްވެސް ކަމެއް ނުކުރާނަމޭ އެތައް ފަހަރަކު ހިތަށް އެރި. ހިމޭންވެ، ބަސް ހުއްޓިފައި އިނދެވުނީ ކިހާ އިރަކުކަން ވެސް ނޭނގޭ ފަދަ ހިތްދަތި އިހްސާސްތައް ކުރުވި އެކި ރަށްރަށަށް ދަތުރުކޮށްލުމުން."

އަހަރެން މާފުއްޓަށް ދިއުމުން ހަވީރު ނޫހުގެ ނިއުސް ރޫމުން އަހަރެންނަށް ފޯނު ކުރީ ހަވީރުގެ އޭރުގެ ސީނިއަރ އެޑިޓަރ އަދި މިހާރު ދައުރު ނޫހުގެ އެޑިޓަރ ތަޖުރިބާކާރު ލިއުންތެރިޔާ އަދި ނޫސްވެރިޔާ މޫސާ ލަތީފެވެ. ނޫސް ޗާޕަށްދާ ގަޑި ކުޑަތަންވަމުންދާތީ، މޫސަ އަހަރެންނާ ސުވާލު ކޮށްގެން ރަށުގެ ހާލަތު ސާފުކުރަމުން ގެންދިޔައެވެ. 

"އެއް ޖުމްލައިން ތިރަށުގެ ހާލަތު ބުނެދީބަލަ؟" - މޫސަ އަހަރެންނާ ސުވާލުކުރިއެވެ. 

އަހަރެން މޫސަ އަށް ޖަވާބު ދިނީމެވެ؛ 

"މިރަށުގައި އެއްވެސް ދިރުމެއް ނެތް" -

މޫސަގެ އެދުވަހުގެ ސުރުހީއަކަށްވީ އަހަރެންގެ އެ ޖަވާބެެވެ. އެއީ އެންމެ ރަށެއްގެ ކުޑަ ވަގުތު ކޮޅެއްގެ ވާހަކައެވެ. 

ހަވީރުގެ ސީނިއަރ ރައިޓަރެއްގެ ހައިސިއްޔަތުން، ސުނާމީގެ ކަވަރޭޖަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް އަހަރެން ދަތުރުކުރީމެވެ. ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އައި އިންޑިއާގެ ހެލިކޮޕްޓަރުގައި އެކި ރަށްރަށަށް ޒިޔާރަތްކޮށް އަމިއްލަ ލޮލުން އެ ހިތްދަތިކަން ދެކުނީމެވެ. ބައެއް ރަށްރަށުގައި ފޭލި ގޭގައި ނިދައި ކައިބޮއި ހެދި ހަނދާން އިއްޔެ ހިނގި ކަމެއްހެން މިހާރުވެސް ލޮލުގެ ކުރިމަތީ ސިފަވަމުން އެބަދެއެވެ. 

ބައެއް ރަށްރަށުގެ މީހުންގެ ގެދޮރު ސުނާމީގައި އޮޔާ ގެންދިއުމުން، އެމީހުންގެ ވަގުތީ ހިޔާތަކަށްވީ ފަޅު އޮޑި ފަހަރެވެ. ނިދައި، ކައިބޮއި ފާހާނާކޮށް ހެދީ އޮޑި ދޯނިފަހަރުގައެވެ.  

އެޑިޓަރުގެ ނޯޓް: މިއީ އަހުމަދު އަބްދުﷲ ސިލްސިލާކޮށް ލިޔަމުންދާ އާޓިކަލްތަކެކެވެ. މި ބައިގައި އޭނާ ހިމަނާނީ ނޫސްވެރިކަމުގެ ހަޔާތުގައި ސުނާމީ ކާރިސާ ކަވަރުކުރުމުގައި އޭނާގެ ތަޖުރިބާއެވެ. އެކާރިސާއަށް 20 އަހަރު ފުދެންދާއިރު، އެހަނދާންތައް ސިލްސިލާކޮށް، އެމްއެމްޓީވީ ޑޮޓް އެމްވީ ގެ އަހުލުވެރިންނަށް ގެނެސްދެމުން ގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު