ENGLISH

22 އޭޕްރީލު 2026

Advertisement

ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުމެއް ނުކުރަން: ޕޮލިސް

22 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ޝަހީދު ހުސައިން އާދަމް ބިލްޑިންގް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުން ހިނގަމުން ދިޔަ ސަރަހައްދުގައި ހޮސްޕިޓަލަށް ގެންދެވުނު މީހާއަށް އަނިޔާވެފައިވަނީ ފުލުުހުން އެޅި ފިޔަވަޅުތަކަކުން ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަ ފުލުހުންގެ އިދާރާއިން ދޮގުކޮށްފި އެވެ.

ފުލުހުން ބުނީ ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާނެކަމަށެވެ. އަދި އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ ގުޅުމެއް ނެތްކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. ދިވެހި ރައްޔިތުންނަށް، ފުލުހުންގެ އިދާރާއިން ޔަގީންކަން ދެއްވާފައިވަނީ އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން އެމީހާއަށް އަނިިޔާވެފައި ނުވާނެކަމަށެވެ.

ފުލުހުންގެ އިދާރާއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ދިވެހި ރައްޔިތުންގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށެވެ. އެހެންކަމުން އެ އިދާރާއިން އިލްތިމާސްކޮށްފައިވަނީ ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށެވެ. މިފަދަ މައުލޫމާތުގެ ސަބަބުން އެ ހިދުމަތައް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ފުލުހުންގެ އިދާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް އިދާރާތަކަށާއި، މީޑިއާތަކަށާއި އާންމުންނަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ.  

ކިޔުންތެރިންގެ ހިޔާލު