ENGLISH
27 އޭޕްރީލު 2026
ފޮރިން މިނިސްޓްރީގައި އާ މަގާމުތައް އުފެއްދިކަމަށް ބުނާ ވާހަކަ ތަރުޖަމާނު ދޮގުކުރައްވައިފި
27 އޭޕްރީލު 2026
|
ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) -- ފޮޓޯ: ޖީލު އޮންލައިން
އެންމެ މަޤްބޫލު
އާދަމް ޝަރީފް އުމަރާއި ޠާރިޤު އިބްރާހީމާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވީ ހުސްވެފައިވާ ބައެއް ސަފީރުންގެ މަގާމުތަކަށް އައްޔަން ކުރެއްވުމަށް ކަމަށް، ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީ އަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ އާދަމް ޝަރީފާއި، ޠާރިޤު އިބްރާހީމް އަދި ދިޔާނާ ފޮރިން މިނިސްޓްރީގެ މަގާމުތަކަކަށް ގެންނަން ވެގެން އާ މަގާމުތަކެއް އުފެއްދި ކަމަށް ބުނެ ވާހަކަތައް ދައްކަމުން އަންނައިރު، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
"އާ މަގާމުތަކެއް އުފައްދައިގެން ނޫޅޭ، އެބޭފުޅުން ކުރިއަށް އޮތް ތަނުގައި ސަފީރު ކަމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ. އެކަމަކު، ދެ ގައުމުގެ ދޭތެރޭގައި ހަމަޖެހެން ޖެހޭ ކަންތައްތަކެއް ހުރީމަ، އެކަންކަން ހަމަޖެހެންދެން އެ ބޭފުޅުން މަގާމުތަކުގައި ތިއްބަވާނީ، މިއީ މީގެކުރިން ވެސް އަމަލު ކުރަމުން އައި ގޮތެއް" - ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ މަގާމުތައް ވަނީ ހުސްވެފަ އެވެ. އޭގެ ތެރޭގައި ޔޫއޭއީގެ ސަފީރުކަމާއި އިނގިރޭސި ވިލާތުގެ ސަފީރުގެ މަގާމުގެ އިތުރުން ބެލްޖިއަމްގެ ސަފީރުގެ މަގާމު ހިމެނެ އެވެ.
ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން އާދަމް ޝަރީފު އުމަރު އާއި ޠާރިޤު އިބްރާހީމް އިސްތިއުފާ ދެއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އިސްތިއުފާ ދެއްވި އިރު އާދަމް ޝަރީފް އުމަރު ހުންނެވީ ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރުކަމުގެ މަޤާމުގަ އެވެ. އަދި ޠާރިޤު އިބްރާހީމް ހުންނެވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާދަމް ޝަރީފް ވަނީ ޑިފެންސް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި ޠާރިޤު އިބްރާހީމް ވަނީ އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ.