ENGLISH

22 އޭޕްރީލު 2026

Advertisement

ވަޠަނީ ޚިދުމަތް ފައްޓަވައި ހަވާސާގައި ތިބި ޒުވާނުން ހިދުމަތުގެ ރާސްތާއަށް ނެރުއްވައިފި

22 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ވަޠަނީ ހިދުމަތުގެ ޕްރޮގުރާާމުގެ އިނިޝަލް ތަމްރީނުގައި ބައިވެރިވާ ޒުވާނުންތަކެއް ފުރަން ތައްޔާރުވެފައި

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ ތެރެއިން 19،000 އަށްވުރެ ގިނަ ޒުވާނުން މަސައްކަތެއް ނުކޮށް، މަތީ ތައުލީމާއި ތަމްރީނު ހޯދުމުގައި ބައިވެރިނުވެ ތިބޭކަން ތަފާސްހިސާބުތަކުން ދައްކައެވެ. ޒުވާނުން ގިނަ ގައުމެއްގައި އާބާދީގެ މިހައި ބޮޑު އިންސައްތައެއް ގައުމީ ހިދުމަތުގައި ހިއްސާއެއް ނެތި ތިބުމަކީ ހައްލު ހޯދަންޖެހޭ ބޮޑު މައްސަލައެކެވެ. އެ މައްސަލަ ހައްލުކުރުމަށް ވަށާޖެހޭ ސިޔާސަތެއް އެކުލަވައިނުލެވި، ކުށުގެ ވެއްޓާއި އެހެނިހެން ނޭއްގާނީ އަމަލުތަކުގެ ތެރޭގައި ޝާމިލުވެ ޣަރަގުވާން އެ ޒުވާނުން ދޫކޮށްލެވިފައި އޮންނަތާ ވަރަށް ޒަމާންވެއްޖެއެވެ. 

މި ހާލަތު ބަދަލުކުރާނެ ސިޔާސަތެއް 2024 ވަނަ އަހަރުގެ ނަސްރުގެ ދުވަހު ގައުމާ މުހާތަބުކުރައްވައި ދެއްވި ތަގުރީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނުކުރެއްވިއެވެ. ދެކުނު ކޮރެއާއާއި، ސިންގަަޕޫރު ފަދަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ތަންފީޒުކޮށް ހިންގަމުން އަންނަ ވަތަނީ ހިދުމަތުގެ ޕްރޮގުރާމުތަކާ އެއްފަދަ ޕްރޮގުރާމެކެވެ. އަމިއްލައަށް އެދިގެން ބައިވެރިިވެ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކުރުމާއެކު، އިސްލާމީ ގައުމީ ފިކުރުގެ މައްޗަށް ޒުވާނުން ހާނުވައި ތަރުބިއްޔަތުކުރާނެ ޕްރޮގުރާމެކެވެ. 

ރައީސް އިއުލާނުކުރެއްވި ޕްރޮގުރާމު 2025 ވަނަ އަހަރު ފެށުނެވެ. އެ ޕްރޮގުރާމުގެ އަސާސީ ތަމްރީނު ޕްރޮގުރާމުގެ ފުރަތަމަ ބެޗުގައި 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުން ތަމްރީނު ފެށީ ސެޕްޓެންބަރު 18، 2025 ވަނަ ދުވަހުއެވެ. ރަސްމީކޮށްް ވަތަނީ ހިދުމަތުގެ ޕްރޮގުރާމު ރައީސް އިފުތިތާހުކޮށްދެއްވީ އޮކްޓޯބަރު، 01، 2025 ވަނަ ދުވަހުއެވެ. 

އޭގެ ފަހުން  ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 350 ދަރިވަރުން ބައިވެރިވިއެވެ. އަދި މިހާރު ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. 

މި ޕްރޮގުރާމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޒުވާނުންނަށް މަސައްކަތްތެރިކަން ދަސްކޮށްދީ، އެ ޒުވާނުންގެ އަމިއްލަ ދިރިއުޅުން ބިނާކުރުމަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުމެވެ. ގައުމީ ހިދުމަތުގެ ކުރީ ސަފުން ޒުވާނުންނަށް ޖާގަ ހޯދައިދިނުމެވެެ. 

ދިވެހި ވަޠަނީ ޚިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ.  ނޭޝަނަލް ސަރވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ.

މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތަޢުލީމު، ލީޑަރޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. އަދި ފަސްޓް އެއިޑް، ފަޔަރ ފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ.

އެގޮތުން އަންނަނިވި ސަނަދުތައް މި ޕްރޮގުރާމުގެ އިނިޝިއަލް ތަމްރީނު ފުރިހަމަކުރުމުން ލިބެއެވެ. 

* ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް (ތަމްރީން ފުރިހަމަކުރާ ހުރިހާ ދަރިވަރުން).

* ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް (ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށްވެސް ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ކޯހުގައި އެންރޯލްވެވޭނެއެވެ. އަދި ކޯހުގެ މުޤައްރަރުގައި ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކެއް ހާސިލްކޮށް ފާސްވާ ދަރިވަރުންނަށް ކޯހުގެ ސަނަދު ދެވޭނެއެވެ.).

* ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ (ކޯހުގެ ފަޔަރ ފައިޓިންގ މޮޑިއުލް އިން ފާސްވާ ދަރިވަރުން).

* ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް (ކޯހުގެ ފަސްޓް އެއިޑް ކޮމްޕޯނަންޓުން އިން ފާސްވާ ދަރިވަރުން).

* ޕިއަރ އެޑިއުކޭޝަން "އެކުއެކީ" ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ދަރިވަރުން ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް.  

ދުނިޔޭގައި މިފަދަ ޕްރޮގުރާމުތައް ހިންގާ އެހެނިހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، މި ޕްރޮގުރާމުތަކުގެ ސަބަބުން ޒުވާނުން ގައުމުގެ އިގުތިސާދީ ކުރިއެރުމުގައި ބައިވެރިވާ މިންވަރު އިތުރުވެއެވެ. އަދި އެ ޒުވާނުންގެ އަމިއްލަ ކެރިއާ ބިނާކޮށްް އެކި ދާއިރާތަކުން ކުރިއަަށްދިއުމަށް ލިބޭ ފުރުސަތުތައް އިތުރުވެއެވެ. 

މިއީ ޒަމާންތަކެއް ވަންދެން ތަފާތު ސަރުކާރުތަކުން އިހުމާލުވެފައި އޮތް މައްސަލައެއް ކަމުގައިވާ ދިވެހި ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މުޖުތަމައުގެ ހަވާސާގައި ކުރާނެ މަސައްކަތެއް އަދި ތަމްރީނާއި ތައުލީމު ހޯދުމުގެ ފުރުސަތެއް ނުލިބި ތިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށުނު، އެކަމުގެ މަންފާ ދެމިގެންދަނިވި ގޮތެއްގައި ގައުމަށް ލިބިގެންދާނެ ޕްރޮގުރާމެކެވެ. 

ކިޔުންތެރިންގެ ހިޔާލު