ENGLISH
22 އޭޕްރީލު 2026
މިނިމަމް ވޭޖުގެ އުފާވެރިކަން ރިސޯޓުތަކުގެ މުވައްޒަަފުންނަށް ނުލިބޭ: ޝުޖާ
22 އޭޕްރީލު 2026
|
ރައްޔިތުންގެ މަަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
ކުރީ ސަރުކާރުން ހުށަހަޅައިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މިނިމަމް ވޭޖުގެ ގާނޫނުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް މަންފާއެއް ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މައުރޫފު ޒާކިރު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުންނެވެ. މައުރޫފު ހުށަހެޅުއްވި އިސްލާހަކީ މުވައްޒަަފުންނަށް ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުން މަނާކޮށް، ސާވިސް ޗާޖުގެ ގޮތުގަައި ލިބޭ ފައިސާ ލިބުނު ބާވަތަކުން ދިނުން ލާޒިމުކުރުމަށް ހުށަހެޅުއްވި އިސްލާހެކެވެ.
މައުރޫފު ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ޝުޖާ ވިދާޅުވީ ސާވިސް ޗާޖާ ގުޅޭ ގޮތުން މުވައްޒަފުންގެ ހުރި ޝަކުވާތަަކަށް ހައްލު ލިބޭ ގޮތަށް، އިތުރު ގިނަ މައްސަލަތަކެއް ހައްލުވާނެ ގޮތަށް ފުރުމާކުރެވިފައިވާ ޝާމިލު އިސްލާހުތަކެއް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ގްރޫމިން ސްޓެންޑަޑާ ގުޅޭ އިސްލާހުތައްވެސް ހިމެނޭނެ ކަމުގައި ޝުޖާ ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ މައުރޫފު ޒާކިރު ހުށަހެޅުއްވި އިސްލާހަކީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ގަސްތުކުރާ އިސްލާހުތަކުގެ ވާހަކަ އަޑުއެއްސެވުމަށްފަހު "އެހުމުން ވައްކަންކުރައްވައިގެން" ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށެވެ.
ޝުޖާ ވިދާޅުވި ގޮތުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުގައި ވާހަކަދައްކާއިރު ބިލުތައް މަޖިލީހަށް ހުށަހަޅާއިރު ވަރަށް ތަފުސީލު ދިރާސާތަކެއް ހެދިގެން، އެ މުވައްޒަފުންގެ ބައިވެރިވުމާއި މަޝްވަރާއާއެކު އިސްލާހުތައް ހުށަހެޅުން މުހިއްމެވެ. 19 ވަނަ މަޖިލީހުގައި މިނިމަމް ވޭޖުގެ ގާނޫނު ތައާރަފުކުރެވުނުއިރު އެކަށީގެންވާ ގޮތަކަށް އެ ދާއިރާގެ މުވައްޒަފުންނާ މަޝްވަރާކުރެވިފައިނުވާ ކަމަށް ޝުޖާ ވިދާޅުވިއެވެ.
"އޭގެ އެއްހެކި އެއީ މިނިމަމް ވޭޖުގެ ގާނޫނު 19 ވަނަ މަޖިލީހުން ފާސްވެގެންދިޔަ ގޮތް. މިއަދު އައްސަވާ ރިސޯޓު އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ޒުވާނުންގެ އަރިހުން މިނިމަމް ވޭޖުގެ ގާނޫނުގެ ދަށުން ކޮން މުވައްޒަފަކަށްތޯ އޭގެ ހައްގު އުޖޫރަ ލިބުނީ. އަޅުގަނޑު މިބިލަށް ބަހުސްކުރުމުގެ ކުރިން އަަޅުގަނޑުގެ ދާއިރާގައި ރިސޯޓުތަކުގެ ޓޮޕް މެނޭޖުމެންޓުގައި އަދި އޭގެ ދަށު ފަންތީގައި މަސައްކަތްކުރާ މުވައްޒަފުންނާވެސް އަޅުގަނޑު މަސައްކަތްކުރިން،" ޝުޖާ ވިދާޅުވިއެވެ.
ޝުޖާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި މިހާރުވެސް ސާވިސް ޗާޖު ފޯރުކޮށްދެނީ ބޭރު ފައިސާއިން ކަމަށެވެ. އަދި މެންބަރު މައުރޫފު ހުށަހެޅުއްވި އިސްލާހުގައި އޮތީ ސާވިސް ޗާޖު ދޭންޖެހެނީ ސާވިސް ޗާޖު ނަގާ ފައިސާގެ ބާވަތުންކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ އެހެން އޮތުމުން ޑޮލަރުން އެ ފައިސާ ދިނުން ލާޒިމުނުވާ ކަމަށެވެ.
ޝުޖާ އިތުރަށް ވިދާޅުވީ މިނިމަމް ވޭޖާއި ނައިޓަށް ރަށަށް ދެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލުތަކުގެ މަންފާ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނުލިބެނީ އެ ގާނޫނުތައް އެކުލަވައިލުމުގައި އެ ދާއިރާގެ ހިއްސާދާރުންނާއި މުވައްޒަފުންނާ އެކަށީގެންވާ މިންވަރަށް މަަޝްވަރާކުރެވިފައި ނެތުމުން ކަމަށެވެ.
އަދި ސަރުކާރުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހުތައްވާނީ ވަޒީފާދޭ ފަރާތްތަކާއި ރިސޯޓުތަކުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން އެކުލަވައިލެވޭ ވަށާޖެހޭ އިސްލާހުތަކަކަށްކަން ޝުޖާ ފާހަގަކުރެއްވިއެވެ.