ENGLISH

23 އޭޕްރީލު 2026

Advertisement

ދަނާލުގައި ނިޔާވި ކުއްޖާއާ ގުޅުވައިގެން ފަތުރަނީ ދޮގު؛ ވަޒީރު ހަގީގަތް ވިދާޅުވެދެއްވީ ޓައިމްލާނާއެކު

23 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް

ދަނާލުގައި ނިޔާވި ޒުވާނާއާ ގުޅުވައިގެން މީސްމީޑިޔާގައި ފަތުރަމުން އަންނަ ވާހަކަތަކަކީ ދޮގެއްކަން ހާމަކުރައްވައި، އެ ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ތަފުސީލުތައް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ހާމަކުރައްވަައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާނުވަނީ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފުސީލުތައް، ކަންކަން ހިނގި ވަގުތުތަކާއެކު ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދެއްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އެ ކުއްޖާ ފުލުހުންގެ ވިކްޓިމް ސަޕޯޓު ވައިބާ ނަންބަރަށް މެސެޖުކުރީ އޭޕްރީލު 20 ވަނަ ދުވަހުގެ ރޭގަނޑުގެ 8:40ގައި، "އައި އެމް ސޯ ކްލޯސް ޓު ގިވް އަޕް" މިފަދައިން ކަމަށާއި، 8:49 ގައި ފުލުހުންގެ ވިކްޓިމް ސަޕޯޓުގެ ފަރާތުން ވާހަކަ ހިއްސާކުރަން ބޭނުންވޭތޯ ސުވާލުކޮށް މެސެޖުކުރިއެވެ. 

އިހުސާން ވިދާޅުވީ ފުލުހުން ކުރި މެސެޖަށް ޖަވާބެއް ދެން ލިބުނީ 8:50 ހާއިރުއެވެ. އިތުރު ދެ މެސެޖު 8:53 ގައި ފޮނުވިކަމަށާއި، 8:56 ހާއިރު އިތުރު މެސެޖެއް ފޮނުވި ކަމށެވެ. އެ ކުއްޖާގެ ފަރާތުން ފުލުހުންނަށް ދެން މެސެޖެއް ލިބުނީ 12:38 ހާއިރުއެވެ. އެ މެސެޖަށް ތިން މިނިޓު ފަހުން ފުލުހުން ޖަަވާބުދިނެވެ. 

އެ އަންހެންކުއްޖާ ފުލުހަށް ގުޅި ކަމުގައި ބުނެ މީސްމީޑިޔާގަައި ފަތުރަމުން އަންނަ ވާހަކަތައް ވަޒީރު ދޮގުކުރެއްވިއެވެ. ވަޒީރުވަނީ މިފަަދަ ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު ވާހަކަތަައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. 

"ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް އެދެން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް. މީގެ ސަބަބުން މިވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދޭ އަދި ހަމައެއާއެކު މި ހާދިސާތައް ދިމާވެފައި ހިތާމަތައް ދިމާވެފައިވާ އާއިލާތަކަށް ނުހަނު ހިތާމަތައް ލިބިގެންދޭ،" ވަޒީރު ވިދާޅުވިއެވެ. 

އެ ޒުވާނާ ވައިބާއިން އޮފްލައިންވުމާއެކު 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑު ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށާއި، 1:08 ހާއިރު ފުލުހުން ދަނާލަށް ވަދެ، އޭނާ ދިރިއުޅޭ ކޮޓަރި ދެނެގަނެވުނީ 1:32 ހާއިރު ކަމށް އިހުސާން ވިދާޅުވިއެވެ. 

ވަޒީރުވަނީ އެކަމުގައި ފުލުހުން އަމަލުކުރި ގޮތާ ގުޅޭ ދާހިލީ ރިވީއެއްް ކުރިއަށްްގެންދަވާނެ ކަމުގައި ޔަގީންކަން ދެއްވައި، މިނިވަން މުއައްސަސާތަކުންވެސް ފުލުހުން އަމަލުކުރި ގޮތް ބަލާނެ ކަމުގައި ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު