ENGLISH
23 އޭޕްރީލު 2026
ބިދޭސީއެއް މަރާލައިގެން ދިވެއްސަކު އުމުރަށް ޖަލަށް
22 އޭޕްރީލު 2026
|
ލިޓަން (ކ) އަދި އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ނިޒާމް
އެންމެ މަޤްބޫލު
ބަންގްލަދޭޝްގެ ރައްޔިތެއް މަރާލިކަމުގެ ދައުވާ ސާބިތުވެ، ދިވެއްސަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ހުކުމް ރައްދުވާ ފަރާތަކީ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް (45އ) އެވެ.
މި މައްސަލައަކީ ދެހާސް ބާވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވިލިމާލޭން ފުރި "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލީ އޭނާއަށް ނޭނގި މޫދަށް ކޮށްޕައި ވައްޓައިލައިގެންކަން ފުލުހުންގެ ތަހުގީގުން އޮތީ ހާމަވެފައެވެ
އެ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ދައުލަތުން ކުރީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޑައިމޯފިންއިން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާ ސާބިތުވެފައިވާކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
އޭރު މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ލިޓަން ވައްޓާލި ސަރަހައްދުގެ ގޮތުން އޭނާ ސަލާމަތްވުމުގެ ފުރުސަތު ކުޑަކަން ފާހަގަކުރައްވައި، ލިޓަން އާއި މެދު ނިޒާމްގެ އަދާވާތްތެރިކަން އޮތްކަން ސާބިތުވާ ކަމަށާއި ނިޒާމްގެ ތަހުގީގު ބަޔާނުގައި ލިޓަން މޫދަށް ވައްޓާލި ކަމަށް އެއްބަސްވިކަން ވެސް ފާހަގަކުރައްވައިފައެވެ.
ނިޒާމްގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ ދައުލަތުން އެދުނު ގޮތަށް އަދަބު މަތިކޮށް 25 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް މި ހުކުމް އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ ބަންދުގައި ހޭދަ ކުރި 3 އަހަރާއި 1 މަހާއި 29 ދުވަސް އުނިކުރުމަށްފަހު، 21 އަހަރާއި 10 މަހާއި 1 ދުވަހެވެ.
މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގެއްލިފައިވާ މީހެއްގެ މައްސަލައިގައި މަރުގެ ދައުވާކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.