ENGLISH

05 ޖުލައި 2025

Advertisement

ފެނުއަޑީގައި އޮތް ރަށް ސަލާމަތްކުރުމަށް ހެނބަދޫ މީހުންގެ ހީކެރުވުމެއް ނެތް މަސައްކަތް

17 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ހެނބަދޫގައި ފެންބޮޑުވެފައި: ފޮޓޯ: ސޯޝަލް މީޑިއާ

މިއަދަކީ ހެނބަދޫ ރައްޔިތުންނަށް ހިތާމައިގެ ފިނި ދުވަހެކެވެ. ގަދަ ކޮޅިގަނޑުގައި ރަށަށް ބޯކޮށް ވާރޭވެހި ރަށުގައި ގަޑިއެއްހާއިރުގެ ތެރޭގައި ފެންބޮޑުވިއެވެ. އެހެންނަމަވެސް މެދުނުކެނޑި ވެހެމުންދިޔަ ވާރޭ ތުނިކޮށްލީ ހަ ގަޑިއިރު ފަހުންނެވެ. އޭރު މުޅި ރަށް އޮތީ ފެނުއަޑީގައެވެ. ގޭގޭގައި ހިފާ ގެންގުޅޭ ސާމާނުތައް އޮޔާ ދެމެނީއެވެ. ބައެއް ފާރުތައް އަރިއަޅާލައިފިއެވެ. އަޑިގުޑަން ބައެއް ހިސާބުތަކުގައި އާންމު އިސްކޮޅު ހުންނަ މީހުންގެ ކަކުތާ ފެނަށް ފެންބޮޑުވެފައި ހުއްޓެވެ.

2008 ވަނަ އަހަރަށް ފަހު ހެނބަދޫއަށް އެެންމެ ބޯކޮށް ވާރޭވެހުނީ މިއަދު އެވެ. ވާރޭ ވެހެން ފެށީ ހެނދުނު 6:30 ހާއިރުއެވެ. ވާރޭ ތުނިކޮށްލުމުން ގެތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްވެސް ރަނގަޅަށް ހިންގަން ފެށުނީ މެންދުރު ފަހު އެކެއް ޖެހި ފަހުންނެވެ.

"ހަމަ އެވެހުނު ގޮތަށް ވެހި މުޅި ރަށް އަޑިއަށް. އަޑިގުޑަން ތަންތަނަށް ވެލިއަޅާފައިވެސް ހުރޭ. އަދި ހެޔޮ އެދޭ ފަރާތެއްގެ އެހީގައި ފެންހިންދާ ޖަންކްޝަންތައް ވެސް ހުރޭ. އެކަމަކު އެއްވެސް އެހީތެރިކަމެއް މިއަދަކު ނުލިބުނު. މާބޯކޮށް އެހާ ގިނައިރު ވާރޭ ވެހުނީމަ އަހަރެމެން ތިބީ ބިރުން، ގެތަކުގެ ފާރުތައްވެސް ވެއްޓިދާނެތީ.،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ށ، އަތޮޅުން ފެށިގެން މެދުރާއްޖެ ތެރެއާ ހަމައަށް މޫސުމް ގޯސްވާނެތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު އެލާޓް ނެރުމާއެކު ހެނބަދޫ މީހުން ދިޔައީ އެރަށަށް ވިއްސާރަކޮށް ލިބިދާނެ ގެއްލުމަކަށް ކުރިއްސުރެ "ތައްޔާރުވެގެން"ނެވެ. ބައެއް ގޭގޭގެ އޮޅިގަނޑު ކައިރީ ވެލިބަސްތާ ވެސް ޖައްސާފައި ހުއްޓެވެ. ފެންބޮޑުވާ ދިމަދިމާއިން ކޯރުކަނޑާ ފެންގަނޑު ހިނދާގޮތަށް ހަދާފައި ހުއްޓެވެ. އެހެންނަމަވެެސް އެއިން އެއްވެސް ކަމަކުން މިއަދު ހެނބަދޫ ރައްޔިތުންނަށް ހިތްހަމަ ޖެހުމެއް، ހިމާޔަތެއް ނުލިބުނެވެ. 

"ހަމަ ހުރިހާ ގެއަކަށްވެސް ވަނީ ފެންގަނޑު ވައްދާލާފަ. އަޑިން ފެންބޮޑުވާތީ، ތަޅުން ދަށުންވެސް ފެންގަނޑު ދެެމެމުންދޭ. އެެހެންވެ ގޭގޭގަ ފެން ހިންދަން އެހާ އުނދަގޫވަނީ،" ރަށުން ކުރިން ވާހަކަ ދެއްކި މީހާ ރަށުގެ ހާލަތު ކިޔައިދިނެވެ. "ފެންގަނޑު ކޮންޓްރޯލް ކުރުމަށް އުނދަގޫވެގެން ދިޔައީ ފާޚާނާ ޖަންކްޝަން ތަކުން ފެން އެރުމުނާއި، ބައެއް ގޭގޭގަ ތަޅުމުން ވެސް ފެން އެރާފައިވުމުގެ ސަބަބުން."

ހެނބަދޫއަށް މިއަދު ކުރި އާދަޔާ ޚިލާފު ވިއްސާރަ އެރަށުގެ ބައެއް މީހުން ސިފަކުރީ "ދެވަނަ ސުނާމީއެއް"ގެ ގޮތުގައެވެ. ސަބަބަކީ މިއެވެ؛ ރަށުގައި ހިކިފަސް އެއްވެސް ތަންކޮޅެއް ނެތި ފެންބޮޑުވުމާއި، ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރުތައް ހަލާކުވުމާއި ޖަންކްޝަންތައް ބެދި ނަޖިހުން ފެންގަނޑު ތަޣައްޔަރުވުމާއި ރަށުގެ އާންމު ޚިދުމަތްތައް މެދުކެނޑުން ފަދަ ކަންކަން މި ހާލާތަށް ބާރު ލިބޭ ގޮތަށް ލިސްޓްކޮށްލެވެއެވެ. 

އާބާދީގައި ހާހެއްވެސް ހަމަނުވާ އެރަށުގެ ރައްޔިތުން މިހާރު އެދެނީ އެމީހުންނަށް ލިބުނު ގެއްލުންތައް ފޫބެއްދޭނެ ދީލަތި އެހީތެރިކަމަކަށެވެ. އަދި ރަށަކީ ފަސޭހައިން ފެންބޮޑުވާ ރަށެއް ކަމުން، ފެންބޮޑުވާ ހާލަތްތަކުގައި މޫދަށް ފެންގަނޑު ބޭރުކޮށްލަދޭނެ ޕަމްޕުތަކެއް ރަށުގައި ގާއިމްވެގެން ދިއުމެވެ. 

މިހާރު އެރަށުގެ ރައްޔިތުން ގެންދަނީ ދިރިއުޅުން އާންމު ހާލަތަކަށް ބަދަލުކުރެވެތޯއެވެ. ފެނުތެރޭގައި ފިނީގައި ހިތްވަރު އެލުވާނުލައި ހެނބަދޫއިން ފެންނަނީ އާދަޔާ ޚިލާފު ނަމޫނާ ރައްޔިތެކެވެ. 

ކިޔުންތެރިންގެ ހިޔާލު