ENGLISH
20 އޭޕްރީލު 2025
މެންދުރު 3 ޖަހަންދެން ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ: މެޓް
17 ޑިސެމްބަރު 2024
|
މޫސުން ގޯސް ދުވަހެއްގައި މާލޭގެ މަޖީދީމަގު: މާދަމާއިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވޭ-- ފޯޓޯ/ ޕީއެސްއެމް
މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރެވެހެން ފަށާފައިވާއިރު، މިއަދު މެންދުރު ފަހު 3 އަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ އެލާޓް ނެރުއްވާފައެވެ. އެ އެލާޓްގައި ވިދާޅުވެފައިވާ ގޮތުގައި ހެނދުނު 7:15 އިން ފެށިގެން މެންދުރު 11:15 އަށް، މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެއެވެ.
މާދަމާ އިން ފެށިގެން ކުރިއަތް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. މޫސުމާއިބެހޭ އިދާރާއިން ވިދާޅުވީ މިދުވަސްވަރަކީ ރާއްޖޭގެ ސަރަޙައްދަށް ހުޅަނގު މޫސުން ނިމި އިރުވައި މޫސުންފެށޭ ދުވަސްވަރަށްވުމުން މި ސަރަޙައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
ބަނގާޅު ކަނޑުގައި އިއްޔެގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ދެ ދުވަސްތެރޭގައި ދެކުނު އިންޑިޔާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާލަށް ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރައްވާފައިވެއެވެ. އަދި މިހަފުތާގެ ތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މޫސުމާ ބެހޭ އިދާރާއިން އިއްޔެ މެންދުރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ދެ ކޮޅިގަނޑުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން އާންމު ވަރަށްވުރެ ވައިބާރުވާނެ ކަމަށެވެ. އާންމު ގޮތެއްގައި އުތުރުގެ އަތޮޅުތަކަށް ގަނޑިއަކު 13 މޭލާއި 23 މޭލަށް އަދި ދެކުނާއި މެދުރާއްޖެއަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އުތުރުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށް ބެލެވޭއިރު މެދު ރާއްޖެ އާއި ދެކުނުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އެހެންކަމުން މިދުވަސްވަރު ގަދަވަޔާއިއެކު ވިއްސާރަކޮށް ގުގުރުމާއިއެކު ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40-55 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. އަދި ދެކުނާއި މެދުރާއްޖޭގެ ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ޚާއްސަކޮށް ކަނޑުދުރުކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްންދިނުމަށް އިލްތިސާމްކުރާ ކަމަށެވެ.