ENGLISH

22 އޭޕްރީލު 2026

Advertisement

އިންޑިޔާގެ ކަރަންސީ ސްވޮޕް: ފައިސާ ނުދެއްކޭނެކަަމުގެ ބިރެއް ނެތް

22 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

އެމްއެމްއޭއާއި ރިޒާވް ބޭންކް އޮފް އިންޑިޔާގެ މެދުގައި ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

އޮކްޓޯބަރު، 7، 2024 ގައި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި އިންޑިޔާގެ މަރުކަޒީ ބޭންކު ރިޒާވް ބޭންކު އޮފް އިންޑިޔާގެ (އާރްބީއައި)ގެ މެދުގައި ގާއިމުކުރެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމަކީ އެއިރު ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން ރާއްޖެއަށް ލިބުނު ޟަރޫރީ އެހީއެކެވެ. އެއީ ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް އެކީ ހުސްވިޔަނުދީ، ސަރުކާރާއި މަރުކަޒީ ބޭންކުން ރިޒާވްއަށް ފައިސާ ވަންނާނެ އެހެން ގޮތްތަކެއް އިންތިޒާމުކުރުމަށް ޖާގައާއި ވަގުތު ލިއްބައިދިން ވަސީލަތެކެވެ. މިދުވަސްވަރު ބައެއް މީޑިޔާގައި އެ މުއާމަލާތާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ތިލަވަމުންއައި ނަމަވެސް ރަސްމީކޮށް އެމްއެމްއޭއިން އަދި އާރްބީއައިއިންވެސް މިކަމުގައި ބަހެއް ބުނެފައިނުވެއެވެ. ނަމަވެސް މި މުއާމަލާތް ހިނގާފައިވާ ގޮތަށް ބަލައިލުމުން މިކަމުގައި ދެކެވޭ ހުރިހާ ވާހަކަތަކަކީ އެންމެ ރަނގަޅަށް ދެކޮޅު ބަލައިގެން ދެކެވޭ ވާހަކަތަކެއް ނޫންކަަން ޔަގީންކުރެވެއެވެ.

ކަރަންސީ ސްވޮޕު މުއާމަލާތްކުރެވޭ ގޮތާއި، ފައިސާ ދައްކަންޖެހޭ ގޮތާއި، ޖުމްލަކޮށް އިންޑިޔާގެ ރިޒާވް ބޭންކުގެ މި ފެސިލިޓީ ބިނާކޮށް ފަރުމާކޮށްފައިވާ ގޮތް އެނގުމަކީ މި މުއާމަލާތާމެދު ވާހަކަދައްކާއިރު ލާޒިމު ކަމެކެވެ. އަދި މި މުއާމަލާތުގެ ތެރެއިން ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމު އަދާކުރެވޭނެކަން ވަޒަންކުރެވޭނީ އެ ހަގީގަތްތަކުގެ އަލީގައެވެ.

ކަރަންސީ ސްވޮޕު މުއާމަލާތަކާއި މަރުކަޒީ ބޭންކުތަކުގެ މެދުގައި ކުރެވޭ މުއާމަލާތަކެވެ. އެއީ ކަނޑައެޅޭ އަދަދެއްގެ ބޭރު ފައިސާގެ ބަދަލުގައި، އެ ފައިސާ ނަގާ ގަމުގެ ކަރަންސީ ނުވަތަ ފައިސާ، ބޭރު ފައިސާ ފޯރުކޮށްދޭ މަރުކަޒީ ބޭންކުގައި ބެހެއްޓުމަށްފަހު، ކަނޑައެޅޭ މުއްދަތު ހަމަވުމުން އެއްބަސްވެވުނު އިންޓަރެސްޓާއެކު ބޭރު ފައިސާ އަނބުރާ ދީ، އެ ގައުމުގެ ފައިސާ ގަތުމުގެ މުއާމަލާތަކެވެ.

އެއްބަސްވުމުގެ ފަހަތުގައި އޮތް ބިންގާ: ސާކް ކަރަންްސީ ސްވޮޕް އޮނިގަނޑު

އެމްއެމްއޭއާއި އާރްބީއައިގެ މެދުގައި ގާއިމުކުރެވުނު ކަރަންސީ ސްވޮޕް މުއާމަލާތުގެ އަސާސަކީ 2012 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު އިންޑިޔާގެ ރިޒާވް ބޭންކުން ތައާރަފުކުރި ސާކް ކަރަންސީ ސްވޮޕް ފެސިލިޓީއެވެ. މިއީ މާލީ ކާރިސާތަކާއި ދަތިތަކުގައި ދެކުނު އޭޝިޔާގެ ގައުމުތަކަށް ކުރު މުއްދަތުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ފޯރުކޮށްދިނުމަށް އިންޑިޔާ ސަރުކާރާއި އެ ގައުމުގެ މަރުކަޒީ ބޭންކުން ތައާރަފުކުރި ފެސިލިޓީއެކެވެ. މިއީ ގައުމުތަކަށް ބޭރު ފައިސާ މަދުވެ، މުހިއްމު މުދާ އިމްޕޯޓުކުރުމާއި، ބޭރު ފައިސާގެ މާލީ އިލްތިޒާމުތައް އަދާކުރުމާއި، ބޭރު ފައިސާގެ ދާހިލީ ބާޒާރު ރެގިއުލޭޓުކޮށް ފައިސާގެ އަގު ހިފަހެއްޓުން ފަދަ ކަންކަމުގައި ކުރު މުއްދަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކުރެވިފައިވާ ވަސީލަތެކެވެ.

މި ފެސިލިޓީގެ އޮނިގަނޑަކީ ކޮންމެ ތިން އަހަރަަކުން މުރާޖައާކޮށް ބަދަލުކުރަމުންދާ އޮނިގަނޑެއް ނުވަތަ ފްރޭމްވޯކެކެވެ. އެގޮތުން އެންމެ ފަހުގެ މުރާޖައާއަކީ “ދަ ފްރޭމްްވޯކް އޮން ކަރަންސީ ސްވޮޕް އެގްރީމެންޓް ފޯ ސާކް ކަންޓްރީސް 2027-2024” އެވެ. އެ މުރާޖައާ އިންޑިޔާގެ ޔޫނިއަން ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރީ 2024، ޖޫން 19 ވަނަ ދުވަހުއެވެ. މިއީ މި އޮނިގަނޑުގެ ތާރީހުގައި ގެނެވުނު އެންމެ ބޮޑު ބަދަލު ތައާރަފުކުރެވުނު މުރާޖައާއެވެ.

އެގޮތުން 2027-2024 ފްރޭމްވޯކް ނުވަތަ އޮނިގަނޑުގެ ދަށުން އިންޑިޔާގައިން ސާކް ގައުމުތަކަށް ދެ ބާވަތެއްގެ ކަރަންސީ ސްވޮޕް ފުރުސަތު ފޯރުކޮށްދެއެވެ. އެއީ ހުރިހާ ސާކު ގައުމުތަކަކަށް ކަރަންސީ ސްވޮޕް ހެދޭ ގޮތަށް ގާއިމުުކުރި ދެ ބިލިއަން ޑޮލަރުގެ ފެސިލިޓީއަކާއި، އިންޑިޔާ ރުޕީސްއާ ކަރަންސީ ސްވޮޕް ހެދޭ ގޮތަށް ތައާރަފުކުރި 250 ބިލިއަން ރުފީސްގެ ފެސިލިޓީއެކެވެ.

ދެ ބިލިއަން ޑޮލަރުގެ ފެސިލިޓީއަކީ ބޭރު ފައިސާގެ ތާށީކަން ކުރިމަތިވެފައިވާ ގައުމުތަކަށް އެހީތެރިވުމަށްް ޑޮލަރުން ނުވަތަ ޔޫރޯއިން ކުރިއަށްގެންދާ މުއާމަލާތަކެވެ. 250 ބިލިއަން ރުޕީސްގެ ފެސިލިޓީއަކީ ސާކް ގައުމުތަކާއި އިންޑިޔާގެ މެދުގައި ކުރާ ވިޔަފާރި މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި ރުޕީސް ބޭނުންކުރުމަށް މަގުފަހިކުރުމަށް ހަމަޖައްސާފައިވާ ފެސިލިޓީއެކެވެ. އެއީ އިންޑިޔާގެ ރުޕީސް ބައިނަލްއަގުވާމީ މުއާމަލާތްތަކުގައި ބޭނުންކުރާ މިންވަރު އިތުުރުކުރުމުގެ އިސްތިރާޖީ އަމާޒު ހާސިލުކުރުމަށްވެސް އެ ގައުމުން ބޭނުންކުރާ އާލަތެއް ނުވަތަ ޓޫލެކެވެ.

މި އޮނިގަނޑުގެ ދަށުން ސާކް ގައުމެއް، މިސާލަކަށް ރާއްޖެއިން ސްވޮޕް ފެސިލިޓީއެއް ނަގާނަމަ ދާހިލީ ފައިސާކަމުގައިވާ ރުފިޔާ ރިޒާވް ބޭންކް އޮފް އިންޑިޔާއަށް ފޯރުކޮށްދޭންޖެހެއެވެ. އޭގެ ބަދަލުގައި ރިޒާވް ބޭންކު އޮފް އިންޑިޔާއިން އެ ފައިސާއަށްވާ މިންވަރުގެ ބޭރު ފައިސާ ފޯރުކޮށްދެއެވެ. އެއީ ޑޮލަރު ފެސިލިޓީނަމަ ދޭނީ ޑޮލަރެވެ. އަދި ރުޕީސް ފެސިލިޓީ ބޭނުންކުރާނަމަ ދޭނީ ރުޕީސްއެވެ.

ބޭރު ފައިސާ ލިބޭ މަރުކަޒީ ބޭންކަކުން އެ ފައިސާ ބޭނުންކުރާނީ ރަސްމީ ރިޒާވްގެ ބައެއްގެ ގޮތުގައެވެ. ދެން އެއަށްފަހު އެ ސްވޮޕް އެއްބަސްވުން މެޗުއާވުމުން ދަރަންޏަށް ފައިސާ ނެގި މަރުކަޒީ ބޭންކުން އެ ނެގި ފައިސާ އަނބުރާ ރިޒާވް ބޭންކް އޮފް އިންޑިޔާއަށް ދޭނެއެވެ. އަދި އާރްބީއައިގައި ބެހެއްޓި އެގައުމުގެ ފައިސާ އަނބުރާ އެ މަރުކަޒީ ބޭންކަށް އިއާދަކުރާނެއެވެ. އެހެންކަމުން މިއީ ކުރު މުއްދަތުގެ ލޯނެކެވެ.

މި އޮނިގަނޑުގެ ދަށުން ވަކިވަކި ގައުމުތަކާއެކު އާރްބީއައިއިން ހަދަނީ ވަކި އެއްބަސްވުންތަކެވެ. އިންޓަރެސްޓު ރޭޓާއި، ފައިސާ ނެގޭނެ ގޮތްތަކާއި، ފައިސާ ދައްކަންޖެހޭ މުހުލަތުތައް ފަދަ ތަފުސީލުތަކަކީ މައިގަނޑު އޮނިގަނޑުގައި ހިމެނޭ ކަންތައްތަކެއް ނޫނެވެ. އެއީ ކޮންމެ ގައުމަކާއެކު ވަކިން ހެދޭ އެއްބަސްވުންތަކުގައި ބަޔާންކުރާ ކަންކަމެވެ.

އޮކްޓޯބަރު 2024 ގައި ގާއިމުކުރެވުނު ރާއްޖެ އިންޑިޔާ އެއްބަސްވުން

މިފަދަަ މާލީ ބޮޑެތި އެއްބަސްވުންތަކަކީ އެއްވެސް ދައުލަތަކުން އެކީ ހާމަކުރާ ކަންކަމެއް ނޫނެވެ. ނަމަވެސް މި އެއްބަސްވުމާ ގުޅޭ ގިނަ ތަފުސީލުތަކެއް އިންޑިޔާގެ ރިޒާވް ބޭންކާއި ރާއްޖޭގެ މަރުކަޒީ ބޭންކުން ހާމަކޮށްފައި އެބަހުއްޓެވެ. އާއްމުކޮށް ފެންނާން ހުރި މައުލޫމާތަށް ބަލާއިރު މި އެއްބަސްވުމުގެ ދަށުން ދެ ބާވަތެއްގެ ކަރަންސީ ސްވޮޕު އެއްބަސްވުންވަނީ ގާއިމުކުރެވިފައެވެ. އ

އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ޑޮލަރު ފެސިލިޓީގެ ދަށުން ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ވިންޑޯއެއް ލިބޭނެއެވެ. އަދި ރުޕީސް ފެސިލިޓީގެ ތެރެއިން ރާއްޖެއަށް 30 ބިލިއަން ރުޕީސްގެ ސްވޮޕް ހެދޭނެއެވެ.

ޑޮލަރު ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން 400 މިލިއަން ޑޮލަރު އެމްއެމްއޭއިން ނެގީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއާއެކު އެވަގުތު 371.2 މިލިއަން ޑޮލަރަށް ދަށްވެފައި އޮތް ރަސްމީ ރިޒާވް 614.6 މިލިއަން ޑޮލަރަށް އިތުރުވިއެވެ. އަދި އޭގެ ފަހުން ބޭރު ފައިސާގެ ގަވާއިދާއި، ބޭރު ފައިސާގެ ގާނޫނު ތައާރަފުކޮށް، ބޭންކުތަކުގެ ތެރެއިން މަރުކަޒީ ބޭންކަށް ބޭރު ފައިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ނިޒާމީ ގޮތެއްގައި ރިޒާވްއަށް ފައިސާ ޖަމާކުރެވޭނެ ގޮތް ގާއިމުކުރެވުނެވެ.

މި ދެ ފެސިލިޓީ އެކުލެވޭ އެއްބަސްވުން އެކީ ހަމަވާނެ މުއްދަތެއްގެ ގޮތުގައި ރަސްމީ ލިޔެކިޔުންތަކުން ފެންނަނީ 18 ޖޫން 2027 ވަނަ ދުވަހެވެ. އެ ދުވަހުގެ ކުރިން މި އެއްބަސްވުމުގައި ހިމެނޭ ދެ ފެސިލިޓީގެ ދަށުން ނެގި ހުރިހާ ފައިސާއަކާއި އެ ފައިސާއަކަށްވާ އިންޓަރެސްޓު އަނބުރާ ދައްކަންޖެހޭނެއެވެ.

މި ފައިސާ ދައްކަންޖެހެނީ ކޮންއިރަކު؟

މިފަދަ ފެސިލިޓީތަކުގައި ފައިސާ ދައްކަންޖެހޭ ތާރީހާއި އެއްބަސްވުން ނިމޭ ތާރީހަކީ ތަފާތު ދެ ތާރީހެކެވެ. ފައިސާ ނަގާ މުއްދަތުން ފެށިގެން ވަކި މުހުލަތެއް ކަނޑައަޅައި އެ މުހުލަތުގެ ތެރޭގައި ފައިސާ ދެއްކުން ލާޒިމުކޮށް، އެ މުހުލަތު އިތުރުކުރެވޭނީ ކިހައި ފަހަރަކުކަން ބަޔާންކުރަނީ ވަކިވަކި އެއްބަސްވުންތަކުގައެވެ. މި މުއްދަތުތަކަކީ އެއްބަސްވުން ނިމޭ ތަރީހާ މުޅީން ތަފާތު މުއްދަތުތަކެކެވެ.. މިއީ ޑްރޯޑައުން ޓެނާއެއްގެ ގޮތުގައި މާލީ ތަޖުރިބާކާރުން ބަޔާންކުރާ މުއްދަތުތަކެވެ.

ލަންކާގެ މަރުކަޒީ ބޭންކާއި އާރްބީއައިގެ މެދުގައި 2020 ގައި ގާއިމުކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ބުނެފައިވަނީ ފައިސާ ދައްކަންޖެހޭނީ ތިން މަހުން ކަމަށާއި، އަދި ތިން ފަހަރަށް ތިން މަހުގެ މުހުލަތަކަށް ފައިސާ ދެއްކުން ލަސްކުރެވިދާނެ ކަމަށެވެ. މާނައަކީ ޖުމްލަ ނުވަ މަސް ލަސްކުރެވިދާނެ ކަމަށެވެ.

އެމްއެމްއޭއާއި އާރްްބީއައިގެ މެދުގައި 2024 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުމުގައި މި މުއްދަތުތައް ކަނޑައެޅިފައިވާ ގޮތް ދެ އިދާރާއިންވެސް ހާމަނުކުރެއެވެ. ނަމަަވެސް ޖުމްލަ ގޮތެއްގައި އެއްބަސްވުން ނިމުމަކަށް އަންނަ ތާރީހަކީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަސްކަން ދެ އިދާރާއިން ޝާއިއުކޮށްފައިވާ ލިޔުންތަކުން އެނގެއެވެ. އެ މުއްދަތަށްފަހު އެ ފައިސާ ދެއްކުން ލަސްކުރެވޭނެ ގޮތެއް ސާކް ފްރޭމްވޯކުގައި ބަަޔާންވެފައި ނުވެއެވެ.

ވޯލްޑް ބޭންކުން 2025 ވަނަ އަހަރު ނެރުނު މޯލްޑިވްސް ޑިވެލޮޕްމެންޓު އަޕްޑޭޓުގައި ބުނެފައިވާ ގޮތުން މަރުކަޒީ ބޭންކުން ޑޮލަރު ކަރަންސީ ސްވޮޕް އަދާަކުރުމަށް ވިސްނާފައިވަނީ ރުޕީސް ފެސިލިޓި ބޭނުންކޮށްގެން ލިބޭ ޑޮލަރުން ކަަމަށެވެ. މިއީ އެއް އެއްބަސްވުމުގެ ތެރެއިން ގާއިމުކުރެވުނު އެއް ފެސިލިޓީ ބޭނުންކޮށްގެން އަނެއް ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާ ހޯދުމެވެ. 

އެހެންކަމުން ލިބެންހުރި މައުލޫމާތަށް ބަލާއިރު ކަރަންސީ ސްވޮޕް އެއްބަސްވުން އެކީ ނިމުމަކަށް އަންނާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމުގައި އަމަލުކުރުމަށް އެއްބަސްވުމުގައި އިތުރު މުއްދަތުތަކެއް ކަނޑައަޅާފައިވާކަން، އަދި އެފަދަ މުއްދަތުތަކެއް އެއްބަސްވުމުގައި ބަޔާންކުރާނަަމަ އެ މުއްދަތުތަކަކީ ކޮބައިކަން ފެންނާން ހުރި ލިޔެކިޔުންތަކުން އެނގެން ނެތެވެ. 2027 ވަނަ އަހަރުގެ ޖޫން މަހުގައި އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ރާއްްޖޭގެ މަރުކަޒީ ބޭންކަށް އަދާނުކުރެވޭނެ ކަމަށް ދައުލަތުގެ އެއްވެސް މާލީ އިދާރާއަކުން ނުބުނެއެވެ.

މި އިލްތިޒާމު އަދާނުކުރެވޭނެ ކަމުގެ ބިރެއް ނެތް

ރާއްޖޭގެ ދަރަނީގެ އިލްތިޒާމުތައް ބޮޑެވެ. ނަމަވެސް ރައީސްް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގެންނަވާފައިވާ މާލީ އަދި ފައިސާގެ ސިޔާސަތާ ގުޅޭ އިސްލާހުތަކުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ މާލީ އިލްތިޒާމުތައް އަދާކުރުމުގައި ހުރި ބޮޑެތި ހުރަސްތަައް ނައްތައިލެވިފައިވެއެވެ.

ފިޗްއާއި މޫޑީސް އަދި އައިއެމްއެފްއާއި ވޯލްޑް ބޭންކުން ރާއްޖޭގެ ދަރަނި އަދާކުރުމަށްް އޮތް އެންމެ ބޮޑު ހިރާހެއްގެ ގޮތުގައި ފާހަގަކުރަމުންދަނީ ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ބަލިކަށިވުމުގެ މައްސަލައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ގެންނެވުމުގެ ގޮތުން ބޭންކިން ނިޒާމުގެ ތެރެއިން ރަސްމީ ރިޒާވްއަށް ބޭރު ފައިސާ ލިބޭނެ ފަދަ ގާނޫނީ އޮނިގަނޑެއް 2025 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ތަންފީޒުކުރެވެންވަނީ ފަށާފައެވެ. އެއީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި ނިސްބަތެއް ބޭންކުތަކަށް މާރުކޮށް، އެ ފައިސާގެ މިންވަަތެއް މަރުކަޒީ ބޭންކަށް ވިއްކުމެވެ.

މި ނިޒާމުގެ ތެރެއިން މިހާތަނަށް ނެރެވުނު ނަތީޖާއަށް ބަލާއިރު 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އެ އޮނިގަނޑު ތަންފީޒުކުރަން ފެށިއިރު ރިޒާވްގައި ހުރީ 708.1 މިލިއަން ޑޮލަރެވެ. 2025 ވަނަ އަހަރު ނިމުނުއިރު އެ އަދަދުވަނީ 983 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ރިޒާަވްގައި 1.3 ބިލިއަން ޑޮލަރު ހުއްޓެވެ. ބޭނުންކުރެވޭ ގޮތަށް 408 މިލިއަން ޑޮލަރު ހުއްޓެވެ.

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ބަލާއިރު ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އެ ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރެވެ. މާޗު މަހުގެ ނިޔަލަށް އެ ފަންޑުގައި 400 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ރައްކާކުރެވިފައި ހުއްޓެވެ. ރިޒާވްއާއި އެސްޑީއެފްގައި މި އަދަދަށް ފައިސާ ރައްކާކުރެވުމުގެ ނަތީޖާއަކީ ރާއްޖޭގެ ތާރީހުގައި އެއްފަހަރާ ދަރަނި އަދާކުރުމަށް އަދި އެނޫންވެސް ކަމެއްގައި ދިވެހި ދައުލަތުން ދެއްކި އެންމެ ގިނަ ފައިސާ އޭޕްރީލު މަހުގެ ދެވަނަ ދުވަހު ދައްކައި 2021 ވަނަ އަހަރު ވިއްކި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު އަދާކުރެވުމެވެ.

އެ ފައިސާ އަދާކުރުމަށްްފަހު ރިޒާވްގައި 150 މިލިއަނެއްހައި ޑޮލަރު ބޭނުންކުރެވޭ ގޮތަށް  ހުންނާނެއެވެ. އަދި އެ އަދަަދާ ގާތްކުރާ އަދަދެއްގެ ފައިސާ އެސްޑީއެފްގައިވެސް ހުންނާނެއެވެ. އެހެންކަމުން ރިޒާވްއާއި އެސްޑީއެފްގައި 300 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ބޭނުންކުރެވޭ ގޮތަށް ހުންނާނެއެވެ. 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އަނބުރާ ދައްކަންޖެހިއްޖެނަމަ އެ ފައިސާއަކީވެސް ބޭނުންކުރެވޭނެ ފައިސާއެވެ.

އިންޑިޔާއާއި ރާއްޖޭގެ ގުޅުމަށް ބަލާއިރު ރާއްޖޭގެ މާލީ ދަތިތަކަށް ރިއާޔަތްކޮށް، މިހާތަނަަށް ރާއްޖެއިން ތަންފީޒުކުރި މާލީ އަދި ފައިސާގެ ސިޔާސަތުތަކުގެ ބުރަދަނަށް ބަލައި، މިގެނެވޭ ނިޒާމީ އިސްލާހުތަކުގެ އަސަރު ވަޒަަންކުރުމަށްފަހު ދިވެހިރާއްޖެއަށް އަދި ދިވެހި ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް އިންޑިޔާއިން ކަންކަން ތަރުތީބުކޮށްދޭނެކަމަށް ބުރަވެއެވެ. ކުރީގެ ސަރުކާރުތަކުގެ އިހުމާލާއި ޣައިރު ޒިންމާދާރު ސިޔާސަތުތަކުން އުފަންކުރި މާލީ ބުރަތަކުން އަރައިގަތުމުގައި އިންޑިޔާއާއި އެހެން އަވައްޓެރި ގައުމުތަކުންވެސް އެހީތެރިކަން ލިބޭނެއެވެ.

މި އެހީތެރިކަން ލިބޭނެކަމުގެ އެންމެ ބޮޑު ހެއްކަކީ މި އަހަރު ދައްކަންޖެހޭ ދަރަނި ކުޑަކުރެވުނު ކަމެވެ. 2024 ވަނަ އަހަަރަށް ލަފާކުރި ބަޖެޓުގައި އަދި 2025 ވަނަ އަހަރަށް ލަފާކުރި ބަޖެޓުގައި އަންދާޒާކޮށްފައި އޮތީ 2026 ގައި އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެކުވެރި ގައުމުތަކާ މަޝްވަރާކޮށްގެން ހޯދުނުގެ ހައްލުތަކާއެކު މިއަހަރު އަދާކުރަންޖެހޭ ދަރަނި 600 މިލިއަން ޑޮލަރަށް ކުޑަކުރެވި، 400 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރުން ފަސްކުރެވުނެވެ.

އޭގެ ފަހުން މި އަހަރު އަދާކުރަން އޮތް އިތުރު 100 މިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކުރުން ފަސްކުރުމަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓާއެކު މަޝްވަރާކުރެވި އެ ފައިސާ ދެއްކުންވެސް ފަސްކުރުމަށް އެއްބަސްވެވިފަައިވެއެވެ. މިއީ ހާރިޖީ ގުޅުންތަކުގެ ތެރެއިން ހޯދނުގެ މާލީ ކާމިޔާބުތަކެވެ.

އެހެންކަމުން ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގާތްކަމާއި އެކުވެރި ގުޅުމުގެ ތެރެއިން، ރާއްޖޭގެ މިއަދުގެ ހާލަތަށް ރިއާޔަތްކޮށް ކަރަންސީ ސްވޮޕުގެ ފައިސާ ދެއްކުން ލަސްކޮށްނުދޭންވީ ސަބބެއް ނެތެވެ. އަދި އެ ފައިސާ ދެއްކުން ލަސްނުކުރެވުނަސް، މިހާރު ތަންފީޒުކުރެވެމުންދާ މާލީ އަދި މަނިޓަރީ ސިޔާސަތުތަކުގެ ތެރެއިން އެ ފައިސާ ދެއްކުމަށް ބޭނުންވާ ހަކަތަ ދިވެހި އިގުތިސާދުގައި އަދި ދައުލަތުގެ މާލިއްޔާގައި އެބަހުއްޓެވެ. މާތްﷲގެ ވާގިފުޅާއެކު، އެއްފަހަރާ 524.68 މިލިއަން ޑޮލަރު އަދާކޮށް ސުކޫކުގެ ދަރަނިން ސަލާމަތްވި ގޮތަށް މިކަމުންވެސް ދިވެހި ދައުލަތް ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގައި އަރައިގަންނާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު