ENGLISH

20 އޭޕްރީލު 2025

Advertisement

ދިވެހިންގެ ފަރާތުން ފެންނަނީ ވޭޕް ކުރުން ހުއްޓާލުމަށް އެއްބާރުލުން ދޭތަން: ޕޮލިސް

17 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަޙްމަދު ޝުޖާޢު އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަނީ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް ކުރުން މާނާ ކުރުމުން، ދިވެހިންގެ ފަރާތުން ފެންނަނީ އެކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ދޭތަން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުތައް ތަންފީޒުކުރަން ފެށުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓaރ އޮފް ޕޮލިސް އަޙްމަދު ޝުޖާޢު ވިދާޅުވީ ޑިސެމްބަރ 15 ވަނަ ދުވަހަށްފަހު، ވޭޕް ބޭނުން ކުރަމުން އައި އެކި އުމުރުފުރައިގެ ވަރަށް ގިނަ ބަޔަކު އެކަމާ ދުރުވެއްޖެކަން ފާހަގަކުރެވޭ ކަމަށެވެ.

"މީޤާނޫނު ތަންފީޒުކުރަން ފެށުމުގެ ކުރިއަށް ޖެހިލާއިރު އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ގިނަ ބަޔަކު ވޭޕް ކުރާތަން. އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ މި ޤާނޫނަށް ވަރަށް ގިނަޔަކު ތަބާވާތަން. ޤާނުނަށް ހުރުމަތްތެރިކޮށްހިތާ ރައްޔިތެއް ދިރިއުޅޭ ތަނެއްކަން،" ޝުޖާޢު ވިދާޅުވިއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް އައިމިނަތު މުޙައްމަދު ވިދާޅުވި ގޮތުގައި ވޭޕް ކުރާތަން ފުލުހަކަށް ފެނިއްޖެނަމަ، އަދި މީހަކު ކުރާ ރިޕޯޓަކާއި ގުޅިގެން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ވެސް ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ހަށިގަނޑުގައި ރައްކާކޮށްފައި ވަނިކޮށް ފެނިގެން، ނުވަތަ ސައިކަލެއްގެ މަޑިދަށުގައި ވޭޕް ރައްކާކޮށްފައި ވަނިކޮށް ފެނިއްޖެ ނަމަވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް އައިމިނަތު ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން ކުޑަ ކުދިންނަށް ވޭޕް ވިއްކުމާއި ދިނުމާއި، 21 އަހަރުން ދަށުގެ ފަރާތްކަކަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ގުޅޭގޮތުން ހުރި ކަންކަން ޝުޖާޢު އާއި އައިމިނަތު ވަރަށް ބޮޑަށް ފާހަގަ ކުރެއްވިއެވެ.

ފުލުހުން ވިދާޅުވީ ކުޑަ ކުއްޖަކަށް ވޭޕް ވިއްކައިފިނަމަ ނުވަތަ ދީފިނަމަ، ވޭޕް ވިއްކުމާއި ދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން ކުރާ ޖޫރިމަނާގެ އިތުރުން، 50،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެ ކަމަށެވެ.

ޝުޖާޢު ވިދާޅުވީ މި ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން 21 އަހަރުން ދަށުގެ ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ ވެސް ކުށެއް ކަމަށެވެ. ދުންފަތުގެ އެއްވެސް ބާވަތެއް ގަންނަނީ 21 އަހަރުން މަތީގެ މީހެއްކަން ވިއްކާ ފަރާތުން ޔަޤީންކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިމިނަތު ވިދާޅުވީ ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި، ބްރޭންޑް ކޮށްގެން ވިއްކުމާއި، އަދި ވިއްކާ ތަންތަނުގައި އާއި އާންމު ތަނެއްގައި ވެސް ފެންނަ ގޮތަށް ސިނގިރޭޓު ފޮށި ބެހެއްޓުމާއި ގެންގުޅުމަކީ މިހާރު މަނާ ކަމެއް ކަމަށެވެ.   

"ޤާނޫނުގައި މިހާރު އޮތްގޮތުން ސިނގިރޭޓް ފޮށި ފެނުމަކީ ވެސް ކުށެއް،" އޭނާ ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާ ޚިލާފުވެއްޖެ ނަމަ ބޮޑު ޖޫރުމަނާއެއް ދައްކަން ޖެހޭނެއެވެ.

އެގޮތުން، ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފި ނަމަ އެފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ރާއްޖޭގައި ވިއްކައިފި ނަމަ އެ ފަރާތެއް 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ އެއްޗެއް ހިލޭ ބަހައިފިނަމަ އެކަން ކުރި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު