ENGLISH
20 އޭޕްރީލު 2025
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ލިބޭނެ: ވަޒީރު ޝަހީމް
17 ޑިސެމްބަރު 2024
|
ދިވެހި ފުލުހުންގެ ޚިދުމަތާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ފަހުމްނާމާއެއްގައި ސޮއިކުރުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ދިވެހި ފުލުހުންގެ ޚިދުމަތަށް އަބަދުވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ.
ވަޒީރު މި ޔަޤީންކަން ދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ގުޅުންބަދަހިކުރުމުގެ ފަހުމްނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ފަހުމްނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ ރާއްޖޭގެ އަމާންކަން ދެމެހެއްްޓުމަށްޓަކައި އަދި ރަނގަޅު ހެޔޮ ފިކުުރު ދެމެހެއްޓުމަށްޓަކައި ދިވެހި ފުުުހުންގެ ޚިދުމަތުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ، އަދި އެހާމެ ބޮޑު ޤައުމީ ޚިދުމަތެއް ކަމަށާއި ވުޒާރާގެ މަސްއޫލިއްޔަތަކީ އެ މުއައްސަސާއިން ކުރައްވަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ދެއްވުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތަކީ އަބަދުވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން، އެކުއެކީގައި މަސައްކަތްކުރައްވާ މުއައްސަސާއެއްކަން ފާހަގަކުރެއްވިއެވެ. އަދި ޚާއްސަކޮށް މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ ލީޑަރޝިޕްގައި މި ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މިއީ މި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށްޓަކައި އެއްބަސްވެވުނު އެއްބަސްވުމެކެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި، ފަހުމްނާމާގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޝަހީމް އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެވެ.