ENGLISH
22 އޭޕްރީލު 2026
މިހާރު އޮތީ ޖުޑީޝަލް ކައުންސިލަށް ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް، އެކަން ބަދަލުކުރާނެ: ހުސްނީ
22 އޭޕްރީލު 2026
|
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު
އެންމެ މަޤްބޫލު
ޖުޑީޝަލް ކައުންސިލް އެކުލެވިގެންދާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮންނަ ތަނެއްގެ ގޮތުގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހުސްނީ މުބާރިކު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓާއި ހައިކޯޓާއި މަތީ ކޯޓުތަކުގެ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ކައުންސިލު އަލުން އެކުލަވައިލުމަށް ގާނޫނަށް ބަދަލު ގެންނަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މަނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހުސްނީ ވަނީ މިދިޔަ ސަރުކާރުގައި ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމުގެ ސަބަބުން ބޮޑެތި އިދާރީ ގޮންޖެހުންތަކާ ކުރިމަތިވިކަން ފާހަގަކުރައްވާފަ އެވެ. ޝަރުއީ ދާއިރާގެ އިދާރީ ހިންގުން އޮންނަންޖެހޭ ގޮތް މިބަދަލު ގެނައި އިރު ގާނޫނުގެ ތެރެއިންވެސް ސާފު ނުވާކަން ފާހަގަކުރައްވައި ހުސްނީ ވިދާޅުވީ ވަކީން ހާއްސަކޮށް ބައެއް ކަންކަމުގައި ޖޭއެސްސީ ކޯޓައް ހާޒިރުވާންޖެހުމާއި މެދު ސުވާލު އުފެދިފައިވާއިރު ބައެއް ކަންކަމުގައި ސީދާ ޑީޖޭއޭ ވަކި މުއައްސަސާއެއް ނޫން ކަމުގައިވިއަސް ކޯޓަށް ހާޒިރުވާން ޖެހޭ ކަމަށެވެ.
ޖުޑީޝަލް ކައުންސިލް އެކުލަވާލުމާއި ޖޭއެސްސީއަށް ގެންނަ ބަދަލުތައް ގެނައުމުގައި ޝަރުއީ ދާއިރާގެ އެކި ފަރާތްތަކާއި ހުރިހާ ގޮތަކުން މަޝްވަރާ ކުރެވިގެން ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ސަރުކާރުން ޖުޑީޝަރީއަށް ގެންނަ ބަދަލުތައް ގެނައުމުގައި ޝަރުއީ ކޯޓުތަކާއި މަޝްވަރާކުރަން. ފަންޑިޔާރުންނާއި މަޝްވަރާ ކުރަން. ހަމަ ހުރެފައެއް ނޫން ބަދަލުތަކެއް މި ގެންނަނީ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި ފަނޑިޔާރުންނާއި މަޝްވަރާކުރެވި ހިޔާލާއި މަޝްވަރާގެ މަތިން ބަދަލުތައް ގެނެވުނީ. ހަމަ އެގޮތަށް ކޯޓުތަކާއި ބެހޭ ގާނޫނަށް ބަދަލު ގެނައުމުގައި ޝަރުއީ ދާއިރާއާއި މަޝްވަރާ ކުރެވޭނެ،". ހުސްނީ ވިދާޅުވި އެވެ.
މީގެ ކުރިން ޖުޑީޝަލް ކައުންސިލް އެކުލެވިފައި އޮތްނަމަވެސް މި ނިޒާމު ތަޖުރިބާ ކުރުމުގެ ފުރުސަތު އޭރު ލިބިފައިވާ ނުވާ ކަން ފާހަގަކުރައްވައި އޭގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ނިންމުމާއެކު އެ ކައުންސިލް އުވިގެންދިޔައީ ކަމަށާއި އަލަށް މިކައުންސިލު އެކުލެވޭ އިރު ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮންނާނެ ކަމުގެ ޔަގީންކަން އޮންނަންޖެހޭނެކަމަށް ވިދާޅުވި އެވެ.
"ޝަރުއީ ދާއިރާގެ ހިޔާލު ހުރި ނެތްގޮތް ދެނެގަތުމަށް ފަހުގައި އޭރު ކޯޓުތަކާއި ބެހޭ ގާނޫނުގެ 83 ވަނަ މާއްދާގައި ބަޔާންކުރާ ކޮމްޕޮޒިޝަންގައި ބޭއްވުންތޯ ނުވަތަ އިތުރު ބަދަލުތަކެއް ގެންނަން ޖެހޭތޯ. އަޅުގަނޑަށް ޔަގީންވާ ކަމަކީ ސިޔާސީ ނުފޫޒު ނޯންނަ ގޮތަކަށް ޖުޑީޝަލް ކައުންސިލް އެކުލެވިގެންދާނެ ކަމަށް. ޝަރުއީ ދާއިރާގެ ތެރެއިން ޖުޑީޝަލް ކައުންސިލް އެކުލެވިގެންދާނެ ކަމަށް،". މެމްބަރު ވިދާޅުވި އެވެ.
ޖުޑީޝަލް ކައުންސިލަކީ 2010 ވަނަ އަހަރު ގެނައި ކޯޓުތަކާއި ބެހޭ ގާނޫނުގެ ތެރެއިން އުފެދުނު ކައުންސިލެކެވެ. އެކައުންސިލް އެކުލެވިފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ތަމްސީލު ކުރައްވާ ފަނޑިޔާރަކާއި، ދަށު ކޯޓުތައް ތަމްސީު ކުރާނެ ފަރާތެއްގެ އިތުރުން މެޖިސްޓްރޭޓް ކޯޓު ތަމްސީލު ކުރާ ފަރާތްތައް ހިމެނޭ ގޮތަށެވެ.
ކުރީ ސަރުކާރުން ޖުޑީޝަރީއަށް ގެނައި ބަދަލުތަކުގެ ތެރެއިން ޑީޖޭއޭ ޖުޑީޝަލް ސާވިސަސް ކޮމިޝަނުގެ ދަށަށް ގެނެސްފައި އޮތް އޮތުމަކީ ޖުޑީޝަރީގެ އިދާރީ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މަގުފަހިވާ ކަމެއްކަން ފާހަގަކުރައްވަމުން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ނިންމުން ބަދަލުކުރައްވައި ޖުޑީޝަލް ކައުންސިލެއް ގާއިމުކުރެއްވުމަށް ގަސްތުކުރައްވާކަން ހާމަކުރައްވާފަ އެވެ.
ޖުޑީޝަލް ކައުންސިލަކީ ކުރިން ގާނޫނުގައި އޮތް ކައުންސިލެއް ނަމަވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެ ކައުންސިލު އުވިގެންދިޔަ ކަމަށާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިތުރަށް ދަށު މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް އޮންނަ ޖުޑީޝަލް ކައުންސިލަކީ ޖުޑީޝަރީއާ ގުޅުންހުރި ފަންނީ ކަންކަން ނިންމާ އެންމެ މަތީ ކައުންސިލުގެ ގޮތުގައި އަލުން އިއާދަކުރެއްވުމަށް ވިސްނަވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު މިއޮންނަ ގޮތުން ކޯޓުތަކުގައި ފަނޑިޔާރުންނަށްވުރެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ބާރުގަދަވެ، އިސްފަނޑިޔާރަށް ކޯޓުތަކުގެ ހިންގުމުގެ ބާރު ނޯވެއެވެ. އެކަމުގެ ސަބަބުން ކޯޓުތައް ހިންގުމުގައި ވަރަށް ބޮޑެތި އުދަގޫތައް ކުރިމަތިވާ ކަމަށެވެ.
ޖުޑީޝަރީއަށާއި މަޖިލީހަށް އަންނަންޖެހޭ އިސްލާހީ ބަދަލުތަކަކީ ކޮންމެހެންވެސް ގެންނަންޖެހޭ ކަންތައްތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.