ENGLISH
23 އޭޕްރީލު 2026
ފިންގަރ ޕްރިންޓް ނުދީ މިހާރު ތިބީ 2933 ބިދޭސީން، އެމީހުން ގަވައިދަށް ފެއްތުމުގެ މަސައްކަތް މޭ މަހު ފަށަނީ
23 އޭޕްރީލު 2026
|
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޢަލީ އިޙްސާން ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގައި، ފިންގަރ ޕްރިންޓް ނުދީ މިހާރު ތިބީ 2933 މީހުން ކަމަށާއި، އޮޕަރޭޝަން ކުރަނގީގެ ތިން ވަނަ ފޭސްގެ މަސައްކަތް މެއި 2 ގައި ފަށާއިރު، އެމީހުން ޤަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އެ ވުޒާރާގެ އަދާހަމަ މަޢުލޫމާތު ހާމަކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ފޮރިން ލޭބަރ ޑިޕަރޓްމަންޓުން ބިދޭސީން ޤަވާއިދަށް ފެއްތުމުގެ ފުރަތަމަ ފިޔަވަހި ފެށީ 2024 ވަނަ އަހަރުގެ މެއި 2 ވަނަ ދުވަހު އެވެ. ވަޒީރު ވިދާޅުވީ އޭރު ރެކޯޑްކުރެވިފައިވާގޮތުން ރާއްޖޭގައި ވޯކް ޕާމިޓް އަދި ވިސާ ނެތި 148،417 މީހުން ތިބި ކަމަށެވެ. އެ އަދަދަށް ރާއްޖެއަށް އެތެރެވާން މީހުންނަށް ހުއްދަދިންއިރު އެމީހުން ތިބީ ރާއްޖޭގައިކަން ނުވަތަ ރާއްޖޭން ބޭރުގައިކަން އޭރު ކަށަވަރުނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ހުއްދަދީފައިވާ މީހުންގެ ތެރެއިން އޭރު ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ތިބީ 28.97 އިންސައްތަ މީހުން ކަމަށާއި، މިދިޔަ ދެ އަހަރުގެ މަސައްކަތުން އެ އަދަދު 62 އިންސައްތައަށް އިތުރުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ފުރިހަމައަށް ލިޔެކިޔުން ހަމަކޮށް ޤަވާއިދުން ފައިސާ ދައްކާފައިވާ މީހުންގެ އިންސައްތަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން ބިދޭސީން ޤަވާއިދަށް ފައްތަން 206،000 މީހުންގެ ފިންގަރ ޕްރިންޓް މިހާތަނަށް ނަގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގައި ފިންގަރ ޕްރިންޓް ނުދީ ތިބި ބިދޭސީންގެ އަދަދަކީ 2933 މީހުންކަމަށާއި، އޮޕަރޭޝަން ކުރަނގީގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް މެއި 2 ވަނަ ދުވަހު ފަށައި އެމީހުން ހޯދައި، އެމީހުން ހައްޔަރުކޮށް ރާއްޖޭން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރައްވާނެކަން ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިއުލާނުކުރެއްވިއެވެ.
"ގާތްގަނޑަކަށް ދެއަހަރާ ދުވަސްކޮޅެއްގެ މަސައްކަތްތެރޭގައި މި ކުރެވުނު ބުރަ މަސައްކަތުގެ އަލީގައި މިހާރު ކުރިން ގޮތް ނޭނގޭ ގޮތަށް ގާތްގަނޑަކަށް ލައްކައަކަށްވުރެ ގިނަ ބިދޭސީން ދިވެހިރާއްޖޭގައި ވާއެއްނުވާއެއް ނޭނގޭ ގޮތަށް އުޅެމުން އައި އުޅުން މިވަނީ 2933 އަށް ކުޑަކުރެވިފައި. މިއީ އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްޕުޅަކީ" ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ބިދޭސީން ގެންގުޅޭ ފަރާތްތަކަށް ވަޒީރު އިލްތިމާސްކުރެއްވީ ވަރަށް ގާތުން އެމީހުންގެ ކަންކަން ބެލުމަށެވެ. އަދި، ބާކީ ތިބި މީހުންނާމެދު ފިޔަވަޅު އަޅާއިރު، އިދާރީ މައްސަލަތަކާއި ޕްރޮސެސިންގެ މައްސަލަތައް ހިނގާގޮތް ލޯ އެންފޯސްމަންޓުގެ ފަރާތުން ވަރަށް ގާތުން ބަލާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން ކުރާ މަސައްކަތުގައި މޯލްޑިވްސް އިމިގްރޭޝަނާއި ފޮރިން ލޭބަރ ޑިޕާޓްމަންޓް އަދި ރާއްޖޭގެ ކައުންސިލްތަކުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ.