ENGLISH
27 އޭޕްރީލު 2026
ބުލީކުރުމަކީ ގާނޫނީ ކުށަކަށް ހަދަން އެންޓި ބުލީ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފި
27 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެންމެ މަޤްބޫލު
ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމަށް އެންޓި ބުލީ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބުލީ ކުރުމުގެ މައްސަލައަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިގެން ރާއްޖޭގައި އޮތް މައްސަލައެއް ކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް ޚާއްސަ ޤާނޫނެއް ސަރުކާރުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، 2024 ވަނަ އަހަރު ޤާނޫނުލް އުޤުބާތަށް ގެނެވުނު އިސްލާހުތަކުގައި އޮންލައިންކޮށް ކުރާ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ހިމަނާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެންޓި ބުލީ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ފަށާފައިވާކަމަށާއި މި ގާނޫނުގެ ސަބަބުން އެކި ބާވަތްތަކުގެ ބުލީގެ މައްސަލަތައް ހައްލުކުރަން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނޭ ކަމަށެވެ.
"މިކަން އިތުރަށް ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކިކަހަލަ މެޝާސްތައް ލުމައްޓަކައި، މިފަދަ އަމަލްތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބުލީ ކުރުން އެއީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ޤާނޫނެއް، އެންޓި ބުލީ ޤާނޫނެއް ތަޢާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި. އެހެންވީމަ އެ މަސައްކަތް އޭޖީ އޮފީހުން ކުރިއަށް ގެންދަވާ. ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާ އެކީގައި. އެހެންވީމަ މަޝްވަރާގެ ހުރިހާ ޕްރޮސެސްއެއް ނިންމާފައި މަޖިލީހަށް ފޮނުވާނަން،". ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސުކޫލުތަކުގައި ބުލީ ކުރުން ހުއްޓުވުމުގެ ސިޔާސަތުތަކެއް އެކުލަވާލުމާއި، ބުލީ ކުރާ ކުދިންނާ މެދު ފިޔަވަޅުއަޅާނެ ނިޒާމެއް އެކުލަވާލުމާއި، ގަވާއިދުން މައްސަލަ ސެންޓަރަލް އޭޖެންސީއަކަށް ހުށަހެޅުމާއި، ރަސްމީ މަންހަޖުގެ ތެރޭގައި މިކަމާ ގުޅޭ ކަންކަން ތަފްސީލު ކުރުމުގެ އިޖުރާއަތުތައް މި ބިލުގައި ހިމެނޭނެ ކަމަށެވެ.
"އެންޓި ބުލީ ގާނޫނު ގައި އަޅުގަނޑުމެން ބަޔާންކުރާނަން ބުލީގެ އަމަލުތައް ކުށަކަށް ވާ ގޮތް. ގާނޫނު ހިނގާ ދާއިރާތައް ވެސް ބަޔާންކުރާނަން. މީގެ ތެރޭގައި ސުކޫލުތަކާއި، ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި، ވަޒީފާގެ މާހައުލާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެތަންތަނުން ހިދުމަތް ހޯދާ މީހުންގެ ހައްގުތަކާއި ޒިންމާތައް ބަޔާންކުރާނަން. އޮންލައިން ބުލީ ހުއްޓުވުމަށް ވެސް ބިލުގައި ހިމަނާނަން،" ރައީސް ވިދާޅުވި އެވެ.
ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަކަން ދާހިލީ ސަލާމާތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވެސް ވަނީ މިފަހުން ވިދާޅުވެފަ އެވެ.
ބުލީގެ ޝިކާރައަކަށްވެ، މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަންކަން ގޮސްފައިވާއިރު މިފަހުން ހިނގި މިފަދަ ހާދިސާތަކަކާއެކު އާންމުން ދަނީ އެފަދަ ކަންކަމުގައި ދުރާލާ ފިޔަވަޅު އެޅުމަށާއި ބުލީކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ.