ENGLISH

20 އޭޕްރީލު 2025

Advertisement

އައްޑޫން މާލެ ދަތުރުކުރަމުންދިޔަ ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ

17 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "ސީމެކްސް" ނަމަކަށް ކިޔާ ބޯޓެއްގެ ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. 

ފުލުހުން ބުނީ ގެއްލިފައިވަނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރު ކަމަށެވެ. މި ހާދިސާ އާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖް ގައި ބުނީ، ރާޖް ކުމާރު ގެއްލިފައިވާ ކަމަށް ފުލުހަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ ގެއްލުނީ އައްޑޫ ސިޓީން މާލެ ދަތުރުކުރަމުންދިޔަ "ސީމެކްސް" ނަމަކަށް ކިޔާ ބޯޓަކުން ކަމަށް ފުލުހުންގެ މެސެޖްގައި ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި، ރާޖު ކުމާރު ބޯޓުގައި ނެތްކަން އެނގިފައި ވަނީ އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވައި ކަމަށާއި، އެއީ ފުވައްމުލަކާ 8 މޭލު ދުރުންނެވެ. އަދި އެ ބޯޓް ރޭ 11:30 ހާއިރު އައްޑޫ ސިޓީން ފުރިއިރު ރާޖް ކުމާރު ބޯޓްގައި ހުރި ކަމަށާއި ރޭ 01:15 ހާއިރު ބޯޓްގެ ކެޕްޓަނާ އޭނާ ވާހަކަ ދެއްކި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އަދި އޭނާ ގެއްލުނު މައްސަލަ ފުލުހުން ތަހުގުގީކުރަމުން ދާކަމަށް ފުލުހުން ބުނެފައިވެއެވެ. 

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު