ENGLISH
27 އޭޕްރީލު 2026
ސަރުކާރުގެ ބަޖެޓުން މާލޭގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ނިންމައިފި
27 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެންމެ މަޤްބޫލު
ނަފުސާނީ ބަލިތަކަށް ހާއްސަ ކޮށްގެން ލ. ގަމުގައި އިމާރާތްކުރަން ނިންމި ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ދިގުލައިގެންދާތީއާއި، ނަފްސާނީ އެހީތެރިކަން މުޖުތަމައުގައި ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ސަރުކާރުގެ ބަޖެޓުން މާލޭގައި މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ނަފުސާނީ ބަލިތަކަށް ހާއްސަ ކޮށްގެން ލ. ގަމުގައި އިމާރާތްކުރަން ނިންމި ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވަނީ އެ މަޝްރޫއަށް ބޭނުންވާ ލޯނު ފެސިލިޓީ ހަމަނުޖެހިގެން ކަމަށެވެ.
"އަޅުގަނޑުމެން މި ނިންމީ ނިއު ޕޮލިސީ އިނީޝީއޭޓިވްގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި ކަނޑައެޅި ސްޕޭސްގެ ތެރެއިން މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް. ލޯނު ލިބިގެން ކުރިއަށްގެންދާ ޕްތރޮޖެކްޓް ފަށަން ނިންމާފައި އޮތީ ލ. ގަމުގައި. އެ ޕްރޮޖެކްޓް އެތަނުގައި ކުރިއަށް ގެންދިއުން އެބައޮތް. ކެންސަލެއް ނުކުރަން. މާލޭގައި މިހާރު މި ނިންމީ މި ހޮސްޕިޓަލް އަޅަން. މާލޭގައި ފަރުވާ ހޯދާ ކުދިން ވެސް ގިނައީ،". ރައީސް ވިދާޅުވި އެވެ.
މި ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނޭކަމަށް ރައީސް ވިދާޅުވި އެވެ.
ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މި އަހަރުން ފެށިގެން އާސަންދަ މެދުވެރިކޮށް ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާއިރު ވޭތުވެދިޔަ މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް އާސަންދައިގެ ދަށުން 10،954 މީހަކު ނަފްސާނީ އެހީ ހޯދާފައިވާކަމަށާއި އޭގެ ތެރެއިން 8،125 މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދި މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ލޯނު ފެސިލިޓީގައި ގަމުގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަކީ 14000 އަކަފޫޓުގެ ބިމެއްގައި އެޅުމަށް ޑިޒައިންކޮށްފައިވާ ހޮސްޕިޓަލެއްކަމަށެވެ. އަދި އެ މަޝްރޫޢަށް ގާތްގަނޑަކަށް 18 މިލިޔަނެއްހާ ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. މާލޭގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަށްވެސް އެވަރުގެ ބިމެއް މިހާރު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މެންޓަލް ހެލްތާ ބެހޭ ބިލެއްވެސް މި އަހަރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.