ENGLISH
27 އޭޕްރީލު 2026
ނޮވެމްބަރުން ފެށިގެން ދިވެހި ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފި
27 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހިފައި ހުރި ޕެންޑިން ބިލުތަކަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 3.2 ބިލިއަން ރުފިޔާ ދައްކާ ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މާލީ އަދި އިގްތިސާދީ ހާލަތާ ބެހޭގޮތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ 21 ދުވަހުގެ ތެރޭގައި 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ. އެއީ މި މަހުގެ ދެވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިއަން ޑޮލަރުގެ ސްކޫކާއި މި މަހުގެ 23 ވަނަ ދުވަހު ދެއްކި އިންޑިއާގެ ސްވެޕްގެ 400 މިލިއަން ޑޮލަރެވެ.
ރައީސް ވިދާޅުވީ ދަރަނި ދެއްކީ ގައުމުގެ އެއްވެސް ހަރު މުދަލެއް ވިއްކާ ނުލައި ރައްޔިތުންނަށް އެއްވެސް ކަހަލަ ގެއްލުމެއް އަދި ޑިފޯލްޓެއް ގައުމަށް ކުރިމަތިވިޔަ ނުދީ ކަމަށެވެ.
ކުރީ ސަރުކާރުން ނެގި ލޯނުގެ ސަބަބުން ރަހުނުކޮށްފައި ހުރި ތަންތަން މި ސަރުކާރުން ސަލާމަތްކޮށްފައިވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އިގްތިސާދު ރަނގަޅު ކުރަމުން ދަރަނިތައް ދައްކަމުންދާއިރު މީގެ ތެރޭގައި އެތެރޭގެ ދަރަނިތައްވެސް ހިމެނޭ ކަން ފާހަގަކުރައްވައި ސަރުކާރުން އެކި މީހުން ލައްވާ މަސައްކަތް ކުރުވާފައި ދޭން ހުރި ފައިސާވެސް ދައްކަމުންދާ ކަމަށް ވިދާޅުވި އެވެ.
"1 ނޮވެމްބަރުން 2025 އިން 26 އޭޕްރިލް އާ ހަމައަށް މިދިޔަ މުއްދަތު، ގާތްގަނޑަކަށް މިދިޔަ ހަ މަސް ދުވަހު، އެކި އެކި ދިވެހި ފަރާތްތަކަށް ލޯކަލް ވެންޑަރުންނަށް 3.3 ބިލިއަން ރުފިޔާ އެބަ ހުރި ޕޭކޮށްފައި. އެއީ ރައްޔިތުން ކޮށްފައި ހުރި މަސައްކަތް. އެކިއެކި ކުންފުނިތައް ނޫނީ މިނިސްޓްރީ މެދުވެރިކޮށް ކޮށްފައި ހުރި މަސައްކަތަށް އަޅުގަނޑުމެން ދީފީމޭ 3،300 މިލިއަން ރުފިޔާގެ ބިލު،". ރައީސް ވިދާޅުވި އެވެ.
އެވްރެޖުކޮށް ކޮންމެ ހަފްތާއަކު 700 ވެންޑަރުންނަށް ފައިސާ ދެއްކޭއިރު، މި މަހުގެ ބާކީ ދުވަސްކޮޅު ތެރޭގައި 260 މިލިއަން ރުފިޔާގެ ބިލު އަނެއްކާވެސް އިތުރަށް ދިވެހި ކުންފުނިތަކަށް ދެއްކިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބޭރާއި އެތެރޭގެ ދަރަނިތައް ދައްކައި ރައްޔިތުން ދަރަނިން ސަލާމަތްކޮށް، ތަރައްގީ ގެނެސްދީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.