ENGLISH

23 އޭޕްރީލު 2026

Advertisement

ތެޔޮ ސަލާމަަތްކުރުމަށް ލުފްތަންސާގެ 20،000 ދަތުރު މަދުކުރަން ނިންމައިފި

23 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ޖެޓްފިއުލް ލިބުން ދަތިވެ ލުފްތަންސާ އެއާލައިނުން 20،000 ދަތުރު މަދުކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފި، ފޮޓޯ: ރޮއިޓާސް

ޖެޓް ފިއުލަށް ހިނގާ ހަރަދު ކުޑަކުރުމުގެ ގޮތުން ޖަރުމަންވިލާތުގެ އެއާލައިން ލުފްތަންސާއިން ކުރިއަށް އޮތް ހަ މަހު 20،000 ފުލައިޓު ނުވަތަ ދަތުރު މަދުކުރުމަށް ނިންމާފައިވާކަމށް އެ ކުންފުނިން ބުނެފިއެވެ. 

އީރާނު ހަނގުރާމައިގެ ސަބަަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ބޮޑެތި ލޮޅުންތަަކާއެކު، ޖެޓް ފިއުލްގެ އަގު ވަރަށް ބޮޑަށް މައްޗަށް އެރުމާ ގުޅިގެން އެއާލައިންތަކުން އަންނަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ދަތުރުތައް މަދުކުރަން ލުފްތަންސާއިން ނިންމާފައިވާއިރު އަންނަ މޭ މަހު އެ ކުންފުނިން މަދުކުރާ ދަތުރުތައް މިހާރު އިއުލާނުކޮށްފައިވެއެވެ. 

ހަ މަސްދުވަހުގެ ތެރޭ ދަތުރުތައް މަދުކުރުމުން އޮކްޓޯބަރު މަހުގެ ނިޔަލަށް 40،000 މެޓްރިކްޓަނުގެ ޖެޓްފިއުލް ސަލާމަތްކުރެވޭނެ ކަމަށް ލުފްތަންސާއިން އަންދާޒާކުރެއެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި އެ ކުންފުނީގެ ދަތުރުތަކަށް ބޭނުންވާ ޖެޓްފިއުލް މިހާރު ހޯދާފައިވާކަން ލުފްތަންސާއިން ހާމަކޮށްފައިވެއެވެ. 

ޔޫރަޕުގެ އެކި ގައުމުތަކުގެ އެއާލައިންތަކުން އަންނަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮވެއްޖެނަމަ ޖެޓް ފިއުލް ލިބުން ދަތިވެ، އެ އެއާލަައިންތަކުގެ ދަތުރުތައް މަދުކުރަން މަޖުބޫރުވާނެކަމުގެ އިންޒާރު ދެމުންނެވެ. މިހާރުވެސް މެދުއިރުމައްޗާއި އޭޝިޔާގެ ވައިގެ ދަތުރުފަތުރަށް މި ހަނގުރާމައިގެ ސަބަބުން ބޮޑެތި ލޮޅުންތައް ކުރިމަތިވެފައިވެއެވެ. އަދި އެލޮޅުންތަކުގެ ސަބަބުން ބައެއް އެއާލައިނުތަކުން ދަތުރުތައް މަދުކުރިއިރު އަނެއްބައި އެއާލައިންތަކުން ޓިކެޓުގެ އަގުގައި ފިއުލް ސާޗާޖުގެ ގޮތުގައި ހިމަނާ އަދަދުތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވެއެވެ. 

ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދުނިޔޭގެ ބާޒާރަށް ނެރޭ ޖެޓްފިއުލު އެންމެ ގިނައިން ގަންނަނީ ޔޫރަޕުގެ ގައުމުތަކުންނެވެ. ޔޫރަޕަށް އެތެރެކުރާ ޖެޓްފިއުލުގެ 41 އިންސައްތައަކީ ހޮރްްްމުޒް ކަނޑުއޮޅި ހުރަސްކޮށް އެ ބައްރށް ގެންނަަ ޖެޓް ފިއުލެވެ. ޖެޓު ފިއުލްގެ އަގު ދެނެގަތުމަށް ބުނާކުރާ ޕްލެޓްސް ޖެޓް ފިއުލް ޕްރައިސް އިންޑެކްސްއިން އެނގޭ ގޮތުގައި އީރާނު ހަނގުރާމަ ފެށުނުފަހުން ޖެޓް ފިއުލުގެ އަގު 70 އިންސައްތަ މައްޗަަށް އަރާފައިވެއެވެ. 

ފާއިތުވި ހަފުތާގައި އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ ވެރިޔާ ފާތިހު ބިރޯލް ވިދާޅުވެފައިވަނީ ޔޫރަޕުގައި މިހާރު ޖެޓް ފިއުލް ރައްކާކުރެވިފައި ހުރީ ހަ ހަފުތާއަށް ބޭނުންވާ މިންވަރަށް ކަމަށެވެ. ޔޫރަޕުގެ ދަތުރުފަތުރާ ބެހޭ ވަޒީރުންވަނީ ހަކަތައިގެ ކާރިސާއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އަންގާރަދުވަހު ބައްދަލުކުރައްވާފައެވެ. 

ބިރޯލް ވިދާޅުވި ގޮތުގައި ޖެޓްފިއުލް ސަޕްލައިކުރުމުގައި ދަތިތަކެއް ކުރިމަތިވެއްޖެނަމަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރައްކާކޮށްފައި ހުރި ފިއުލް ރިޒާވްތައް އެންމެ ރަނގަޅަށް ބޭނުންކުރަންޖެހޭނެއެވެ. އަދި ޔޫރަޕިއަން ކޮމިޝަނާ ފޯ ޓްރާންސްޕޯޓް އެޕޮސްޓޮލޮސް ޒިޓްޒިކޯސްޓާސް ވިދާޅުވި ގޮތުގައި ޔޫރަޕުގެ ގައުމުތަކަަށް ޖެޓްފިއުލް ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެއް މިހާރު އޮތީ އެކުލަވައިލެވިފައެވެ. 

ލުފްތަންސާއިން ބުނީ އެ އެއާލައިނުގެ ކުރު ރާސްތާ ދަތުރުތައް ކެންސަލްކުރުމާއެކު، މިހާރުވެސް ފައިދާނުވާ މަގުތައް ނުވަތަ ރޫޓުތައް ދޫކޮށްލުމަށްފަހު ބޮޑު ފައިދާ ލިބޭ ރޫޓުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ސަމާލުކަންދޭނެ ކަމަށެވެ. އަދި ހަރަދުކުޑަކުރުމުގެ ގޮތުން ލުފްތަންސާއިންވަނީ އެ އެއާލައިނުން ބޭނުންކުރަމުންއައި ދުވަސްވީ މަރުކާތަކުގެ މަތިންދާބޯޓުތައް ބޭނުންކުރުން ވަގުތީ ގޮތުން ހުައްޓާލާފައެވެ. 

އެހެނިހެން އެއާލައިނުތަކުންވެސް އަންނަނީ ޖެޓްފިއުލުގެ ހަރަދުތައް ބޮޑުވަމުންދާ ކަންބޮޑުވުން ފާޅުކޮށް ކުރިއަށް އޮތް ތަނުގައި ވައިގެ އުދުހުންތަކަށްް އެކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކާމެދު ސަމާލުވުމަށް އެދެމުންނެވެ. ބައެއް ކުދި އެއާލައިންތަކުން ބުނެފައިވަނީ އެ އެއާލައިންތަކުގެ ދަތުރުތަކަށް އަންނަ މޭ މަހުގެ ނިޔަލަށް ބޭނުންވާ މިންވަރަށް ޖެޓް ފިއުލް ލިބޭނެކަން ކަށަވަރުވީ ނަމަވެސް އޭގެ ފަހުން ޖެޓްފިއުލް ލިބޭނެކަމުގެ ޔަގީންކަން ސަޕްލަޔަރުންނަށް ނުދެވޭ ކަމަށެވެ. 

އީރާނު ހަނގުރާމައާއި ހޮރަމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ އެންމެ ބޮޑު ގެއްލުމެއް ތަހައްމަލުކުރަންޖެހިފައިވާ އެއް ދާއިރާއަކީ މަދަނީ ވައިގެ އުދުހުންތަކުގެ ދާއިރާއެވެ. 

ކިޔުންތެރިންގެ ހިޔާލު